ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އަދި އެންމެ ހިތްގައިމު އެއްސިފައަކީ އިންސާނުންނާއި ޤުރްއާން ލާމެހޭގޮތުގެ ފުރިހަމަކަމެވެ. މިކަމުންވެސް ޤުރްއާނަކީ މުޢުޖިޒާތެއްކަން ކަށަވަރުވެއެވެ. ޢާދިޔާތު ސޫރަތް އަހަރެމެންނާއި ގުޅިލާމެހެނީ ވަރަށް ފުރިހަމައަށެވެ. މިސޫރަތުގައި ﷲ އަހަރެމެންނަށް ދެއްވާ ޒުވާބުގެ ބުއްދިއާމެދު ތިމާވާނީ އަޖާއިބެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ ފުރިހަމަކަމާއި މޮޅުކަމާއި ހިތްގައިމުކަން ދެނެގަނެވޭނީ ސޫރަތުގެ ތަފުސީރަށް ވަނުމަށްފަހު އެއާމެދު ތަދައްބުރުކޮށްގެންނެވެ.
ކީރިތި ޤުރްއާނުގައި ﷲ ދެއްވާ ޒުވާބު ސާދާވެފައި ސާފެވެ. ކީރިތި ޤުރްއާނުގައި އެކުލެވޭ ވަރުގަދަ ބާރު އަންނަނީ އޭގައި ﷲ ވަޙީކުރައްވާ ވާހަކައަކުންނޫނެވެ. އެކަމަކު ވަޙީކުރައްވާ ބަސްތަކާއި ވަޙީކުރައްވާ ގޮތުންނެވެ.
މިސޫރަތުގައި ﷲ އިންސާނުންނަށް ދެއްވާ މެސެޖަކީ އެމީހުންނަށް ފެންނަ ނުވަތަ އެމީހުން ދެކޭ ނުބައި ގޮތެވެ. މިޒަމާނުގެ ބަހުންނަމަ ނެގަޓިވް އެޓިޓިއުޑްއެވެ. ދުނިޔޭގެ މިކުރު ހަޔާތަށްފަހު އޭނާ ކުރިމަތިލާންޖެހޭނެ ނަތީޖާތަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ ހިންގާ އަމަލުތައް ﷲ އަހަރެމެންނަށް ހަނދާންކޮށްދެއްވައެވެ. ﷲ މިސޫރަތް ފައްޓަވަނީ ހުވާކުރައްވަމުންނެވެ.
އިންސާނުން ހުވާކުރާ ސަބަބާމެދު ފިކުރު ހިންގާލީމުހެއްޔެވެ؟ އިންސާނުން ހުވާކުރަނީ އޭނާ އެބުނަނީ ތެދުކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ. އޭނާ ހުވާކުރަނީ އޭނާ ދައްކާ ވާހައިގެ މުހިންމުކަމާއި ބޮޑުކަން އެންގުމަށެވެ. އޭނާ ގަންދެނީ އަނެކުންގެ ސަމާލުކަން ހޯދުމަށެވެ. އޭނާ ގަންދެނީ ކަމުގެ ސީރިއަސްކަމާއި މުހިންމުކަން އަންގައިދިނުމަށެވެ. އޭނާ ހުވާކުރާ އަނެއް ސަބަބަކީ އޭނާގެ ވާހަކަ ގަބޫލުކުރުވުމަށެވެ.
ﷲ ކީރިތި ޤުރްއާނުގައި ގަންދެއްވައި ވަހީކުރެއްވުމުގެ ޙިކުމަތަކީ އެއީ ތޯތޯ އާޔަތްތަކެއްނޫންކަން އަހަރެމެންނަށް އެންގެވުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވި ވަގުތު އެޤުރުއާނުގެ އަމާޒަކީ ނުވަތަ އޯޑިއެންސަކީ މުޟްރިކުންނާއި މުސްލިމުންނާއި ރަސޫލުﷲ އެވެ. މިހާރު އެޤުރްއާނުގެ އަމާޒުކުރެވޭ ބަޔަކީ އަހަރެމެންނެވެ. ގަންދެއްވުމުގެ ހިކުމަތަކީ މިއެންމެންނަށް ވިސްނައި ދެއްވުމެވެ. ނުވަތަ ކަމުގެ ބޮޑުކަން ބަޔާންކުރެއްވުމެވެ. ނުވަތަ ސަމާލުކަމަށް ގެންނެވުމެވެ.
މުފައްސިރު ނުޢުމާން ބަޔާންކުރާގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ގަންދެއްވާއިރު ދެކަމެއްވެއެވެ. އެއީ ހުވާ ނިސްބަތްކުރެވޭ ފަރާތާއި ހުވާގެ މައުޟޫއުއެވެ. މިސާލަކަށް ވަލްއަސްރުގެ މާނަޔަކީ ވަގުތު ގަންދެއްވަމެވެ. ވަގުތަކީ ހުވާ ނިސްބަތްކުރެވޭ ފަރާތެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައެވެ. ހުވާގެ މައުޟޫއުއަކީ އިންސާނާވަނީ ގެއްލުމެއްގައެވެ. ޢާދިޔާ ސޫރަތުގައި ﷲ ގަންދެއްވުން ނިސްބަތްކުރައްވަނީ ހަނގުރާމައަށެވެ. އެކަމަކު ހުވާގެ މައުޟޫއުއަކީ ކާފިރުކަމުގައިތިބި މައްކާގެ މުޝްރިކުންނެވެ.
މުފައްސިރު ނުޢުމާން ފާހަގަކުރައްވާގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ހުވާކުރައްވައި ވަޙީކުރައްވާއިރު ހުވާ ނިސްބަތްކުރައްވާ ފަރާތާއި ހުވާގެ މައުޟޫއުއާ ބޮޑު ގޮޅުމެއްވެއެވެ. ޢާދިޔާ ސޫރަތުގައި ﷲ ގަންދެއްވަނީ އެއިލާހު ދެއްވާ މިސެޖަށް ކާފަރުންގެ ސަމާލުކަން ހުއްޓުވުމަށެވެ. ރަސޫލުﷲ އަށް އަދި އެކަލޭގެފާނު އިއްވަވަމުން ގެންދެވި ﷲ ގެ އާޔަތްތަކަށް މައްކާގެ މުޝްރިކުން އަޅައެއްނުލިއެވެ. އެހެންވެ ﷲ ގަންދެއްވައި ސޫރަތް ފެއްޓެވުމުގެ ޙިކުމަތަކީ ޤުރައިޝްގެ މުޝްރިކުންގެ ސަމާލުކަން ހޯއްދެވުމެވެ. ބަޔަކާއި ވާހަކަދައްކަން އުޅޭއިރު އެމީހުންގެ ސަމާލުކަން ތިމާއަށް ލިބުމުން ތިމާ އެމީހުންނާއި ދައްކާނީ ތިމާއަށް ބޭނުންވާ ވާހަކައެއްނޫނެވެ. އެކަމަކު އެމީހުން އަޑުއަހާނެ ނޫނީ އެމީހުން ޝައުގުވެރިވާނެ ވާހަކައެވެ. އެގޮތުން ﷲ ސޫރަތް ފައްޓަވަނީ އެފަދަ ވާހަކައަކުންނެވެ. އަދި ސޫރަތުގެ ފުރަތަމަ ފަސް އާޔަތަކީ ހުވާކުރައްވައި ވަޙީކުރައްވާ އާޔަތްތަކެވެ.
ކީރިތި ޤުރްއާން ބާވައިލެއްވި ދުވަސްވަރު އަރަބީންގެ މެދުގައި ހަމަލާ ބަދަލުކުރުމަކީ އާންމުކަމެކެވެ. ދެ ގަބީލާއެއްގެ މެދުގައި ޚިލާފެއް އުފެދުމުން އެންމެ އަވަހަށް ކުރެވޭ ކަމަކީ ހަމަލާ ބަދަލުކޮށް ތަޅާފޮޅުން ނުވަތަ ހަނގުރާމަކުރުމެވެ. އެދުވަސްވަރު އެމީހުން މުނިފޫހިފިލުވަންކުރި ކަމަކީ ޅެންހަދައި ޅެން ކިޔުމެވެ. އެގޮތުން ޅެންހެދުނު އެއް މައުޟޫއުއަކީ ހަނގުރާމައެވެ. އެއީ އެމީހުން މާބޮޑު ފޯރިއެއް ހުރިކަމަކަށް ހަނގުރާމަ ވީތީއެވެ. އެހެންވެ ﷲ ޢާދިޔާތު ސޫރަތް ފައްޓަވާފައިވަނީ ހަނގުރާމަވެރި އަހާއި ހަނގުރާމައިގެ މައިދާނުގެ މަންޒަރުތަކުންނެވެ. ފުރަތަމަ ފަސް އާޔަތުން ﷲ ދައްކަވަނީ އެއް މަންޒަރެވެ. އެހެންވެ އެއް އާޔަތް އަނެއް އާޔަތާއި ގުޅިލާމެހެއެވެ.
ﷲ ޢާދިޔާތު ސޫރަތުން އިންސާނުންނަށް ދެއްވާ މެސެޖު ސަރީޙަވެފައި ވަރުގަދައެވެ. އެމެސެޖުން އަންގަވަނީ އެމީހުންގެ ދަހިވެތިކަން ހުރިވަރާއި އެމީހުންގެ ފަރުވާކުޑަކަމާއި އެމީހުންގެ ޣާފިލުކަން ހުރިވަރެވެ. އެމީހުން އެއްވެސް ކަމަކަށް ބިރުވެތިނުވެ ހިތުހުރި ކަމެއް މިދުނިޔޭގައި ކުރާ ވާހަކައެވެ. އަދި އެމީހުން ކުރާ ކަންތަކުގެ ނަތީޖާއަށް އެމީހުން ޖަވާބުދާރުވާންނުޖެހޭކަމަށް ބަލައި އެމީހުން ދުނިޔޭގައި ކަންކުރާ ވާހަކައެވެ. މިސޫރަތުގެ އާޔަތްތަކާމެދު ތަދައްބުރުކުރާ ގިނަ މީހުންނަށް ހީވާނީ މިއީ އެމީހުންނަށް އަމާޒުކުރައްވައި ބާވައިލެއްވި ސޫރަތެއްހެންނެވެ.
ފުރަތަމަ އާޔަތުގައި ﷲ ގަންދެއްވައި ވަޙީކުރައްވަނީ ލާނޭވާގެ އަޑުއިއްވައި ބާރުދުވެލީގައި ދުވާ އަސްތަކުގެ ވާހަކައެވެ. ޢަރަބި ބަހުގައި ޢާދިޔާތު މިބަހުގެ އަސްލަކީ ޢަދޫއެވެ. ޢަދޫގެ މާނަޔަކީ ދުޝްމިންކަމެވެ. މިއާޔަތުގައި މިބަހުގެ މާނަޔަކީ ދުޝްމިނުންނަށް ހަމަލާދޭން އެމީހުންނާއި ދިމާއަށް ހަރުދުވެލީގައި ދުވަމުންދާ ހަނގުރާމައިގެ އަންހެން އަސްތަކެވެ. ޢަރަބީންނަށް ހަނގުރާމަކުރުމުގައި ފިރިހެން އަހަށްވުރެ ދުވެލި ބާރީ އަންހެން އަހެވެ. ޟަބުޙަން މިބަހުގެ މާނަޔަކީ ބާރުދުވެލީގައި ދުވާ އަހުގެ ނޭވާގެ ގަދަ އަޑެވެ.
ދެވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ފިޔަވަޅުތަކުން އަލިފާން ކަނޑަމުން ދުވެގޮސް ހަމަލާދޭ އަހުގެ ވާހަކައެވެ. މޫރިޔާތުގެ މާނަޔަކީ އަލިފާން ކަނޑައިގެން ދިއުމެވެ. ހަނގުރާމައިގެ އަސް އަރުވާފައި ހުންނަނީ ދަގަނޑު ފައިވާނަށެވެ. އެހެންވެ ސަހަރާގެ ހިލަ ބިމުގައި އެސޮރުމެން ހަރުދުވެލީގައި ދާއިރު ފިޔަވަޅުން އަލިފާން ކަނޑައިގެންދެއެވެ. ޤަދުޙަން މިބަހުގެ މާނަޔަކީ އަހުގެ ފައިން ބިމުގައި ޖަހާ ވަރުގަދަ ޖެހުމެވެ.
ތިންވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ފަތިހު ހަމަލާދޭ އަހުގެ ވާހަކައެވެ. މުޢީރާތި މިބަހުގެ މާނަޔަކީ ހަމަލާދިނުމެވެ. ދުޝްމިނުންގެ ބޯމަތިން އެމީހުންނަށް ވަރުގަދައަށް ހަމަލާދޭ ވާހަކައެވެ. ޞުބުޙަންގެ މާނަޔަކީ ފަތިހެވެ. މިތަސްވީރުން ސިފަވަނީ ފަތިހުގެ ހިމޭން ވަގުތުގައި ހަމަލާދޭން ކުޅަދާނަ އަހުގެ ވާހަކައެވެ.
ހަތަރުވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ އެއަސްތައް އެސޮރުމެންގެ ދުވެއްޔާއިން ހަމަލާއިން އެވަގުތު ހިރަފުސްބުރުވާލާ ވާހަކައެވެ. ފައަޘަރުނަ މިބަހުގެ މާނަޔަކީ އެއްޗެއް މައްޗަށް އެރުމެވެ. ނަޤުއަން މިބަހުގެ މާނަޔަކީ މައްޗަށް އަރައިގެންދާ ހިރަފުހެވެ. ހިރަފުސްބޯ ތަނަކުން ހަރު ދުވެލީގައި ގާފިލާއެއް ދަތުރުކުރާއިރު ހިރަފުހުގެ ވިލާގަނޑެއް އުފެދޭނެއެވެ. ނުވަތަ ހިރަފުހުގެ ދުންގަނޑެއް އުފެދި އަރައިގެން ދާނެއެވެ. އެހެންވެ ﷲ މިއަންގަވަނީ އަހުގެ ދުވެއްޔާއި ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ހިރަފުހުގެ ވާހަކައެވެ.
ފަސްވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ އެއަސްތައް ހިރަފުހުގެތެރޭން ދުޝްމިނުންގެ މެދަށް ވަދެގަންނަ ވާހަކައެވެ. ސަޠުނަ މިބަހުގެ މާނަޔަކީ އެއްޗެއް ސީދާ މެދަށް ފޫއަޅޫވާލުމެވެ. ޖަމްޢަން މިބަހުގެ މާނަޔަކީ އެކުގައި ޔަޢުނީ ހުރިހާ އަހެއް އެއްކޮށް މެދަށް ވަދެގަންނަ ވާހަކައެވެ. އަރަބީން އެއެއްޗަކަށް އެމީހުން ފަޚުރުވެރިވި ހަނގުރާމަކުރާ އަހަކީ ވަފާތެރިކަމުގައި ނަމޫނާއެކެވެ. ޖަނަވާރުންގެ އާންމު ސިފައަކީ ބިރުވެރިކަމާއި ކުރިމަތިވުމުން ފިލުމެވެ. އެކަމަކު ހަނގުރާމަކުރުމަށް އަރަބީން ބޭނުންކުރާ އަހަކީ ބިރުން ފިލާއެއްޗެއްނޫނެވެ. އެއާޚިލާފަށް އެސޮރުގެ ސާހިބު މީހާއަށްޓަކައި ވަފާތެރިކަމުގައި އެސޮރުގެ ފުރާނަ ގުރުބާންކުރެއެވެ.
ﷲ މައްކާގެ މުޝްރިކުންނަށް މިދެއްކެވި ތަސްވީރުގެ ފުރިހަމަކަމާއެވެ. ސާހިބު މީހާއަށްޓަކައި ސާހިބު މީހާގެ ޖަނަވާރު އެސޮރުގެ ޠަބީއަތާވެސް ޚިލާފަށް ސާހިބު މީހާއަށް ވަފާތެރިވާ މިންވަރެވެ. އެސޮރުގެ ފުރާނައަށް ނުބަލައި ސާހިބާއަށްޓަކައި ގުރުބާންވާ މަންޒަރެވެ. ސާހިބު މީހާއަށް އަޅުވެތިވެ އިޚުލާސްތެރިވުމުގައި މިއަށްވުރެ ވަކި ފުރިހަމަ މިސާލެއް މައްކާގެ މުޝްރިކުންނަށް ނުދެވޭނެއެވެ.
ﷲ އަހަރެމެންނަށް ދެއްވަން އެދިވޮޑިގަތް ހަގީގީ މެސެޖު ފެށެނީ ހަވަނަ އާޔަތުންނެވެ. މިއާޔަތުގައި ﷲ ވަޙިކުރައްވަނީ ހަމަޔަގީނުންވެސް އިންސާނާއަކީ އޭނާގެ ރައްބުއަށް ހަރާމްކޯރުވުން ބޮޑު މީހެއްކަމުގައެވެ. އެބަހީ އޭނާއަކީ އޭނާގެ ރައްބުއަށް އިޚުލާސްތެރިކަން ކުޑަ މީހެކެވެ. ކުނޫދުގެ މާނަޔަކީ ބުރިކޮށް ވަކިކުރުމެވެ. ނުވަތަ ވަކިވެގަތުމެވެ. ރަސޫލުﷲ އަށް ފުރަގަސްދީ އެކަލޭގެފާނުގެ ބަސް ދޮގުކުރަމުންދިޔަ މުޝްރިކުންނަށް ﷲ މިއަންގަވަނީ އެމީހުންނަކީ ޝުކުރުވެރިކަމެއްނުވާ ހަރާމްކޯރު ބައެއް ކަމުގައެވެ.
ހަތްވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަޔަގީނުންވެސް އިންސާނާގެ ހަރާމްކޯރުވުމަށް އޭނާއަކީ ހެއްކެއްކަމުގައެވެ. މާނަޔަކީ އިންސާނާގެ ހަރާމްކޯރުވުމުގެ ކޮންމެ އަމަލަކީ އޭނާއަށް އެނގިހުރެ އޭނާ ހިންގާ އަމަލަކަށްވުމެވެ.
އަށްވަނަ އާޔަތުގައި ﷲ އަންގަވަނީ އިންސާނާގެ ހަގީގީ ހާލަތެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަކަށަވަރުން އިންސާނާއަކީ މުދަލަށް ލޯބިކުރުމުގައި ގަދަފަދަ މީހެއްކަމުގައެވެ. މާނަޔަކީ އިންސާނާ މުދަލަށް ބޫތުކައިފަވުމެވެ. ޙުއްބު މިބަހުގެ މާނަޔަކީ އެއްޗެއް އެއީ ތިމާއަށް ފައިދާހުރި ނުވަތަ ތިމާ އެއަށް އެދުންވެރިވާ އެއްޗެއްކަމަށް ފެންނަ ފެނުމެވެ. އަދި އެގޮތަށް ފެނުމުން އެލިބިގަތުމަށް ތިމާކުރާ ހިއްމަތާއި މަސައްކަތެވެ. ޚައިރުގެ މާނަޔަކީ ރަނގަޅެވެ. އެކަމަކު މިއާޔަތުގައި ޚައިރުގެ މާނަޔަކީ މުދަލެވެ. މުދަލަށް މާލުގެ ބަދަލުގައި ޚައިރު ބޭނުންކުރެއްވުމުގެ ޙިކުމަތަށް ބަލަމާ ހިނގާށެވެ. ޢިލްމުވެރިން ވިދާޅުވަނީ މުދަލެއްވެއްޖެއްޔާ އެއީ ކޮންމެ އެއްޗަކަށްވިޔަސް އިންސާނާ ދެކެނީ އެއީ ރަނގަޅު އެއްޗެއްކަމަށެވެ. މުދަލާޖެހުމުން އިންސާނާ އެއަށް ދެވިހިފާ ބުއްދިފިލާދާކަން އަހަރެމެންނަށް އެނގެއެވެ. އެހެންވެ އެކަމަށް ﷲ މަލާމާތް ރައްދުކުރައްވަނީކަމަށްވެސް ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ.
ނުވަޔަކާއި ދިހަ ވަނަ އާޔަތުގައި ﷲ ކުރައްވަނީ ސުވާލެކެވެ. ކަށްވަޅުގައިވާ ތަކެތި ނެރެއުކައިލެވޭ ހިނދު، ފަހެ އިންސާނާ ނުދަންނަތީ ހެއްޔެވެ؟ މާނަޔަކީ އިންސާނާ ކުރި ހުރިހާ އަމަލަކާއެކު އޭނާ ދިރުއްވާ ވާހަކައެވެ. ބަޢުޘަރަ މިބަހުގެ މާނަޔަކީ ތިމާ ނުފެނިގެން ނުވަތަ ގެއްލިގެން އުޅޭ އެއްޗެއް ހޯދުމަށްޓަކައި އެއްޗެއް ހުރިކަމަށް ބެލެވޭ ފޮށްޓެއް ފަދަ އެއްޗެއް ބަންޑުން ޖެހުމެވެ. ވަޙީގެ މިބަހުން ލިބިދޭ މެސެޖަކީ އިންސާނާ ތެޅިފޮޅިގެން އެއްޗެއް ހޯދާ ބީދައިން އޭނާ ކުރި ހުރިހާ އަމަލާއެކު އޭނާ ކަށްވަޅުން ނެރުއްވާނެ ވާހަކައެވެ.
ދިހަ ވަނަ އާޔަތުގައި ﷲ ސުވާލުކުރައްވަނީ އިންސާނާގެ ހިތުގައިވާ ނުބައި ނިޔަތާއި މަގުސަދެވެ. ކުރީ އާޔަތުގައި އެންގެވީ އަމަލުގެ ވާހަކައެވެ. މިއާޔަތުގެ ފޯކަސްއަކީ ނިޔަތެވެ. ﷲ ވަޙީކުރައްވަނީ އިންސާނުންގެ ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާ ހިނދު ނުދަންނަނީ ހެއްޔެވެ؟ ޙުއްޞިލަ މިބަހުގެ މާނަޔަކީ ތޮށިގަނޑު ނޮޅައިގެން އޭގެތެރޭގައިވާ އެއްޗެއް ނެރުމެވެ. މިސާލަކަށް ދޮންކެޔޮ ވަކެއް ކެވޭނީ އޭގެ ބޭރުގައިވާ ތޮށިގަނޑު ނޮޅައިގެންނެވެ. ﷲ މިއަންގަވަނީ އެބީދައިން ހިތް ނޮޅައިގެން އޭގެތެރޭގައިވާ ހުރިހާ އެއްޗެއް ނެރުއްވާނެ ވާހަކައެވެ. ޔަޢުނީ އިންސާނާގެ އުރެދުމާއި އޭނާގެ ހިތުގައި މުދަލަށްހުރި ލޯތްބެވެ.
އެންމެ ފަހު އާޔަތުގައި ﷲ ވަޙީކުރައްވަނީ ހަމަކަށަވަރުން އެމީހުންގެ ވެރި ރައްބުއަކީ އެދުވަހުން އެމީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމަށެވެ. އެއީ އޭނާގެ ހިތުގައި ފޮރުވާފަހުރި ކަންކަމަށް ދާނދެނެވެ.