ފުރޮޅު އިޖާދުކުރުމަކީ އިންސާނުންގެ ތަރައްގީއަށް ލިބުނު އެންމެ ބޮޑު އިންގިލާބު ކަމުގައި ބުނެވެއެވެ. އެހެނީ ފުރޮޅު އީޖާދުކުރުމާއެކު، އިންސާނުންގެ ހަރަކާތްތައް އިތުރުވެގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތި، ވަރަށް ބާރަށެވެ. އެއްޗެތި އުފުލުމަށާއި، މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ފުރޮޅު ވެގެންގޮސްފައިވަނީ ލިބުނު އެންމެ ބޮޑު ކުރިއެރުންކަމުގައެވެ.

އިންސާނުންގެ ގިނަ އީޖާދުތަކަކީ ގުދުރަތުގައިވާ، އެއާ އެއްފަދަ ކޮންމެވެސް އެއްޗެއްގެ މިސާލެއް ބޭނުންކޮށް ކުރާ އީޖާދެކެވެ. ދަނޑުގޮވާންކުރުމުގައި ބޭނުންކުރާ ކޮޅު އޫކުރި ތިންކަށިލީ އުދައްޔަކީ ދެކަފިވެފައި ހުންނަ އޮފިކޮޅުން އައި ހިޔާލެކެވެ. މަތިންދާ ބޯޓަކީ ދޫނީގެ އުދުހުން ބަލައިގެން އުފެއްދި އެއްޗެކެވެ. އެގޮތުން ގިނަ ތަކެތީގެ އަސްލަކީ ގުދުރަތުގައިވާ ކޮންމެވެސް އެއްޗެކެވެ.

ނަމަވެސް ފުރޮޅަކީ ގުދުރަތުގައި އޭގެ މިސާލެއް ފެންނާނެ އެއްޗެއް ނޫނެވެ. ވީމާ ފުރޮޅަކީ އިންސާނުންގެ އަސްލު އީޖާދެކެވެ.

ފުރޮޅު އީޖާދު ކޮށްފައިވަނީ ގަދީމީ "މެސޮޕޮޓޭމިއާ" ގައި ކަމަށް ތާރީހު ހެކިވެއެވެ. އެއީ މިހާރު ހުޅަނގު އޭޝިއާގައި ހިމެނޭ އިރާގު، ކުވޭތު، އަދި އީރާން އާއި ސީރިއާ އާއި ތުރުކީގެ ބައެއް ހިމެނޭ ސަރަހައްދެކެވެ. ނަމަވެސް އެއީ ދަތުރުފަތުރާ އެއްވެސް ގުޅުމެއް ހުރި ފުރޮޅެއް ނޫނެވެ. މީގެ 5500 އަހަރު ކުރިން، އެންމެ ފުރަތަމަ އީޖާދު ކޮށްފައިވަނީ މުށި ތަކެތި ހަދާ އިރު ތެތް ކިސަޑުގަނޑު ބައްޓަންކުރުމަށް ބާއްވާ އެނބުރޭ ބުރެއްގެ ބޭނުމުގައި އުފެއްދި "ޕޮޓަރީ ވީލް" އެވެ. ނަމަވެސް އެފަދަ ވަށްބުރަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުން ކުރެވިދާނެ އެއްޗެއްކަން މީހުނަށް ވިސްނުނީ އޭގެ 300 އަހަރު ފަހުންނެވެ.

ޕޮޓަރީ ވީލް

ފައިމަގުގައި ދަތުރުފަތުރު ކޮށްއުޅުމަށްފަހު، ދެން ގެނެވުނު އެންމެ ބޮޑު ކުރިއެރުމަކީ ފުރޮޅު އީޖާދުކުރުމުން ލިބުނު ކުރިއެރުން ކަމުގައި ބުނެވުނަސް، އެއީ އިންސާނުންގެ ތަރައްގީއަށް އައި ދެވަނަ ކުރިއެރުމެއް ނޫނެވެ. ފުރޮޅު އުފެއްދުމުގެ އެތައް ހާސް އަހަރުކުރިން ކުރިން ތިނޯސް، ފޮތި ވިޔުން، ވާ، ވަށިގަނޑު ވިޔުން، އަދި އޮޑިދޯނި ފަހަރު ފަދަ ފާހަގަ ކޮށްލެވޭ އީޖާދުތައްވަނީ ކޮށްފައެވެ.

ގަދީމީ ޒަމާނުގެ ފުރޮޅެއް

ފުރޮޅަކީ ނާރެހެއްގައި އެނބުރޭ ވަށްބުރެކެވެ. އިހުގައި ފުރޮޅު ހަދާފައިވަނީ އެކަތިގަނޑަކަށް އޮންނަ ލަކުޑިގަނޑަކުންނެވެ. އޭގެ މެދުގައި އިންދާފައި ހުންނަނީވެސް ލަކުޑި ދަނޑިއެކެވެ. ޒަމާންތައް ފާއިތުވި ވަރަކަށް ފުރޮޅުގެ ބައްޓަމަށް ވަރަށް ގިނަ ބަދަލުތައް އައިސްފައިވެއެވެ. އެގޮތުން އެކަތިގަނޑަކަށް އޮތް ލަކުޑިގަނޑު މެދުހުސް ވަށްބުރަކަށް ބަދަލުވެފައިވެއެވެ. އަދި އެ ވަށްބުރުގެ ބޭރުއަރިމަތީގައި ގަނޑުރަބަރާއި ވައިޖަހާ ފުއްޕާފައިވާ ރަބަރު ޓަޔަރުވެސް އެޅުވިއެވެ. ލަކުޑީގެ ބަދަލުގައި ދަގަނޑާއި އެހެނިހެން މައުދަން ބޭނުންކުރެއެވެ. މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ ފުރޮޅު ހުންނަނީ ސްޓީލް ދަގަނޑުން ހަދާފައި ރަބަރު ޓަޔަރެއްގެ އެތެރޭ ފުއްޕާފައިވާ ރަބަރު ޓިއުބެއް ލައްވާފައެވެ.

ފުރޮޅު ހަރުކޮށްފައިވާ ތަފާތު ދެ އުޅަނދު

ރޭލުފަދަ ބަރު، ރޭލުދަގަނޑެއްގައި ދުއްވުމަށް ހަދާފައި ހުންނަ އުޅަނދާއި މެޝިނުގައި ހަރުކޮށްފައި ހުންނަނީ ދަގަނޑު ފުރޮޅެވެ. އެއީ މުޅިން ފަތާނޫން ބައްޓަމަށް ހަދައިގެންނެވެ.

ރޭލު ފުރޮޅު

މިހާރު ގެންގުޅޭ ފުރޮޅުގެ އެއްމައްސަލައަކީ ފުރޮޅު ފަޅައިގެންދިއުމެވެ. އޭރުން ޖެހެނީ ފުރޮޅު ހަދަން ގެންދާށެވެ. ވައިޖަހަން ނުޖެހޭގޮތަށް ގަނޑުރަބަރުން ޓަޔަރު ހަދާފައި ހުންނަނަމަ އެގޮތަށް ފުރޮޅު ފަޅައިގެން ގޮސްގެން އުޅޭކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، އޭރުން އުޅަނދު ބަރުވެ، އުޅަނދު ތެޅޭވަރު އިތުރުވެ، ހަރަދު ބޮޑުވާނެއެވެ. އެހެންކަމުން އެމެރިކާގެ ސްޕޭސް އޭޖެންސީ "ނާސާ" އިންވަނީ ފަޅައިގެން ނުދާނެ، އެކަމަކު ލުއި، ފުރޮޅެއް ދާދި ފަހުން އީޖާދުކޮށްފައެވެ. އެއީ ދުނިޔޭގެ ހަނދު އަދި މާސް ފަދަ ޕްލެނެޓްތަކަށް އުޅަނދުފޮނުވާއިރު އޭގައި އެޅުވުމަށެވެ. މާސްގައި އޮންނަ އުޅަނދެއްގެ ފުރޮޅުފަޅައިގެން ހިނގައްޖެނަމަ، ފުރޮޅު ބައްދަން ވައްދާނެ ގަރާޖެއް ހުންނާނީ އެތައް މިލިއަން ކިލޯމީޓަރު ދުރުގައި ދުނިޔޭގައެވެ.

ނާސާ އިން އީޖާދުކުރި "ނާސާ ވީލް"

ފުރޮޅު ފަޅައިގެން ދިއުމުން ދެވޭ އަވަސް ފަރުވާއެއްގެ ގޮތުން ބައެއް އަގުބޮޑު ކާރުގައި ކޮމްޕްރެސަރެއް ހަރުކޮށްފައިވެސް ހުރެއެވެ. އެއިރުން، ގަރާޖަކަށް ދެވެންދެން ފުރޮޅަށް ވައިޖަހަޖަހައިގެން ފުރޮޅުގައި ވައި ހަރުލެއްވެއެވެ.

ނާރެހެއްގައި އެނބުރޭ ވަށްބުރެއްގެ ސިފައިގެ އިތުރުން، މިހާރު ނާރެހެއްނެތި އެނބުރޭ ފުރޮޅުވެސް އުފައްދާފައިވެއެވެ. އެއީ ވަރަށް މަދު އުޅަނދެއްގައި ހަރުކުރުމަށެވެ. އެފަދަ ފުރޮޅެއްލީ ބައިސްކަލެއްގެ ނުވަތަ ސައިކަލެއްގެ ފުރޮޅުގެ މެދުގައި ބޫސް ދަނގަޑެއް ނުވެއެވެ. އަދި ބަލާލުމުން ހައިރާންކަމެއް ލިބިދޭނެއެވެ.

މައިގަނޑު ގޮތެއްގައި އަދިއަދާ ހަމަޔަށްވެސް، ވާރުތަވެފައިވާ ފުރޮޅުގެ އަސްލަކީ ކުރިން ބުނެވިދިޔަ "ޕޮޓަރީ ވީލް" އެވެ. އަދި އެއީ އިންސާނުންގެ ތަރައްގީއަށް ލިބިގެން ދިޔަ އެންމެ މުހިންމު އާލާތެވެ.