އިރު އޮއްސެމުން ދިޔައިރު އުދަރެހުން އެފެންނަނީ އަޖައިބުވާފަދަ ރީތި މަންޒަރެކެވެ. އުޑުމަތި ޒީނަތްތެރިވެފައިވަނީ ރަންކުލަ އާއި ރަތް ކުލައިންނެވެ. އިރުގެ ހުޅުދާން ވެފައިވާ އަލިކަން ބަހުރު ލޮނުގަނޑާ ނިވާވަމުން ދިޔައިރު އެ ރަތްކުލަ ދިޔައީ އިތުރަށް ފާޅުވަމުންނެވެ. ނިޝާ އާއި އޭނާގެ ރަޙުމްތެރި ހުދާ އާއި ރަޝީދާ ތިބީ މި ރީތި ޤުދުރަތީ މަންޒަރު ބެލުމަށް ދ. މީދޫ ތުނޑިމަތީގައެވެ.
އިރު އޮއްސުމުން ތިން ކުދިން ވެސް ގެއަށް އައީ އިޝާނަމާދަށް ފަހު ނިޝާ މެންގެ ގެއިން ބައްދަލު ވުމަށް އެއްބަސް ވެގެންނެވެ.
ރަޝީދާ އާއި ހުދާ ދ. މީދޫގައި ދިރި އުޅުނަސް ނިޝާ ދިރިއުޅެނީ މާލޭގައެވެ. މި ފަހަރު އޯލެވެލް އިންތިހާނު ނިމުމުން ބޮޑު ޗުއްޓީއެއް ލިބުނީތީ އާއިލާގާތަށް ރަށަށް އައިސް ހުރީއެވެ.
ނިޝާ މާލޭގައި ހުންނަނީ އޭނާގެ މަންމަ ފަރާތު ބޮޑުދައިތަ ގާތު އެވެ. ބޮޑުދައިތަ އުޅެނީ މާލޭ މީހަކާ އިނދެގެން މާލޭގައެވެ. ބޮޑުދައިތަގެ ދެމަފިރިންގެ ހުންނަނީ އެންމެ ކުއްޖެކެވެ. އެއީ ފިރިހެން ކުއްޖެކެއެވެ. ބޮޑުދައިތަމެންގެ އަންހެން ކުއްޖަކު ނުހުންނާނީ ނިޝާ ދެކެ އެ ދެމަފިރިން ވަރަށް ލޯބި ވެއެވެ. ދަރިއެއް ގޮތަށް ގެންގުޅެއެވެ. ނިޝާ އަކީވެސް އޭނާގެ މައިންބަފައިން ނަށް ލިބުނު ހަމަ އެކަނި އަންހެން ދަރިފުޅެވެ. ދެން އެ އާއިލާގައި ތިބެނީ ނިޝާގެ 3 ބޭބެ އެވެ. އެހެންކަމުން ރަށުގައިވެސް ނިޝާ އަކީ ރަން ދަރިފުޅެވެ.
ނިޝާމެން ތިން ކުދިން އިޝާ ނަމާދަށްފަހު ނިޝާމެންގެ ގެއިން ބައްދަލު ކޮށްފިއެވެ. ތިން ކުދިން ވެގެން މިރޭ ކެއުމަށްޓަކައި ނޫޑުލިސް ކައްކަނީ އެވެ. މަޖާ އޮލަ ވާހަކަތަކުގައި ކެއްކުމުގައި މަސްޢޫލުވެގެން އުޅެނިކޮށް ނިޝާގެ ފޯނު ރިންގުވާން ފެށި އެވެ. އަވަހަށް ފޯނަށް ބަލައިލި އިރު ބޮޑުދައިތަގެ ދަރިފުޅު ހުޝާމު ގުޅަނީ އެވެ. ނިޝާ ފޯނު ނެގުމުން ހުޝާމުބެ ޗުއްޓީ އަށް މަންމަ ރަށަށް ދާށޭ މި އުޅެނީ ބުންޏެވެ. ހުޝާމްބެއާއެކު ރައްޓެއްސަކުވެސް އަންނަ ކަމަށް ބުންޏެވެ. ނިޝާ އަށް މި ގުޅީ ކެއުމުގެ ކަންތައް ހަމަޖައްސައި ދެވޭނެތޯ އަހާށެވެ.
ނިޝާ އުފަލުން އާނއެކޭ ބުންޏެވެ. ހުޝާމް ރަށަށް މި އަންނަނީ 4 އަހަރު ފަހުންނެވެ. އެހެން ކަމުން އާއިލާގެ އެންމެންވެސް އުފާވާނެކަން އޭނާ އަށް އެގެއެވެ.
ނިޝާ ފޯނު ބޭއްވުމަށްފަހު ދުވެފާ ގޭތެރެއަށް ދިޔައެވެ. އަދި މަންމަ ގާތު މި ވާހަކަ ބުންޏެވެ. ނިޝާ މަންމަ ބުނީ ހުޝާމު ވަޒިފާ ލިބުނު ފަހުން އަދި ރަށަށް ނާންނާތީ އާއިލާގެ އެންމެވެސް މިކަމާ ވަރަށް އުފާ ވާނެކަމަށެވެ.
އަނެއްދުވަހުގެ ފަތިހު ނިޝާގެ މުޅި އާއިލާ ތައްޔާރު ވަމުން ދިޔައީ ހުޝާމާއި އޭނާގެ ރަޙުމަތްތެރިޔާ އަށް މަރުހަބާ ކިއުމަށެވެ. ހުޝާމުގެ ރަޙުމަތްތެރިޔާ އަކީ ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނަ ކުއްޖެއްކަމުން ނިޝާއަކަށް އަދި އޭނާ އާއި ބައްދަލެއް ނުވެއެވެ.
އެދުވަހުގެ ފެރީ އަންނަން ހަމަ ޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އެހެންކަމުން ނިޝާގެ އާއިލާގެ އެންމެންގެ އިތުރުން އޭނާގެ އެންމެ ގާތް ދެ ރަޙުމަތްތެރީން ވެސް ފެރީ ލަފާ ތަނަށް ބަނދަރަށް ދިއައެވެ.
ފެރީ ލަފައިފިއެވެ. ހުޝާމާއެކު އޭނާގެ ރަޙުމަތްތެރިޔާ ލޯންޗުން ފައިބަން ގެގަނޑުގެ އެތެރެއިން ނުކުތުމާއެކު ނިޝާގެ ކަޅި ހުއްޓުނީ ހުޝާމްބެގެ ރަޙުމަތް ތެރިޔާ އަށެވެ. އެއީ ދިގު އިސްކޮޅެއްގެ ވެރި ޒުވާނެކެވެ. މޭމަތި ފުޅާ ކަސްރަތީ ހަށިގަނޑެކެވެ. އޭނާ ހުޝާމް އާއެކު ވާޓަރު މައްޗަށްފައިބާ ނިޝާމެނާ ދިމާއަށް ބަލާލިއެވެ. އެ ލޮލުގައިވަނީ ޖާދޫގެ ބާރެކެވެ. މޫނު ދޮން މުށި ކުލާގައި ވާއިރު، ތުނިކޮށް ފަޅަފާފައިވާ ތުނބުޅިން ފިރިހެން ވަންތަކަމުގެ ހައިބަތުކަން ދައްކައެވެ.
ނިޝާމެންގެ އާއިލާގެ އެންމެން ހުޝާމު އާއި އޭނާގެ ރަހުމަތްތެރިޔާ އާއި ސަލާން ކޮށް އެމީހުން ގެނައި ދަބަސްތައް ހިފައިގެން ގެއަށް ދާން ހިނގައިގަތެވެ. ގެއަށް ދާން ހިނގައިގަތުމުގެ ކުރިން ހުޝާމު އޭނާގެ ރަޙުމަތްތެރިޔާ އެންމެންނަށް ތަޢާރަފު ކޮށްދިނެވެ. އޭނާ އަށް ކިޔަނީ ފަޔާޒެވެ. މާލޭގެ ރައްވެއްސެކެވެ. އެމްބީބީއެސް ހެދުމަށްފަހު މިހާރު އޮޕަރޭޝަނަށް ޚާއްޞަވާން ޔޫކްރޭންގައި ކިޔަވަން ހުންނަތާ 3 އަހަރުވެއްޖެއެވެ.
ނިޝާ ވަރަށް ޝައުގުވެރި ކަމާއެކު ހުޝާމްބެ ގެ ރަޙުމަތްތެރިޔާ ގެ މައުލޫމާތު އަޑު އެހިއެވެ. ހުޝާމް އާއި އޭނާގެ ރަޙުމަތް ތެރިޔާ ތިބެން ހަމަޖެހިފައިވަނީ ހުޝާމްގެ މަންމަ ގޭގައެވެ. އެއީ ނިޝާގެ ވެސް މަންމަގެ ގެއެވެ. އެގޭގައި މިހާރު ދިރިއުޅެނީ ނިޝާގެ މާމަޔާއި ބޮޑު ދައިތަ އެކެވެ. ބޮޑުދައިތަގެ ފިރިމީހާ ވަނީ ނިޔާވެފައެވެ. އަދި ތިބި ދެ ދަރިންވެސް މީހުނާ އިނދެ ފިރިންގެ ގޭގެއަށް ދިއުމުން މަންމަ ގާތު އިންނަނީ މި ބޮޑުދައިތައެވެ.
އެ ގޭގައި ހުޝާމާއި އޭނާގެ ރަޙުމަތް ތެރިޔާއަށް ތައްޔާރުކޮށްފައިވާ ދެ ކޮޓަރި ހުއްޓެވެ. ދެ ޒުވާނުންނަށް ވެސް މިނިވަން ކަމާއެކު އުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ.
މާމަ ގޭގައި ދަބަސްތައް ބެހެއްޓުމަށްފަހު ނިޝާގެ ބޭބެމެން ހުޝާމުމެން ގޮވައިގެން ގެއަށް ދިޔައެވެ. އޭރު ކާކޮޓަރީގައި ނިޝާއާއި އޭނާގެ މަންމަ ސައި ތައްޔާރުކޮށް ނިންމަނީ އެވެ. މި ދެޒުވާނުންނާއެކު ނިޝާގެ ބޭބެ މެންވެސް ސައި ބޯން އިށީނެވެ. ސައިބޯން އިން އިރު ފަޔާޒުގެ ކަޅި ނިޝާގެ ގައިން ނުނެއްޓޭކަން އޭނާ އަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ވަރަށް ލަދުން ނުބަލާކަމަށް ހަދައިގެން ނިޝާ ކާކޮޓަރީ ފާރުގައި ލެނގިލައިގެން ހުއްޓެވެ. އެމީހުން ސައިބޮއި ނިމުމުން ތަށިތައް ނެގުމަށްފަހު ނިޝާ ދިޔައީ އޭނާގެ ރަޙުމަތްތެރިން ހޯދާށެވެ. އެމީހުނާއެކު މިއަދުވެސް އިރު އޮއްސޭ މަންޒަރު ބަލަން ދާށެވެ. ނިޝާމެން ތިންކުދިން އަތިރި މައްޗަށްގޮސް ގޮނޑު ދޮށު ކައިރީގައި ހުރި ޖޯލި ފައްޗެއްގައި އިށީނެވެ. އޭރު އެ އަތިރި މަތީގައި އެކި އުމުރުފުރައިގެ މީހުން ތިއްބެވެ.
ނިޝާމެން އިށީނދެ އިރުކޮޅެއް ވީތަނާ ފަހަތުން މީހަކު އައިސް "ޕޮއް" ކިޔާފައި ނިޝާގެ މޫނުގައި އަތް އެޅިއެވެ. ސިއްސައިގެން ގޮސް ބަލާލި އިރު ނިޝާގެ ހުޝާމް ބެއެވެ. އޭނާ ގާތު ހިނުތުންވެފައި ހުރި ފަޔާޒުގެ އަތުގައި ބޮޑު ކެމެރާއެއް އޮތެވެ.
ފަޔާޒު އޭނާގެ ކެމެރާއިން ހޭޅިފަށާއި ގޮނޑުދޮށުގެ މަންޒަރުތައް ފޮޓޯ ނަގަމުން ދިޔައެވެ. ހުޝާމު އަތިރިމަތީގައި ތިބި މީހުންގެ ތެރެއިން އިސްރަށްވެހިންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ދެއެވެ. ފަޔާޒު ފޮޓޯ ނަގަމުން ގޮސް ކުއްލިއަކަށް ނިޝާމެނާ ދިމާއަށް ކެމެރާ ދިއްކޮށްލިއެވެ. އެވަގުތު ނިޝާ ލަދުން މޫނުގައި އަތް އެޅިއެވެ. ހުޝާމު ހީލާފައި ކެމެރާ އަނެއް ފަރާތަށް އަނބުރާލިއެވެ. އެދުވަހުގެ އިރު އޮއްސުމުން ނިޝާމެން ގެއަށް ދިޔައީ ހުޝާމް އާއި ފަޔާޒު އާއިވެސް އެކުގައެވެ.
ހުޝާމު މެން މާމަ ގެއަށް ދިއުމުން ނިޝާމެން ތިން ކުދިން ނިޝާމެން ގެއަށް އައިސް އެކުއްޖެއްގެ ގެޔަށް އެކުއްޖަކު ދިޔައެވެ.
އެރޭ ކެއުމަށް ހުޝާމް އާއި ފަޔާޒު އާއިރު ކާން ހަދަން އުޅެނީ ނިޝާ އެކަންޏެވެ. އެ މީހުން ކާން ތިބި އިރު ނިޝާ ކިތަންމެ ނޫންކަމަށް ހެދެން އުޅުނަސް އޭނާ އަށްވެސް ސިއްރުން ފަޔާޒާ ދިމާއަށް ބެލެވެ. އެ ދެލޮގައިވާ ޖާދޫއެއްފަދަ ބާރުން ދަގަތްފާނަށް ދަނގަޑު ދަމާހެން ނިޝާ ނަޒަރު ވެސް އެދިމާއަށް ދާންފެށިއެވެ. ކާން ތިބި އިރު ހުޝާމް ނިޝާ އާ ބެހޭގޮތުން ފަޔާޒަށް ކިޔައި ދިނެވެ. މިއަހަރު އޯލެވެލް ނިންމުމަށްފަހު އަންނަ އަހަރު އޭލަވަލް އަށް ކިޔަވަން ތައްޔާރު ވަމުންދާ ވާހަކަ ކިޔައި ދިނެވެ. އަދި ވަރަށް ކިޔަވަން މޮޅު ކުއްޖެއްކަމާއި ޓޮޕްޓެން އިން ޖާގަ ކަށަވަރު ވާނެކަންވެސް ބުންޏެވެ. ނިޝާ ރަކި ވެފައި އެވާހަކަތަކަށް އެއްވެސް ޖަވާބެއްނުދީ ހުއްޓެވެ.
ހުޝާމުމެން ކައި ނިމިގެން ކާ ކޮޓަރިން ނުކުތުމުން ނިޝާ ތަށިތައް ނަގަން ފަށައިފިއެވެ. ތަށިތައް ނަގަމުން ދަނިކޮށް ބަތް އަޅާ ތަށިގެ މަތި ދަށުގައި އޮތް ފޯނެއް ފެނިއްޖެއެވެ. މަތި ދަށުގައި މި ފޯނު އޮތުމުން ނިޝާ ހައިރާން ވެގެން ފޯނު ނެގި ތަނާ ކާ ކޮޓަރިއަށް އެ އައިސް ވަނީ ފަޔާޒެވެ. އަދި ފާރުގައި ފައި ވިއްދާ ލާފައި ނިޝާ އާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ. ފޯނު ނެގިއްޔާ ނަންބަރުވެސް ޖަހާލަދޭށެވެ. ނިޝާ އެއްވެސް އެއްޗެއް ނުބުނެ އިސް ޖަހާލި އެވެ.
ފަޔާޒު ނިޝާ އާ ދިމާއަށް އަތް ދިއްކޮށްލާފައި ނަންބަރު ދޭހައި ގާތް ރަޙުމަތްތެރިއަކަށް ނުވަނީތޯ އަހާލިއެވެ. ނިޝާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާ ލިއެވެ. ފަޔާޒު އަނެއްކާވެސް ހީލާފައި ބުނެލިއެވެ. ނަންބަރު ނުދެންޏާ ތިޔަ ފޯނުން ނަންބަރަށް ގުޅާލާށެވެ. ނިޝާ ލަދުން ތުންފަތުގައި ދައިގަނެގެން ހުރެ ފަޔާޒުގެ ފޯނުން އޭނާގެ ފޯނަށް ގުޅިއެވެ. ކާ ކޮޓަރީގައި އޮތް އެ ފޯނު ރިންގުވާން ފެށުމުން ފަޔާޒު އަތަށް އޭނާގެ ފޯނު ދިނެވެ. ފަޔާޒު ތެންކްޔޫ އޭ ބުނެ ފޯނު ހިފައިގެން ހިނގައި ގަތެވެ.
އެރޭ ނިދަން އޮށޯވެ ނިޝާ އަށް އިންތިޒާރު ކުރެވެނީ ފަޔާޒުގެ ފޯނަށެވެ. އޭނާ ފަޔާޒުގެ ނަންބަރު ފަޔާ ޖަހާފައި ސޭވް ކުރި އެވެ. އިރު އިރު ކޮޅާ ފަޔާޒު އޮންލައިން ތޯވެސް ވައިބަރ އިން ބަލާލައެވެ. އަދި ފަޔާޒުގެ ޑީ ޕީ ގައި އިން ފޮޓޯ ގަނޑަށް ބަލަން ލޮލަށް ނިދި ނައިސް އޮތެވެ. މި ގޮތަށް އެނދުގައި ފުރޮޅު ފުރޮޅި އޮއްވާ ފޯނު ރިންގުވާން ފެށިއެވެ. ނިޝާ އަވަސް އަވަހަށް ފޯނު ނެގިއެވެ. އެކޮޅުން ފަޔާޒު އެހި އެވެ. " ނިދަނީ ހެއްޔެވެ؟" ނިޝާ ނޫނެކޭ ބުންޏެވެ. ފަޔާޒު ބުންޏެވެ. މި އައީ ހުޝާމާއެކު ރަށުތެރެ ބަލައިލާން ހިނގާލާފައެވެ. އާއިލާގެ ބައެއް ގޭގެ އަށް ގޮއްސައެވެ. ނިޝާ އެހި އެވެ. ކޮން ގޭގެ އަކަށް ހެއްޔެވެ؟ ފަޔާޒު ބުނީ ބުނެދޭކަށް ނޭނގެއެވެ. އެކަމު މަންމަގެ ތިމާގެ މީހުންގެ ގޭގެއޭ ހުޝާމު ބުންޏެވެ.
ފަޔާޒު ނިޝާގާތު އެހިއެވެ. ކޮންމެ ރެއަކުވެސް މިހާއިރު ހޭލާ އުޅެން ހެއްޔެވެ؟ ނިޝާ އެއްވެސް ޖަވާބެއް ނުދިނެވެ. ފަޔާޒު ހިނިގަނޑެއް ޖަހާލިއެވެ.
ފަޔާޒު ބުންޏެވެ. ނިޝާ އެކޭ އެއްގޮތަށް ނިޝާގެ އަޑުވެސް އެހާ ރީއްޗެވެ. ނިޝާ އެއްވެސް އެއްޗެއް ނުބުނުމުން ފަޔާޒު ބުންޏެވެ. ހިތް ހަމަ ނުޖެހުނީ ހެއްޔެވެ؟ ނިޝާ ނޫނެކޭ ބުނުމުން ދެން އޮތީ އެންމެ ބޮޑު ސުވާލޭ ފަޔާޒު ބުންޏެވެ. އެއީ ކޮން ސުވާލެއް ހޭ ނިޝާ އެހުމުން ފަޔާޒު ބުނީ ނިޝާ އުޅެނީ އެއްވެސް ކުއްޖަކާ ރައްޓެހި ވެގެން ހެއްޔެވެ؟ ނިޝާ ނޫނެކޭ ބުނުމުން އަނެއްކާވެސް ފަޔާޒު ބުންޏެވެ. އެހެންވީމާ އަހަނަށް ޗާންސް އެބޮތް ދޯ އެވެ. އަނެއްކާވެސް ނިޝާގެ ޖަވާބެއް ނައެވެ. އިރު ކޮޅެއްގެ ހިމޭން ވަގުތު ކޮޅަކަށް ފަހު ފަޔާޒު ބުންޏެވެ. މި އިން ތިޒާރު ކުރަނީ ޖަވާބަކަށެވެ. އަނެއްކާވެސް ނިޝާގެ އަޑެއް ނީވުމުން ފަޔާޒު ބުނެފިއެވެ. ޖަވާބެއް ނައުމުން މާނަޔަކީ ޗާންސެއް ނެތިއްޔޭ ދޯއެވެ. މިފަހަރު ވަރަށް އަވަސް އަވަހަށް ނިޝާ ނޫން "ނޫން" އޭ ބުނެލިއެވެ. ފަޔާޒު ހިނިގަނޑެއް ޖަހާލާފައި މާދަމާރޭ ކޮންމެވެސް ގަޑިއެއް ހޯދައިގެން ނިޝާ އާއި ބައްދަލު ކުރާނެ ކަމަށް ބުންޏެވެ. ހުޝާމު ކޮންމެވެސް ތަނަކަށް ދާ ގަޑިއެއް ބަލާފައި އަންގާލާނެކަމަށް ބުންޏެވެ. އެއަށްފަހު ގުޑްނައިޓް ބިއުޓިފުލް އޭ ބުނެލިއެވެ. ނިޝާވެސް ގްޑް ނައިޓް އޭ ބުނެ ފޯނު ބޭއްވިއެވެ.
އެރޭ ދަންވަރު އެކެއް ޖެހީ އިރުވެސް ނިޝާ އަކަށް ނިދޭ ގޮތެއް ނުވެއެވެ. މިރޭ ފަޔާޒު އާއި ދެކެވުނު ވާހަކަ މަތިން ހަނދާންކޮށް އުފަލުން ހީލަ ހީލާ އޮވެވެނީ އެވެ. މިގޮތަށް އެތައް ވަގުތެއް ފުރޮޅި ފުރޮޅި އޮތުމަށްފަހު ނިޝާ އަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ މަންމަ ކޮޓަރީގައި ޓަކިޖަހާފައި ގޮވާ އަޑަށެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ކޮޓަރީ ދުރުހުޅުވާ ލަފިއެވެ. އެވަގުތު މަންމަ ބުންޏެވެ. މިހާރު ފަސްގަޑި ބައިވެއްޖެއެވެ. ހައެއް ނުޖހަނީސް އިރު އަރައެވެ.
ނިޝާ އަވަހަށް ފާޚާނާ އަށް ވަދެ ތާހިރުވެލައިގެން ވުޟޫކޮށްގެން ނުކުމެ ފަތިސް ނަމާދު ކޮށްލިއެވެ. އެއަށްފަހު ބަދިގެއަށް ގޮސް ނާސްތާ ތައްޔާރު ކުރުމަށް މަންމައަށް އެހީތެރިކަން ފޯރުވައިދިނެވެ. އެއަށް ފަހު ގެއާއި ގޯތިތެރެ ސާފުކުރުމަށް ދެމައިން ނުކުތެވެ. މީ ކޮންމެ ދުވަހަކުވެސް ނިޝާ މަންމައާއި އެކު ކުރާ މަސައް ކަތެވެ.
މިއަދު ހެނދުނު ސައިބޯން ހުޝާމާއި ފަޔާޒު އައީ ނިޝާ ބަދިގޭގައި އުޅެނިކޮށެވެ. ދެ ޒުވާނުން ސައިބޮއި ނިމިގެން ހިނގައި ގަތްތަނާ ފަޔާޒު ބުނެފިއެވެ. ތިމަންނަ ދާނީ ނިޝާ އަތުން ވާހަކަ ފޮތެއް ހިފައިގެނެވެ. ހުޝާމު ގޮސްލާށެވެ. ހުޝާމު ނުވައެއް ޖަހާއިރަށް މީހަކާ ބައްދަލުކުރަން ދާން ޖެހިފައި އޮތްކަން ފަޔާޒަށް އެނގެއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފައިފާ ހުޝާމް ފޮނުވާލީއެވެ. އެއަށްފަހު ނިޝާގާތު އަތުއޮތް އެންމެ ރީތި ވާހަކަ ފޮތް ގެނެސްދޭށޭ ބުންޏެވެ. ނިޝާ ވާހަކަ ފޮތް ބަލާ ގޭތެރެއަށް ވަނުމުން ފަޔާޒުގޮސް ނިޝާމެންގޭ ބަދިގޭ ބިއްދޮށުގައިހުރި ޖަނބުރޯލުގަސް ދަށު ހުރި ޖޯލިފަތީގައި އިށީނދެއްޖެއެވެ. ނިޝާ ވާހަކަ ފޮތެއް ހިފައިގެން އައިސް ފަޔާޒު އަތަށް ދިއްކޮށްލިއެވެ. ފަޔާޒު ވާހަކަ ފޮތުގައި ހިފީ ނިޝާގެ އަތާއި އެކު އެވެ. ނިޝާ ލަދުން އިސްޖަހާލުމުން އަތުގައި ހިފާގެނެސް ޖޯލީގައި ބޭންދިއެވެ. އަދި ބުންޏެވެ.
ނިޝާއެވެ. އަހަންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ. އަހަރެންގެ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ވާނަންހެއްޔެވެ؟ ނިޝާ ވަރަށް މަޑުމަޑުން ބުންޏެވެ. "ބޮޑުދައިތަ އަންގާފަ އޮތީ ކިޔަވާ ނުނިމެނީސް މީހަކާ ރައްޓެހި ނުވާން" ފަޔާޒު އެއީ ދޯ މައްސަލައަކީ ބުނެ ނިޝާގެ އަތް އޭނާގެ ފައިމަތީ ބާއްވާ ފިރުމާލިއެވެ. އަދި ބުންޏެވެ. އެންމެ ރަނގަޅެވެ. ތިހެންވީއިރު ކިޔަވައި ނިމެންދެން އަހަރެން އިންތިޒާރު ކުރާނަމެވެ. އެކަމަކު ނިޝާ ގެއްލިދާނެތީ ބިރުގަނެއެވެ.
މި ގޮތުގައި މި ދެޒުވާނުން ވާހަކަދައްކަން ޖޯލީގައި ދިހަވަރަކަށް މިނެޓް ތިބުމަށްފަހު ފަޔާޒު ތެދުވިއެވެ. އަދި ނިޝާވެސް ތެދުވުމުން ދަނިއްޔޭ ކިޔާފައި ނިޝާގެ އުނަގަނޑުގައި ހިފައި ގަޔާލާ ފިއްތާލުމަށްފަހު ދޫކޮށްލިއެވެ.
މިހާރު ނިޝާ އާއި ފަޔާޒު މިގޮތަށް އެއްމެންނަށް ސިއްރުން ބައްދަލު ވެއެވެ. ބައެއް ފަހަރު ކާކޮޓަރީގައެވެ. އަނެއްބައިފަހަރު ބަދިގޭ ފުރަގަހުއެވެ. ނިޝާވެސް ފަޔާޒު ދެކެ ވަރަށް ލޯބިވާކަން ހާމަ ކޮށްފިއެވެ. އަދި ދުވަހަކުވެސް ވަކި ނުވުމަށް ވަޢުދުތަކާއި އަހުދުތައް ވަމުން ގެންދެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ހުޝާމާއި ފަޔާޒު ފުރާދުވަސް އައިސް ޖެހިއްޖެއެވެ. ފުރުމުގެ ކުރިން ނިޝާ އާއި ބައްދަލުވުމެއް ބޭއްވުމަށް ރާވަމުން ދިޔައެވެ. ނިޝާގެ ރަޙުމަތްތެރީންގެ އެހީގައި އެއްރެއެއްގެ އިޝާނަމާދު ފަހު ދެމީހުން އަތިރިމަތީގައި ބައްދަލުކޮށްފިއެވެ. އެރޭ ހުޝާމު އާއި ނިޝާ ވަރަށް ގިނަ ވަޢުދުތައްވިއެވެ. ނިޝާ ބޭނުންވަނީ މި ލޯބި ސިއްރު ކުރުމުށެވެ. ނިޝާގެ އޯލެވެލް އިންތިޙާނު ނިމެންދެނެވެ. ފަޔާޒު އުފަލާއެކު އެކަން ގަބޫލުކުރިއެވެ. އެއީ ފަޔާޒުގެ ކޯސް ނިމޭނީވެސް އަދި ތިން އަހަރު ފަހުންކަމަށް ވާތީއެވެ.
މިރޭގެ ބައްދަލުވުން ވަގުތު ހޭދަވި ގޮތްވެސް މި ދެލޯބި ވެރިންނަށް ނޭގުނެވެ. ނިޝާ އިޝީނދެގެން އިން އިރު އޭނާގެ އުނގުގައި ބޯ އަޅައިލައިގެން ފަޔާޒު އޮއްވާ ހުދާ ގޮވާލައިފިއެވެ. ދިހައެއް ޖަހައިފިއެވެ. ގެއަށް ދާން ހިނގާށެވެ. ދެމީހުން ސިއްސައިގެން ގޮސް ތެދުވިއެވެ. މިރޭ ނިޝާއަށް ދުވަހަކުވެސް ނުލިބޭފަދަ އުފާވެރި އިހުސާސްތަކެއް ކުރުވައިފިއެވެ. ބުނެދޭން ނޭނގޭފަދަ ޖާޒުބީ އަސަރުތަކަކުން އޭނާގެ ހިތް ވަނީ ފުރިފައެވެ. އެހެންނަމަވެސް އަދިވެސް އެ ތަނުން ދުރަށް ދާކަށް ދެމީހުންވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް ހުދާއާއި ރަޝީދާ ކަރު ކެހެމުން އެދެމީހުނާ ގާތްވަމުން އަންނާތީ އެންމެ ފަހުން ފަޔާޒު ނިޝާ ގަޔާލާ ފިއްތާލުމަށްފަހު އޭނާގެ މޫނުގައި ބޮސްދީފައި ދޫކޮށްލިއެވެ.
ފަޔާޒުމެން ފުރައިގެން ހިނގައްޖެއެވެ. ނިޝާ ފަޔާޒު އާއި އެންމެފަހުން ބައްދަލު ކުރިއިރު ލައިގެން ހުރި ހެދުން އޮތީ ފަޔާޒުގެ ހަދާނުގައި ނުދޮވެ ބާއްވާފައެވެ. ކޮންމެފަހަރަކު ކޮޓަރިއަށް ވަނުމާއެކު އެހެދުން ނޭފަތުގައި ޖައްސައި ވަސްބަލައިލައެވެ. އަދި ހެދުން މޫނުގައި އަޅައި ފަޔާޒުގެ ޚިޔާލުތަކުގައި ވަގުތުތައް ހޭދަކުރަމުންދެއެވެ. އެހެނަސް ފަޔާޒުމެން ދިޔަފަހުން ނިޝާ ކޮންމެވެސް ވަރަކަށް މާޔޫސް ވިއެވެ. އެކަމަކު އޭނާގެ ރަޙުމަތް ތެރިންގެ މަސައްކަތުން ނިޝާ ހިތްހަމަޖެއްސޭތޯ ބަލިއެވެ.
އޭލަވަލް ގެ ކުލާސްތައް ފެށެން ކައިރި ވުމުން ނިޝާވެސް މާލެ ދާން ޖެހިއްޖެއެވެ. ނިޝާ މާލެ ދިޔައިރު ފަޔާޒު ޔޫކުރެއިން އަށް ދާން ފުރައިފިއެވެ. ނަމަވެސް މި ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައެވެ. ކޮންމެ ދުވަހަކު އެތައް ގަޑި އިރެއްވަންދެން ފޯނުގައި ވަގުތު ހޭދަ ކުރެއެވެ.
ނަމަވެސް މި ދެކުދިންގެ ލޯބި ވަނީ މުޅި އާއިލާ އަށް ސިއްރު ކޮށްފައެވެ. މި ލޯބި ހަމަ އެކަނި އެނގޭ ބަޔަކީ ނިޝާގެ ދެ ރަޙުމަތްތެރިން ކަމުގައިވާ ހުދާ އާއި ރަޝީދާ އެވެ.
ނިޝާ ގަވައިދުން ސުކޫލަށްގޮސް ރަނގަޅުނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއެވެ. ނިޝާ ބޭނުންވަނީ މިފަހަރު އޭލަވަލް ނިންމާލާފައި ރަށަށް ދާށެވެ. އެހެން ކަމުން މި ދެ އަހަރު މާލޭގައި ހުރެ ކިޔަވައި ޓިޔުޝަންތައް ނަގައި އިތުރަށް މުޠާލިޔާ ކުރަމުން ގެންދެއެވެ.
ނިޝާ އިންތިޒާރު ކުރަމުން އައި ދުވަސް ޖެހިއްޖެއެވެ. އޭލަވަލް ގެ ޓެސްޓް ފެށިއްޖެއެވެ. ނަމަވެސް އޭލަވަލްގެ ދެވަނަ ޓެސްޓު ފެށުނު ދުވަހު ފަޔާޒު ވެސް މާލެ އަތުވެއްޖެއެވެ. ލިބުނު ކުރު ޗުއްޓީއަކަށެވެ. އެހެންކަމުން ފަޔާޒާއި ސިއްރުން ބައްދަލު ކުރުމަށްޓަކައި ބޮޑު ދައިތައަށް އޮޅުވާލައިގެން ނިޝާ ތަންތަނަށް ދެއެވެ. ރައްޓެހި ކުދިން ގާތަށް ދިއުމުގެ ނަމުގައެވެ. ފަޔާޒު މި އައީ 2 ހަފުތާގެ ޗުއްޓީ އަކަށެވެ. އެހެންކަމުން ފުރާ ދުވަސް ކައިރި ވަމުން އަންނާތީ ދެމީހުން އެކަހެރިތަނެއްގައި ބައްދަލު ވުމަށް ރާވަމުން ދިޔައެވެ. އެންމެފަހުން ފަޔާޒު ނިންމީ އޭނާގެ އާއިލާގެ އެންމެން ހުކުރު ދުވަހު މާމަ ގެއަށް ކާން ދިއުމުން ފަޔާޒުމެންގޭގައި ބައްދަލު ކުރުމަށެވެ.
ރޭވިފާ ގޮތަށް ފަޔާޒުގެ މަންމަޔާއި ބައްޕަޔާ އަދި ދައްތަގެ އާއިލާ އާއެކު ފަޔާޒުވެސް މާމަގެއަށް ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ދިޔައެވެ. ނަމަވެސް ކައި ނިމުމާއެކު ރައްޓެއްސަކާ ބައްދަލުކުރަން ޖެހެޔޭ ބުނެ ފަޔާޒު ސައިކަލުގައި ނައްޓައިލިއެވެ. އަދި މަގުމަތިން ނިޝާ އާ ބައްދަލުކޮށް އޭނާ ގޮވައިގެން ފަޔާޒުމެންގެއަށް ދިޔައެވެ. ގޭގައި އެކަކުވެސް ނޫޅޭތި ފަޔާޒު ނިޝާ ގޮވައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ. ދެމީހުން ކޮޓަރީގައި ވާހަކަ ދައްކަމުން ގޮސް ގައި ގޯޅި ވެ އުޅެން ފެށުމުން އިބިލީހުގެ ދަޅައަށް ހެއްލިއްޖެއެވެ. ކައިވެންޏަކާއި ހަމައަށް ނުގޮސް ކައިވެނީގެ އުފަލާ ރާހަތު ހޯދުމަށް އެދެވިއްޖެއެވެ. ދެމީހުންވެސް ރުހުމުގައި މި ފާފައަށް އަރައި ގަނެވިއްޖެއެވެ. ގޭގައި މީހުންނެތިސް ދެމީހުންކޮޓަރީގައި އެކަނި ތިބެ ބައްދަލު ކުރުމުން ވާންވީ ގޮތްވެ ނިމުނީއެވެ.
ފަޔާޒު އަނެއްކާވެސް ފުރައިގެން އޭނާގެ ކޯހުގެ ބާކީ އޮތްބައި ނިންމާލުމަށް ހިނގައްޖެއެވެ. ނިޝާ އޭނާގެ އިންތިޙާނުން ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ. 2 މަސް ދުވަހަށް ދެމިގެން ދިޔަ މި އިންތިހާނު ނިމިއްޖެއެވެ. އެހެންކަމުން ނިޝާ ތައްޔާރުވަމުން ދިޔައީ ރަށަށް ދިއުމަށެވެ. ނަމަވެސް ނިޝާ މާ ބޮޑަށް ވަރުބަލިވެ ކާހިތް ނުވާން ފަށައިފިއެވެ. އަދި ހޮޑުވެސް ލެވެން ފަށައިފިއެވެ. މި ހުރިހާ ކަންތައްތަކެއް ވާންފެށުމުން ނިޝާ އެންމެ ފަހުން ވިސްނާ ލިއެވެ. މިހާރު މަހަކު އެއްފަހަރު އަންހެނުންނަށް މި ދިމާވާ އުނދަގޫތަކުން ސަލާމަތްވެ ހުންނަތާ 2 މަސްވާން ގާތް ވަނީއެވެ. ނަމަވެސް މީ ނިޝާ އަށް އާކަމެއްނޫނެވެ. ބައެއް ފަހަރު 6 މަސްވަންދެންވެސް މިގޮތަށް ހުރެއެވެ. އެހެންނަމަވެސް މިފަހަރު ކާއެއްޗެއް ކާއިރަށް މޭނުބައިކޮށް ހޮޑުލެވޭތީ ނިޝާ ބިރުގަންނަން ފަށައިފިއެވެ. ނިޝާ ހޮޑުލާ ނުކައި އުޅޭތީ ބޮޑުދައިތަ ކަންބޮޑުވެގެން އޭނާ ޑޮކްޓަރަށް ދެއްކުމަށް ގެންދަން އުޅުނެވެ. ނަމަވެސް ނިޝާ ފުޑް އެލަޖީއެކޭ ކިޔާފައި ނުދާން ގަދަ ހެދިއެވެ. އެހެން ނަމަވެސް ނިޝާ ރަނގަޅުނުވެ މީހާ ހިކި އަނަރޫފަ ވަމުންދާތީ ބޮޑުދައިތަ ގަދަކަމުން ނިޝާ ޑޮކްޓަރަށް ދައްކައިފިއެވެ. ޑޮކްޓަރު ނިޝާ ބެލުމަށްފަހު ސްކޭނެއް ކުރަން ބޭނުން ވާހަކަ ބުންޏެވެ. ސްކޭން ކޮށް ނިންމުމަށްފަހު ރިޕޯޓް ދައްކަން ނިޝާ އާއި ބޮޑުދައިތަ އަށް ޑޮކްޓަރ ގޮވިއެވެ. ޑޮކްޓަރ ނިޝާގެ ރިޕޯޓް ބަލާފައި ދިން ޖަވާބުން ބޮޑުދައިތަގެ ފައިދަށުން ބިންގަޑު ދެމިގަތް ކަހަލައެވެ. ޑޮކްޓަރު ބުނުއްވީ ނިޝާގެ ބަނޑަށް ދެމަސް ކަމުގައެވެ. ނިޝާއަށް ބުނާނެ އެއްޗެއް ނޭނގިފައި ލަދުން އިސްދަށަށް ޖަހައިގެން އިނދެވުނީއެވެ. ގެއަށް ދިއުމާއެކު ބޮޑުދައިތަ ތަރަތަރަ ޖަހައިގަތެވެ. ކޮންއިރަކު ކުރިކަމެއްތޯ ސުވާލުކުރިއެވެ. އަދި ނިޝާގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްތޯ ސުވާލުކުރިއެވެ. ނިޝާ މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ރޮއިރޮއި ހުރީއެވެ. އެންމެފަހުން ބޮޑުދައިތަ ރުޅިއައިސްގެން ނިޝާގެ ފޯނުވެސް އަތުލާ ބިންމަތީގައި ޖެހި ޖެހީނުން ތަޅާ ލިއެވެ. ނިޝާ ދުވެފައި ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެ ރޯން ފެށިއެވެ. ގޭތެގައި މި ސކަރާތެއް ބޮޑުވެގެން އުޅެނިކޮށް ހުޝާމާއި ނިޝާގެ ބޮޑު ދައިތަ ފިރިމީހާވެސް ގެއަށް އަތުވެއްޖެއެވެ. ހުޝާމަށް މި ވާހަކަ ކިޔައި ދިނުމުން ގަބޫލުވެސް ނުކުރެވުނެވެ. ހުޝާމު މަންމަގެ ވާހަކަތައް އަޑު އެހުމަށްފަހު ނިޝާގެ ކޮޓަރީ ކައިރިއަށްގޮސް ޓަކި ޖަހަން ފެށިއެވެ. ނަމަވެސް ނިޝާ ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ނިޝާގެ ބޮޑުދައިތަ ރަށަށް ގުޅިއެވެ. ނިޝާގެ މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައި ދީފިއެވެ. ނިޝާގެ މަންމަގެ ކަންފަތުގައި މިވާހަކަ ޖެހުނު އިރަށް ފައިދަށުން ބިންގަޑު ދެމިގަތް ކަހަލަ އެވެ. ފޯނުގައި ހިފަހައްޓައިގެން ހުރި އިރުވެސް މުޅި މީހާ ތުރުތުރު އަޅާއެވެ.
އަނެއްކޮޅުން ނިޝާ ކޮޓަރީގައި އޮވެ ގިސްލަ ގިސްލާފައި ރޮނީ އެވެ. އެހެންނަމަވެސް ނިޝާ ކަނޑައެޅީ ފަޔާޒު ގެ ނަން ނުބުނުމަށެވެ. ދުވަހަކުވެސް ފަޔާޒު ބޭޒާރު ކޮށްލަން އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ފަޔާޒުދެކެ ވީ ތެދުވެރި ލޯތްބެވެ. އަދި މިއީ ފަޔާޒު އޭނައަށް ދިން ލަނޑެއްކަމަކަށް ނިޝާ ގަބޫލެއް ނުކުރެއެވެ. ނިޝާ ގަބޫލުކުރަނީ މީ ހިތުން ރުހުމު ނިޝާ ކުރި ކަމެއް ކަމަށެވެ. އެހެންކަމުން ފަޔާޒު އެއްބަސްވިޔަސް ނުވިޔަސް ނިޝާ ފަޔާޒު ބޭޒާރު ކޮށް އަގުވައްޓާނުލުމަށް އަޒުމު ކަނޑައެޅިއެވެ.
ދެދުވަސްފަހުން ނިޝާގެ ބައްޕަ އޭނާ ބަލާ އައެވެ. ރަށަށް ގެންގޮސް އެންމެންވަރަށް ވާހަކަދައްކައި ނަސޭހަތް ދީ ހެދުމުންވެސް ނިޝާ ބަނޑުގައި ވަނީ ކާކުގެ ދަރިއެއް ކަމެއް ނުބުންޏެވެ. އެންމެފަހުން އާއިލާގެ މީހުން އެވާހަކަ ދެއްކުން ހުއްޓާލިއެވެ.
ނިޝާ މިހާރު މާގިނައިން ކޮޓަރިންވެސް ނުކުމެ ނުހަދައެވެ. މާލެއިން އައިއްސުރެ ގެއަކުން ނުނުކުމެވެ. ރަށުތެރޭގައިވެސް ނިޝާއާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދެކެވެއެވެ. ބައެއް މީހުން މަލާމާތްކޮށް އޭލަވަލް އެއް ހިފައިގެން އަޔޭ ކިޔައެވެ. އަނެއްބައިމީހުން ޑިޕްލޮމާއެއް ނޫންހެއްޔޭ ގެނައީ އަހައެވެ. ނިޝާގެ އާއިލާގެ މެންބަރުންނަށްވެސް މިހާރު ރަށުތެރެއަށް ނުކުމެ އުޅުމަކީ ލަދުވެތި ކަމަކަށްވެއްޖެއެވެ. އަދި އޭނާގެ އެންމެ ގާތް ދެ ރަޙުމަތްތެރީންވެސް ނިޝާއާއި ބައްދަލުކުރުމަކށް ނާދެއެވެ. އެކުދިންގެ އާއިލާ ތަކުން އެކަން މަނާކޮށްފައި ވާތީއެވެ.
ރަށަށް ގެނައިތާ ހަތް މަސްފަހުން ނިޝާ ވިހައިފިއެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. އާއިލާއާއި ރަށުގެ ރައްޔަތުން ނިޝާ އަށާއި ދަރި ފުޅަށް މަލާމާތް ކުރިޔަސް ނިޝާ އެދަރިފުޅު ދެކެ ވަރަށް ލޯބި ވެއެވެ. އެއީ ނިޝާ ފަޔާޒުދެކެ ވީ ލޯބީގެ ނިޝާނެކެވެ. އެދަރިފުޅަށް ނިޝާ ކީ ފިރުޝާ އެވެ. ފަޔާޒާއި ނިޝާގެ ނަމާ ގުޅުވާލާފައެވެ.
މިހާރު ނިޝާގެ ދަރިފުޅަށް ހަތަރުމަސް ވާން ކައިރި ވަނީއެވެ. އަދިވެސް ނިޝާ ބޭރަކަށް ނުނުކުމެއެވެ. ގިނަވަގުތު ހޭދަކުރަނީ ދަރިފުޅާއެކު ކޮޓަރީގައެވެ. އޭނާގެ ދިރި އުޅުމުގެ އުފަލަކީ މިހާރު ފިރުޝާއެވެ. ފަޔަޒުގެ ލޯބީގެ ނިޝާނެވެ.
އެއްދުވަހަކު ނިޝާ ކޮޓަރީގައި ފިރުޝާ ފެންވަރުވައިގެން ރީތި ކުރަން އިންދާ ކޮޓަރީގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. ނިޝާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރު އޭނާ އަށް ގަބޫލުވެސް ނުކުރެވުނެވެ. ހިތް ބާރު ބަރަށް ތެޅެން ފެށިއެވެ. ހަށިގަނޑުގައި ލޭދައުރުވުވުންވެސް ހުއްޓުނު ކަހަލައެވެ. ހިނދު ކޮޅަކަށް ނިޝާ ގަނޑު ވިކަހަލައެވެ. ނިޝާ އަށް ހަރަކާތެއް ކޮށްލެވުނީ ދޮރުމަތީގައި ހުރި ފަޔާޒު އޭނާގެ ގައިގާ ހިފައި ކޮޓަރި ތެރެއަށް ވެއްދީމައެވެ. ފަޔާޒު ނިޝާ ގަޔާލާ ބޮނޑިކޮށްލަމުން އެނދުގައި އޮތް ފިރުޝާ ގާތަށް ގާތް ވިއެވެ އަދި ފިރުޝާ ނަގާ މޫނުގައި ޖައްސާލިއެވެ. އޭރު ފަޔާޒުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. އަދި ނިޝާ ގެނެސް ގައިގައި ލައްކޮށްލަމުން ބުންޏެވެ. އަހަރެންނަށް ނޭންގީ ކީއްވެ ހެއްހެޔެވެ؟ ނިޝާ އެއްވެސް ޖަވާބެއް ނުދީ ފަޔާޒުގައި ގައި މޫނު ފޮރުވާލައިގެން ހުރެ ގިސްލަ ގިސްލާ ރޯންފެށިއެވެ.
ނިޝާގެ ކޮޓަރީގައި މީހަކު އުޅޭހެން ހީވެގެން އޭނާގެ މަންމަ އައިސް ކޮޓަރީ ދޮރު ހުޅުވާލިއެވެ. އަދި ދެލޯ ބޮޑުކޮށްލާފައި ފަޔާޒު އާއި ދިމާއަށް ބަލަން ފެށިއެވެ. މަންމަ ކޮޓަރިއަށް ވަނުމުން ނިޝާ ފަޔާޒު ގައިން ދޫކޮށްލިއެވެ. ފަޔާޒު ނިޝާގެ މަންމަ އާ ދިމާއަށް އެނބުރުނެވެ. އަދި ބުނަން ފެށިއެވެ.
މަންމާއެވެ. އަހަންނަށް މަޢާފު ކުރާށެވެ. މިއީ އަހަރެންގެ ދަރިއެކެވެ. އެހެންނަމަވެސް މި ދަރިފުޅު ލިބުނުކަން އަހަންނަށް އެނގުނީ މާލެ އައި ފަހުންނެވެ. އަހަރެން ނިޝާ އާއި ގުޅޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ޚަބަރު ނުވުމުން ހުޝާމު ގާތުވެސް އެތައް ފަހަރަކު ނިޝާ ކޮބައިތޯ ސުވާލު ކުރީމެވެ. ހުޝާމު އަބަދުވެސް ދޭ ޖަވާބަކީ ނިޝާ ރަށަށް ހިނގައްޖެ ކަމެވެ. އަދި އިތުރަށް އެވާހަކަ ނުދައްކައެވެ. ކީއްވެތޯ ނިޝާ ރަށަށް ދިޔައީ އެހީމަ ބުނަނީ އޭލަވަލް ނިމުނީމާ ކަމަށެވެ. އަދި އިތުރަށް ނިޝާގެ ވާހަކަ ނުދެއްކުމަށްވެސް ބުނެއެވެ.
އެހެންވެ އަހަރެން ކޯސް ނިންމާލުމަށް ފަހު އަވަހަށް މާލެ އައިސް ހުޝާމާ ބައްދަލުކުރުމުން ނިޝާއަށް ވީ ގޮތް އޮޅުން ފިލިއެވެ. އެހެންވެ އިތުރަށް އެންމެ ދުވަހެއް ވެސް މަޑު ނުކޮށް އަހަރެން މިއައީ ނިޝާ އާއި ކައިވެނި ކުރުމަށެވެ.
ނިޝާގެ އާއިލާގެ އެންމެންނަށްވެސް ފަޔާޒާއި ނިޝާގެ ލޯބީގެ ގުޅުމުގެ ވާހަކަ ކިޔައިދީފިއެވެ. އަދި ފަޔާޒު ނިޝާ އާއި ކައިވެނި ކުރަން ބޭނުންވާހަކަ ބުންޏެވެ. ނިޝާގެ އާއިލާގެ މީހުންވަރަށް އުފާވިއެވެ. ނިޝާގެ ދަރިފުޅުގެ ޙަޤީގީ ބައްޕަ އޭނާއަށް ލިބުނީތީއެވެ. އަދި ނިޝާއަށް ތެދުވެރި އޭނާދެކެ ލޯބިވާ ޙަޔާތުގެ ބައިވެރިއަކު ލިބުނީތީއެވެ.
ނިޝާއާއި ފަޔާޒުގެ ކައިވެނި ކުރެވިއްޖެއެވެ. އަދި ފަޔާޒު ނިޝާ ގޮވައިގެން މާލެ ހިނގައްޖެއެވެ. އަދި ފަޔާޒުގެ ޢާއިލާއަށް ހުރިހާ ޙަގީގަތެއް ކިޔައިދިނެވެ. ފިރުޝާ އަކީ އޭނާގެ ދަރިއެއް ކަމަށް ބުންޏެވެ. ފަޔާޒުގެ އާއިލާގެ ހުރިހާ މެންބަރުން އުފަލުން ނިޝާ އަށް މަރުހަބާ ކިޔެވެ. އަދި ނިޝާއާއި ފަޔާޒުގެ ދަރިފުޅު ބަލައިގަތެވެ. އެއަށް ފަހު ދެމަފިރިން އުފަލާއެކު ޒަވާޖީ ޙަޔާތެއް ފެށިއެވެ.