ނިޔަމިކަން ނުވަތަ މާލިމީކަމަކީ، އެއްތަނުން އަނެއްތަނަށް، އެންމެ ފަސޭހައިން، ސަލާމަތާއި ރައްކާތެރިކާމާއެކު ދަތުރުކުރުމުގެ އިލުމެވެ. އާންމު ދިރިއުޅުމުގައި، އޮފީހުން ގެއަށްއައުން، ނުވަތަ ހޮސްޕިޓަލަށް ކުރާ ޒިޔާރަތެއްގައި ޑޮކްޓަރު ބައްލަވާ ކޮޓަރި ހުރިތަން ދެނެގަތުން، މިއީ އިހުޒަމާނުގެ މާލިމީން ބޭނުންކުރި އާލާތްތަކުގެ ބޭނުން ހިފޭ ހާލަތްތަކެކެވެ. އެއްވެސް ވަރަކަށް ނުދަންނަ ސަރަހައްދަކަށް ދެވުމުން، މިސާލަކަށް ކަނޑުމެދުގައި، ދެން ހަނދާނީ ކިހިނެތްބާވައެވެ؟

ތާރީހުން ދައްކާގޮތުގައި، އެންމެ ފުރަތަމަ މުދާއުފުލާވަރުގެ ބޯޓުފަހަރު ބަނދެވުނީ މީގެ 5500 އަހަރުކުރިންނެވެ. އަދި ދުނިޔޭގެ ތާރީހުގައި އެކަން ވެގެން ދިޔައީ ނިޔަމިކަން އުފަންވުމުގެ ގޮތުގައެވެ. އެއިރުގެ ގަދީމީ މާލިމީން ދަތުރުކޮށް އުޅުނީ އައްސޭރިފަށުގައެވެ. އެއްގަމުގައިވާ ފާހަގަކޮށްލެވޭ ތަންތަން ލޮލަށް ފެންނަ ހިސާބުގައި ތިބެގެންނެވެ. އެމީހުން އާންމުކޮށް ދަތުރުކޮށް އުޅުނީ ދުވާލުގެ އަލިކަމުގައެވެ. ރޭގަނޑު އަނދިރިވުމުން، ކޮންމެވެސް ރައްކާތެރި ތަނެއްގައި ނަގިލިލާ ބަނދަރުކުރަނީއެވެ. އެމީހުން އަތުގައި އެއްވެސް ކަހަލަ ޗާޓެއް ނުވެއެވެ. ދަތުރުކުރަނީ ލިސްޓެއްގެ ތަރުތީބު ބަލައިގެންނެވެ.

ގަހާތަރި އަކީ އުތުރު ދެނެގަތުމަށް ބޭނުންކުރެވޭ ތަރިއެއް

އެއްވެސް ރަށެއް ނުފެންނަ ހިސާބަށް ބޭރަށް ދަތުރު ކުރާނަމަ، މާލިމީ ދަތުރުކުރާ މިސްރާބު ދެނެގަންނަނީ އިރު އަރާފައިހުރި މިސްރާބާއި އުސްމިނަށް ބަލައިގެންނެވެ. ރޭގަނޑު ނަމަ، ގަހާ ތަރިއަށް ބަލައިގެންނެވެ.

"ސޭންޑްގްލާސް"

އެންމެ މޮޅު މާލިމީން ދަތުރުކުރަނީ ނަކަތްތަރިތަކަށް ބަލައިގެންނެވެ. އޭގެ ހުނަރުވެރިން، ތަރިތަކުގެ މިސްރާބު ބަލައިގެން، ގަޑިން ވީއިރަށް ބަލައިގެން، ދަތުރުކޮށްގެން، ބިމެއް ފެންނަ ހިސާބަށް އުޅަނދު ގެންދެއެވެ. އެއަށް ފަހު، އެއްގަމުން ފެންނަންހުރި ތަންތަނުގެ މައްޗަށް ބަލާފައި، އުޅަނދު އޮތް ހިސާބު ކަށަވަރުކުރެވެ. މިއީ މިހާރުވެސް ނިޔަމިކަމުގައި ބޭނުންކޮށް އުޅޭ ގޮތެކެވެ.

ދަތުރުކުރެވުނު ދުރުމިން ދެނެގަންނަނީ ދަތުރުކުރާ ވަގުތަށާއި ސްޕީޑުގެ އަންދާޒާއެއްގެ މައްޗަށެވެ. ކުރީ ޒަމާނުގައި ގަޑި ބަލަނީ "ސޭންޑްގްލާސް" ގެ އެހީގައެވެ. އަދި ސްޕީޑު ދެނެގަންނަނީ ލަކުޑިގަނޑެގައި ވާޖަހާފައި ކަނޑަށް ވައްޓާލީމާ، އެ ވާ ދެމޭވަރު މިނެގެންނެވެ.

އައްސޭރިފަށަލައިގާ ދަތުރުކުރާ މީހުން ކަނޑުގެ ފުންމިންވެސް ބަލައެވެ. އެއީ އޭގެ ކޮޅުގައި ތިމަރަ ބަރެއް އެލުވާފައިވާ ވަލެއް ("ލެޑް ލައިން") ކަނޑަށް ބާލައިގެންނެވެ. އެ ވަލުގައި ކޮންމެ ހަ ފޫޓަކުން ގޮށެއް ޖަހާފައި ހުރެއެވެ. ބަރުގޮސް ކަނޑުއަޑީގައި ޖެހުމުން، ފުންމިން ދެނެގަނެވުނީއެވެ.

އެންމެ ފުރަތަމަ މާ ކަނޑަށް ނުކުތް ދަތުރުތަކަކީ ގަސްތުގައި ކުރި ދަތުރުތަކަކަށް ނުވުން އެކަށީގެންވެއެވެ. ވައިގަދަ ވެގެން ނުވަތަ ހުންގާނުގެ މައްސަލައެއް ދިމާވެގެން، އެ އުޅަނދުފަހަރު ބެހިގެން ދިޔައީކަމަށްވުން އެކަށީގެންވެއެވެ. މީގެ 1100 އަހަރު ކުރިން "ވައިކިންގް" އޭ ކިޔުނު މީހުން ގްރީންލަންޑް އިން އައިސްލަންޑް އަށް ދަތުރުކުރީ އިރާއި، ތަރިތަކާއި ވަޔަށް ބަލައިގެންނެވެ.

އެ ޒަމާނުގައި ޓެކްނޮލޮޖީ ނެތް ނެތުމުގެ ބަދަލުގައި އެމީހުންގެ ހިޔާލާއި އީޖާދުކުރުމުގެ ހުނަރު ވަރަށް ފުރިހަމައެވެ. "ވައިކިންގް" މީހުންގެ ތެރެއިން، އައިސްލަންޑް ހޯދި މީހާކަމަށް ބުނެވޭ މީހަކީ ފްލޯކީ ވިލްޔަރޑާސަން ކިޔާ ކުޅަދާނަ މާލިމީއެކެވެ. އޭނާ ދަތުރުމަތީގައި ކޮއްޓަކަށް ލައިގެން ކާޅުތަކެއް ގެންގުޅުނެވެ. ބިމަކާ ކައިރިވެއްޖެކަމަށް ލަފާކުރެވުމުން، އެއިން ކާޅެއް ދޫކޮށްލިއެވެ. އެ ކާޅު އުދުހޭއިރު، އޮޑިވަށައިގެން އެނބުރި އެނބުރި އޮތިއްޔާ އެއްވެސް ބިމެއް ކައިރި ހިސާބެއްގައި ނެތީއެވެ. ނަމަވެސް އެ ކާޅު ވަކި މިސްރާބަކަށް އުދުހޭ ނަމަ، އޭގެ ފަހަތުން އޮޑި ދަތުރުކުރުމުން، ބިމަކާ ދިމާވާނެއެވެ.

އިހުޒަމާނުގެ ސަމުގާއެއް

ދަތުރުފަތުރާ ގުޅޭ އެންމެ އިހުގެ އީޖާދުތަކުގެ ތެރޭގައި ހިމެނޭ އެކައްޗަކީ ސަމުގާއެވެ. މާލިމީންގެ ސަމުގާއަކީ މީލާދީން 12 ވަނަ ގަރުނުގައި ބޭނުންކުރަން ފެށި އާލާތެކެވެ. އެ ސަމުގާއަކީ ޗައިނާ އާއި ޔޫރަޕުގައި އެކުއެކީގައި އީޖާދުވި އެއްޗެކެވެ.

މިސްރާބުތައް

އެ ސަމުގާގެ އެންމެ ބޮޑު ބޭނުމަކަށްވީ، ދަތުރުކުރާ މިސްރާބު ބެލުމަށް ވުރެ ބޮޑަށް، ވައިޖެހޭ ދިމަ ދެނެގަތުމެވެ. އެހެނީ، ޔޫރަޕުގެ ވަށައިގެން ޖެހޭ ވައި، ޖެހޭ މައިގަނޑު އަށް ބާވަތަކަށް ބެހިގެންވާކަމަށް އޭރުވެސް ވަނީ ހޯދާފައެވެ. އަދި "ވިންޑް ރޯސް" އޭ ކިޔާ ކުރެހުމެއްގެ އެހީގައި، އެ ވައެއްޖެހޭ މިސްރާބާއި ބާރުމިން އެނގުމުން، އެއީ ދުނިޔޭގެ ކޮން ސަރަހައްދަކުން ޖެހޭ ވައެއްކަން ހޯދެއެވެ.

ފަހުގެ މެގްނެޓިކް ސަމުގާ އާއި ޗާޓުތައް އުފެދުމަށްފަހުވެސް، "ވިންޑް ރޯސް" ގެ ބޭނުންހިފަމުން ދިޔައެވެ.

ލެޑްލައިން

މަތީގައި ލިޔެފައިވާ "ލެޑް ލައިން" އަކީ ހަމައެކަނި ކަނޑުގެ ފުންމިން ބެލުމަށް ބޭނުންކުރި އެއްޗެއް ނޫނެވެ. ފުންމިން ބެލުމަށް ކަނޑަށް ފައްތާ ވަލުގެ ކޮޅުގައި ހަރުކޮށްފައި ހުންނަ ތިމަރަބަރުގައި، އުށް އުނގުޅުމުން، ކަނޑުގެ އަޑީގައި ހުންނަ ވެލީގެ ސާމްޕަލް އެއް އޭގައި ތަތްލަވައެވެ. އަދި އެ ވެލި ނުވަތަ ކިސަޑުގެ ކުލައާއި ލޮނދިމިނާއި، އެހެނިހެން ސިފަތަކަކީ، ނިޔަމިކަމަށް ބޭނުންކުރި މައުލޫމާތެވެ. މިސާލަކަށް، 14 ވަނަ ގަރުނުގައި އެއްތަނުން އަނެއްތަނަށް ދިއުމަށް ލިޔެފައިވާ ހަރަކާތްތަކުގެ ލިސްޓުގައި އޮންނާނީ "އުތުރަށް ދަތުރު ކުރާނީ، 72 ފެދަމްއަށް ފުންމިން ބަދަލުވެ، އަލި އަޅި ކުލައިގެ ފަސް އެރުމުން، އިރު އުތުރަށް މިސްރާބު ބަދަލު ކުރާނީއެވެ. ދެން، ލޮނދި ކިސަޑު އެރުމުން، އިރު އުތުރުގެ އިރަށް މިސްރާބު ބަދަލު ކުރާނީއެވެ."

ނިޔަމިކަމަށް ބޭނުންވާ އާލާތްތައް އިތުރަށް ތަރައްގީ ކުރުމަށް ބާރުއެޅުނީ، ވިޔަފާރީގެ ގޮތުގައި ކަނޑުދަތުރު ކުރުން އާންމު ވުމުންނެވެ. އަދި އެއާއެކު، ދުރުތަންތަނުން ލިބޭ އަގުހުރި މައުދަންފަދަ ތަކެތީގެ ދަހިވެތިކަން އުފެދުމުންނެވެ. އެންމެ ފުރަތަމަ ރޭގަނޑު ދަތުރުކުރަން ފެށީ މިހާރުގެ މެދުއިރުމަތީ ސަރަހައްދުގެ މީހުންނާއި، ގުރީކު މީހުންނެވެ. އެމީހުން މެޑިޓަރޭނިއަން ކަނޑުގައި ރޭގަނޑު ދަތުރުކުރި އިރު، އެކިއެކި ފަރުބަދަތަކުގެ މަތީގައި، ރޯކޮށްފައިވާ އަލިފާންގަނޑެއް ހުރެއެވެ. އެއީ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް މަގުދެއްކުމަށެވެ.

މީލާދީން 13 ވަނަ ގަރުނާ ހަމައަށް އައި އިރު، ނިޔަމިކަމުގެ ޗާޓު ކުރެހުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރެވުމާއެކު، ދަތުރުފަތުރުގެ ތަފުސީލު ރެކޯޑުތައް ބަލަހައްޓަން ފެށުނެވެ. އެ ރެކޯޑުތައް ބަލައިގެން، އެންމެ ފުރަތަމަ ހެދި ޗާޓުތަކަށް ކިޔަނީ "ޕޮޓޮލަން ޗާޓްސް" އެވެ. އެ ޗާޓުތައް ކުރަހާފައިހުރީ ކަންބަޅި އާއި ބަކަރި ހަމުގައެވެ. އެއީ ވަރަށް އަގުހުރި ޗާޓެކެވެ. އަދި އެ ޗާޓުތައް ގެންގުޅުނީ ސިއްރު އެއްޗެއްގެ ގޮތުގައި ފޮރުވައިގެންނެވެ. އެއީ ވާދަވެރި ވިޔަފާރިވެރިންނަށް އޭގެ މައުލޫމާތު ލިބުނަ ނުދޭންވެގެންނެވެ.

ފިލާއެޅުން

ނިޔަމިކަމުގެ ގޮތުން ފިލާ އެޅުމަށް ބޭނުންކުރާ ސިކިސްތާން ("ސެކްސްޓަންޓް") އަކީ 18 ވަނަ ގަރުނުގެ އުފެއްދުމެކެވެ. އޭގެ ކުރިން މާލިމީން ގެންގުޅުނީ ގޮއިދުރުވާނު ("ކްރޮސް ސްޓާފް") އާއި "އެސްޓްރޮލޭބް" ފަދަ އާލާތްތަކެވެ. 15 ވަނަ ގަރުނުގައި އިންސާނުންގެ ދަތުރުފަތުރުތައް އިތުރުވެ، އާ ބިންތައް ހޯދަމުން ދިޔައިރު، މިފަދަ އާލާތްތައް ދަތުރުކުރަމުން ދިޔަ ބައްތެލިން ބާލާ، އެއްގަމުގައި ބަހައްޓައިގެން، އެ ތަނެއްގެ އަރުލާއި ތޫލު ދެނެގަނެއެވެ. އަދި އެ މައުލޫމާތު ރެކޯޑުކުރުމުން، ފަހުން ޗާޓުތަކުގައި އެ ތަން ކުރެހިއެވެ.

އެ ޒަމާނުގައި މާކަނޑުގައި ދަތުރުކުރުމަކީ ކަނުމީހަކު، އެމީހާއަށް ބީރައްޓެހި ފަޅު ހިސާބަކަށް ދޫކޮށްލުމާ އެއްފަދަ ކަމެކެވެ. އެމެރިކާ "ހޯދި" ކަމަށް މަޝްހޫރުވެފައިވާ ކޮލަމްބަސް ގެ ވާހަކައިން އެކަން ދޭހަވެއެވެ. އޭނާއަށް އެމެރިކާ ފެނުމުން، އޭނާ ހީކުރީ އެއީ އިންޑިއާ ކަމަށެވެ. އެހެނީ އެޒަމާނުގައި، ވިލާތުން ފަށައިގެން އިރަށް ދަތުރު ކޮށްފައިވާ އެންމެ ދުރުތަނަކީ އިންޑިޔާއެވެ. އެހެންކަމުން، ކޮލަމްބަސް ހީކުރީ، ދުނިޔޭގެ އަނެއްފަރާތުން (ހުޅަނގުން) ގޮސް އިންޑިޔާއާ ހަމައަށް ދެވުނީ ކަމަށެވެ. މިއިންވެސް ދޭހަކޮށްދެނީ، ފިލާއެޅުމަށް އޭރު ބޭނުންކުރި އާލާތްތަކަކީ އެހާ ބަރާބަރު އާލާތްތަކެއް ނޫންކަމާއި، ކޮލަމްބަސް އަށް ފިލާއަޅަން އެހާ ރަނގަޅަށް ނޭނގުމެވެ. (މިއީ އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމެކެވެ.)

އެ ޒަމާނުގެ ގަޑި ތަކަކީވެސް، ދުވާލަކު ދިހަވަރަކަށް މިނެޓް ތަފާތުވާ އެއްޗެކެވެ. އަދި އެއީ އެކިދުވަހު އެކި ވަރަށް ތަފާތުވާ އަދަދެއްކަމުން، ކަނޑުމަތީގައި އުޅޭއިރު، ގަޑި ހަމަ ކުރެވޭނެ ރަނގަޅު ގޮތެއް ނޯވެއެވެ. އޭގެ އިތުރުން، ފިލާއަޅައިގެން ހުރިތަން ދެނެގަތުމުގެ ހިސާބުޖެހުމަށް ގަޑިން ވީއިރު ބޭނުންވާތީ، ދަތުރުކުރެވުނު މިންވަރު ދެނެގަތުމުގައި ވަރަށް ބޮޑެތި ހިލާފު ހުރެއެވެ.

"ފްރޮޑްޝެމް މެރިން ކްރޮނޮމީޓަރ"

މީލާދީން 1764 ވަނަ އަހަރު އިނގިރޭސި ފަންނީ އުފެއްދުންތެރިޔާ، ޖޯން ހެރިސަން، އުފެއްދި "ސީގޮއިންގް ކްރޮނޮމީޓަރ" އަކީ އެންމެ ފުރަތަމަ ފަހަރަށް ބަރާބަރު ގަޑި ދައްކުވައިދިން ގަޑިއެވެ. އެ ގަޑިއަކީ، ދުވާލަކު ސިކުންތެއްގެ ދިހަ ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ފަރަގެއް ނުދައްކާ ގަޑިއެކެވެ. އޮސްޓްރޭލިއާ "ހޯދި" ކަމަށް މަޝްހޫރު، އަދި އެންމެ ފުރަތަމަ ފަހަރަށް ދުނިޔެވަށާ ބުރުޖެހި، ޖޭމްސް ކުކް، އެދަތުރުގައި ބޭނުންކުރީ މި ކްރޮނޮމީޓަރ ގަޑިއެވެ. ދުނިޔެވަށާ ބުރުޖަހާ ނިމުނު އިރު، ކުކް ގެ ހިސާބުތަކުން ދެއްކީ އެންމެ އަށް މޭލުގެ ފަރަގެވެ.

ރޭޑިއޯ ސިގްނަލް ގެ ބޭނުންކުރަން ފަށަންދެން، ކްރޮނޮމީޓަރ ވެގެން ދިޔައީ، ކިތަންމެ އަގު ބޮޑެއްކަމަކު، ބޯޓުފަހަރުގައި އޮތުން ކޮންމެހެންވެސް ލާޒިމު އާލާތަކަށެވެ. ރޭޑިއޯ ރިސީވަރު އުފެއްދުމުން، ޖީއެމްޓީ ގަޑިން ވީއިރުގެ މައުލޫމާތު، މުޅި ދުނިޔެއަށް ލިބެންފެށިއެވެ.

ނިޔަކަމަށް ބޮޑެތި ކުރިއެރުތަކެއް 20 ވަނަ ގަރުނުގައި ލިބިފައިވެއެވެ. "ޖައިރޮސްކޯޕިކް" ސަމުގާއަކީ ހަގީގީ އުތުރަށް އަބަދު އެނބުރޭ ސަމުގާއެކެވެ. އެއީ 1907 ގެ އީޖާދެކެވެ. އާންމު ބޭނުމަށް އެންމެ ފުރަތަމަ ރާޑަރު ބޭނުން ކުރަންފެށީ 1935 ގައެވެ. ރާޑަރުގެ އެހީގައި އުދަރެހަށްވުރެ ދުރުގައިވާ އެއްޗެތި އާއި ތަންތަން ދެނެގަނެވެއެވެ. އެއީ ވިއްސާރު ތޫފާނުގެ ވިލާތަކެއްކަން ދެނެގަނެވެއެވެ. ނުވަތަ ރަށެއްކަން ދެނެގަނެވެއެވެ. އޭގެ އިތުރު، އެހެން އުޅަނދު ފަހަރުވެސް ދެނެގަވެއެވެ. ކިތައްމެ އަނދިރިވިޔަސް، ނުވަތަ މޫސުންގޯސްވެގެން ލޮލަށް ދުރު ނުފެންނަ ހާލަތުގައިވެސް، ރާޑަރަށް ފެނެއެވެ.

ލޯރަން ސިސްޓަމް

މުޅި ދުނިޔެއަށް ރޭޑިއޯ ސިގްނަލްތަކެއް ފޮނުވައިގެން، "ލޯރަން" (ލޯންގް ރޭންޖް ނެވިގޭޝަން) ނިޒާމެއް 1940 ގެ އަހަރުތަކުގައި އެމެރިކާއިން ގާއިމު ކުރިއެވެ. އެ ނިޒާމުގެ އެހީގައި، ބޯޓުފަހަރަށް އޮވެވޭ ތަން، ވަރަށް ބަރާބަރަށް ދެނެގަނެވުނެވެ. ނަމަވެސް އެއީ ވަރަށް އަގުބޮޑު އާލާތަކަށްވުމުން، އެ ނިޒާމު ބޭނުން ކުރީ ހަމައެކަނި އެމެރިކާގެ އުޅަނދު ތަކެވެ.

ޖީޕީއެސް ސިގްނަލް

ޖައްވީ އުޅަނދުތައް އުފައްދާ، ފަޒާއަށް ސެޓެލައިޓުތައް ފޮނުވަން ފެށުމާއެކު، އެމެރިކާގެ ޑިޕާޓްމެން އޮފް ޑިފެންސް އިން ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިންގް ސިސްޓަމް) ގާއިމު ކުރިއެވެ.

މި ނިޒާމުވެގެން ދިޔައީ ނިޔަމިކަމަށް މިހާތަނަށް ލިބިފައިވާ އެންމެ ބޭނުންތެރި، އެންމެ ބަރާބަރު އާލާތަށެވެ. އަދި މިހާރު ޖީޕީއެސް އަކީ އަތުގައި އޮންނަ ފޯނުންވެސް ބޭނުންކުރެވޭ ނިޒާމެކެވެ.

ނިޔަމިކަމަކީ އިންސާނުންގެ ދަތުރުފަތުރުތައް، ދުރު ސަރަހައްދުތަކަށް، ހާއްސަކޮށް ކަނޑުމަގުން، ކާމިޔާބުކަމާއެކު ކުރުމަށް މެދުވެރިވި ފަންނެކެވެ. ނިޔަމިކަމަށް ގެނެވިފައިވާ ކުރިއެރުންތަކަކީ، ވަރަށް މުހިންމު، އަދި އޭގެ ސަބަބުން، މުޅި ދުނިޔޭގެ ތަރައްގީއަށް އަސަރުކޮށްފައިވާ ކުރިއެރުމެކެވެ.