ކޮވިޑް-19 އަށް ދުނިޔޭގެ އެތައް ގައުމެއްގައި އެތައް މިލިއަން ބަޔަކަށް މިހާރުވެސް ކޮވިޑް ވެކްސިން ޖަހައިފިއެވެ. އަދި ކޮންމެ ދުވަހަކު އެތައްހާސް ބަޔަކަށް ގެންދަނީ ވެކްސިން ޖަހަމުންނެވެ. މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާ ބަލިމަޑުކަމުން އަރައިގަތުމަށް ނުވަތަ އެކަމުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ގައުމުތަކުން ގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

އެކި ގައުމުތަކުގައި ތަފާތު ވެކްސިންތައް ގެންދަނީ ބޭނުންކުރަމުންނެވެ. އެމެރިކާ، ޔޫކޭ، ޗައިނާ، ރަޝިޔާފަދަ ގައުމުތަކުން އުފައްދާފައިވާ ވެކްސިން ދުނިޔޭގެ އެތައް ގައުމެއްގައި ބޭނުން ކުރަމުންދާއިރު، އެތައް ގައުމެއް މިހާރުވަނީ ވެކްސިން އުފެއްދުމުގެ އެންމެ ފަހު މަރްހަލާގައި ވެސް މެއެވެ.

މިހާރަށް އުފައްދައި ބޭނުންކުރަމުންދާ އެކި ވެކްސިންގެ ރައްކާތެރިކަމާއި، އެފިކަސީ ރޭޓް އެކި މިންވަރަށް ހުރިއިރު، ވެކްސިންޖަހާ ގިނަމީހުންނަށް ސައިޑް އިފެކްޓްސްގެ މައްސަލަ ކުރިމަތިވާކަމުގެ ރިޕޯޓްތައްވެސް ކުރަމުން ގެންދެއެވެ. މިއީ، ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ މަރްހަލާތަކުގައިވެސް ބައެއް މީހުންނަށް ކުރިމަތިވި މައްސަލަތަކެވެ.

ކްލިނިކަލް ޓްރައިލްސްގައިވެސް ހުން އައުމާއި، ހީކެރުވުންފަދަ ކަންކަން ދިމާވިއެވެ. މިހާރު ވެކްސިންޖަހާ މީހުންނަށްވެސް އެފަދަ މައްސަލަތައް ދިމާވަމުން އެބަދެއެވެ. އެކަމާ ބައެއް މީހުން ކަންބޮޑުވެ އަދި ބިރުންވެސް އުޅެއެވެ. އެކަމާހެދި ބައެއް މީހުން އަދިވެސް ތިބީ ވެކްސިން ޖެހުމަށް ފަސްޖެހިފައެވެ.

ނަމަވެސް، ހުން އައުން ނުވަތަ މާބޮޑަށް ހީކެރުވުންފަދަ ކަންކަން ދިމާވިޔަސް، އެކަމާ ކަންބޮޑުނުވާށެވެ. ފިކުރު ބޮޑު ނުކުރާށެވެ. ޑޮކްޓަރުން ވިދާޅުވަނީ، އެފަދަ ސައިޑް އިފެކްޓްސްއަކީ ވެކްސިން މަސައްކަތް ކުރާކަމުގެ އަލާމާތެއް ކަމަށެވެ. ހަމަ އެއާއެކު، ސައިޑް އިފެކްޓްސް ނުފެނުނަސް، މިހާރު ބޭނުންކުރާ ވެކްސިންތަކަކީ ވަރަށް އިފެކްޓިވް ވެކްސިން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކޮވިޑް ވެކްސިން ޖަހާ މީހުންނަށް އާންމުކޮށް ދިމާވާ ކަންކަމުގެ ތެރޭގައި، ވެކްސިންޖަހާ ތަން ދުޅަވެ ރިއްސުމާއި، ގައިގައި ރިއްސުމާއި، މޫނުމައްޗަށް އަނދިރިވުމާއި، ބައެއް ފަހަރު ކުޑަކޮށް ހުން އަންނަގޮތް ވުމަކީވެސް ދިމާވާ ކަންކަން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ހަމައެއާއެކު، އެލަޖިކްވުމުގެ މައްސަލަވެސް ބައެއް މީހުންނަށް ދިމާވަމުންދެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ބައެއް މީހުންނަށްވެސް ވަރަށް ބޮޑަށް ހީކެރުވުންފަދަ ކަންކަން ދިމާވެގެން ރިޕޯޓްކޮށްފައި ވެއެވެ.

މިގޮތަށް ދިމާވަނީ، ބަލިން ދިފާއުކޮށްދިނުމަށް ވެކްސިން، އިންސާނާގެ ހަށިގަނޑު ފުރިހަމައަށް ތައްޔާރުކޮށްދޭން ފެށުން ނުވަތަ އިމިއުން ރެސްޕޮންސް ވަރުގަދަ ކުރީމާ ކަމަށާއި، ވެކްސިން ޖަހަނީވެސް އެފަދަ ވަރުގަދަ ރައްކާތެރިކަމެއް ހޯދުމަށް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ސައިޑް އިފެކްޓްސްގެ އަސަރު ބައެއް މީހުންނަށް ދިމާވަނީ ވެކްސިން ޖަހާތާ ފުރަތަމަ 30 މިނެޓް ވަންދެނެވެ. ވެކްސިން ޖެހުމަށްފަހު އިރުގަނޑަކު ވެކްސިން ޖަހާ ސެންޓަރުގައި މީހުން ބައިތިއްބަނީ އެހެންވެގެންނެވެ. އެއީ، އެއްވެސް ކަމެއް ގޯސްވޭތޯ ބެލުމަށެވެ.

ބައެއް މީހުންނަށް އެއްދުވަސް ވަންދެންވެސް ސައިޑް އިފެކްޓްސްގެ އަސަރުކުރެއެވެ. ބައެއް މީހުންނަށް އެއަށްވުރެ ދިގު މުއްދަތަކަށްވެސް އަސަރު ކުރެއެވެ. ނަމަވެސް، އޭގެފަހުން ކަންކަން އާދައިގެ ހާލަތަށް ބަދަލުވެއެވެ.

ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. ތަފާތު ހަށިގަނޑެއްގެ ވެރިއެކެވެ. ވުމާއެކު، މިފަދަ ވެކްސިނެއް ޖަހައިގެން އެހެން މީހުންނަށް ދިމާނުވާ ކަމެއްވެސް ކުރިމަތިވެދާނެއެވެ. ބައެއް ކަހަލަ ބަލިތަކުގެ ހިސްޓަރީ އޮންނަ މީހުން ނުވަތަ އެލަޖީގެ ބޮޑެތި މައްސަލަ ހުންނަ މީހުން ވެކްސިން ނުޖެހުމަށް ޑޮކްޓަރުން ލަފާ ދެއްވަނީވެސް ރައްކަލަކަށްޓަކައެވެ.