ރޯދަމަސް ފެށުމާއެކު ކުނިވާ ޒާތުގެ ކުނިތައް މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ބަތް ކޮތަޅުތަކާއި ރިހައާއި ހެދިކާ ކޮތަޅުތަކެވެ. މިތަކެތި މީހުން ހިނގާ ބޮޑެތި މަގުތަކުގެ ޕޭވްމަންޓު މަތީގަޔާއި މަގުމަތީ އެތަން މިތާންގައި އިތުރުވެއްޖެއެވެ. މީގެ އިތުރަށް ފިޔާ ނޮޅާފައި ހުންނަ ތޮށި ތަކާއި ތަރުކާރީ ސާފުކޮށްފައި އުކާލާ ބައިވެސް މި ފެންނަނީ ޕޭވްމަންޓް މަތީންނެވެ.

މިއީ ކޮންމެ ބަޔަކު ކުރިއަސް ވަރަށް ހިތާމަހުރި ކަމެކެވެ. މިގޮތަށް އުކާލުމުން ކުނިނަގާ މީހުންނަށް ވެސް އުނދަގޫވާނެއެވެ. ހިނގާބިނގާ އުޅޭ މީހުންނަށް ވަރަށް ބޮޑަށް ދަތިވާނެއެވެ. ބަލިތައް ފެތުރުމުގެ އިތުރުން އެއިން އަރާ ވަހުގެ ސަބަބުން އެތައް ބައެއްގެ ބަދު ދުޢާތައް ވެސް މިކަންކުރާ ބަޔަކަށް ޖެހިދާނެއެވެ.

އިސްލާމްދީނަކީ ސާފުތާހިރު ކަމުގެ ދީނެވެ. ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަމުންދާއިރު މިފަދަ ނޭދެވޭ ކަންކަމުން ދުރުހެލިވެ ތިބުން ވަރަށް މުހިންމެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިއީ އަވަށްޓެރިންނަށް ޖެއްސުން ކުރުމެވެ. ނުވަތަ އަނިޔާ ކުރުމެވެ. "މަގުތަކުން ނުބައި ވަސް ދުވުމާއި އަވައްޓެރިންނާއި މަގު ހިނގާ މީހުނަށް މިއީ މި ރޯދަމަހު ކުރެވޭ ވަރަށްބޮޑު އުނދަގުލެއް. ސަބަބަކީ ސުކޫލަށް ކުޑަ ދަރިފުޅު ގޮވައިގެންދާ މަންމަ ނުވަތަ ހިނގައިފައިދާ އެނޫންވެސް މީހަކު ދާނީ ޕޭވްމަންޓު މަތިން. އެހެންކަމުން ކުނި ކޮތަޅުތަކާއި އަރާ ހަމަވާއިރަށް ދެން މި ޖެހެނީ އައިކޮޅަށް އަނބުރާލާން،" މީހަކު ބުންޏެވެ. ޕޭވްމަންޓު ކައިރީ ޕާކުކޮށްފައިވާ ސައިކަލް ތައް ގިނަކަމުން އެއިން ދޭތެރެއަކުން މަގުމައްޗަކަށް ނުނުކުމެވެ އެވެ. އެހެން ކަމުން އަނެއްކާވެސް ހާވާލައިފައި ނަމަވެސް އައިކޮޅަށް ދާށެވެ. މި ސަކަރާތެއްގައި ދަރިފުޅު ސުކޫލަށް ގެންދެވޭއިރު ހުންނަނީ ގަޑި ޖެހިފައެވެ.

ކުނިކޮތަޅުތައް އުކާލައިފައި ހުންނަ މަންޒަރުތައް ފެނުމުން ދިވެހިން ކުރީގައި އުޅުނު ސާފު ތާހިރު ރީތި ދިރިއުޅުން ބީވެ ދިޔައީބާވަ އޭ ހިތަށް އަރައެވެ. އަވައްޓެރިންނަށް ވީހާވެސް ފަސޭހަވާނޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރަމުން އައި ދިވެހިންގެ ދިރިއުޅުމަށް މި ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އިޖުތިމާއީ އިމުން ބޭރުވާ ނޭއްގާނީ އެތައް އަމަލުތަކެއް ގިނަވެފައެވެ.

މިފަދަ ކަންކަމަކީ މުޖުތަމައުގެ ހުރިހާ ފަރުދުން ވިސްނައިގެން އިސްލާހު ކުރަންވީ ކަންތައްތަކެވެ.

ކުނި ނަގާނެ އިންތިޒާމް ވެމްކޯއިމް ވަނީ ހަމަޖައްސައިދީފައެވެ. އެތަނުން އަންގާފައިވާ ގޮތަށް އަމަލުކުރުމަލީ މާލެ ކުނިވަމުންދާދިއުން ހުއްޓުމަކަށް އަންނާނެ ކަމެވެ. ބޭނުންވަނީ ފަރުދީ ޒިންމާ ފުރިހަމައަށް އަދާ ކުރުމެވެ. އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވާ ފަދައިން ސާފުތާހިރު ކަމަށް ލޯބިކޮށް މާލޭގެ މަގުތައް ސާފުތާހިރު މަގުތަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަންވީއެވެ.