މި ރަމަޟާންމަހުގައި، "رمضان كريم" ގެ ނަމުގައި، އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި، ލިޔަމުންދާ ސިލްސިލާގެ 2 ގައި، ޤުރްއާން ކިޔެވުމާއި އޭގެ މާނައާމެދު ވިސްނައި ފިކުރުކޮށް، އޭގެ އަލީގައި ތެދުމަގު ލިބިގަތުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެގޮތުން ވާނީ ލިޔެވިފައެވެ.

އެ ލިޔުމަކީ އެއްގޮތަކަށްވެސް، ޤުރްއާނުގެ މާނަ އޮޅުންނުފިލުވައި ޤުރްއާން ކިޔެވުމާއި ޤުރްއާން ދަސްކުރުމާ ދެކޮޅަށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. އަދި އެ ލިޔުމުގައި، ޤުރްއާނުގެ މާނަ ނޭނގި އެ ކިޔެވުމުން ޘަވާބު ނުލިބޭނެ ކަމަކަށްވެސް ލިޔެފައެއް ނޯންނާނެއެވެ. ނަމަވެސް އޭގައި ވާނީ، ތެދުމަގު ހޯދުމަށްޓަކައި ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ވީމާ، މިކަން އޮޅުވާ ނުލެއްވުން އެދެމެވެ.

ކީރިތި ޤުރްއާނަކީ ދެމިގެންވާ މުޢްޖިޒާތަކަށް ވީއިރު، އަދި އެއީ ޚާލިޤުވަންތަ ﷲ ތަޢާލާގެ ކަލާމްފުޅުކަމުގައި ވީއިރު، އެއިން އިންސާނުންނަށާއި އެހެނިހެން މަޚްލޫޤުންނަށްވެސް އާދަޔާއި ޚިލާފު ހެޔޮ އަސަރުތަކެއް ކުރުވާކަން މިހާރުގެ ހޯދުންތަކުންވެސް ދަނީ ފެންނަމުންނެވެ.

މިގޮތުން ބަލާއިރު، ދާދި ފަހުން ފެނާ ބެހޭގޮތުން ކުރެވުނު ދިރާސާއަކުން، ފެންފޮދެއް ކައިރީގައި ބަހައްޓައިގެން އިނދެ ރަނގަޅު ބަސްތައް ބުނުމުން އޭގެ މޮލެކިޔުލްސްއަށް ހެޔޮ ބަދަލު އަންނަކަމާއި، ނުބައި ބަސްތައް ބުނުމުން ނުބައި ބަދަލު އަންނަކަން ވަނީ ހޯދިފައެވެ.

އަދި އިންސާނުންގެ ހަށިގަނޑާއިބެހޭ ގޮތުން ހޯދުނު ހޯދުންތަކުން ދައްކާ ގޮތުން، ހަށިގަނޑުގެ ހަތްދިހަ ފަސް ޕަސެންޓަކީ ފެނެވެ. މި ޕަސެންޓް އެކި މީހުންގެ ހަށިގަނޑުގައި ތަފާތެވެ.

އެހެންކަމުން، އެންމެ މަތިވެރި ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރްއާން ކިޔަވައި، އެ ދަސްކުރުމަކީ ވަރަށް މަތިވެރި ފައިދާތަކެއް އިންސާނާއަށް ކުރާކަމެކެވެ. އަދި އިންސާނުން ފިޔަވައި އެހެނިހެން ތަކެއްޗަށްވެސް އޭގެ ފައިދާ ކުރެއެވެ.

އަދި ހަމަ އެހެންމެ، ޤުރްއާން ދަސް މީހުންނާއި ޤާރީންނަކީ، އިސްލާމް ދީނުގައި ވަރަށް މަތިވެރި ދަރަޖައެއް ލިބިގެންވާ ބައެކެވެ. ޞައްޙަ ޙަދީޘުގައި އައިސްފައިވެއެވެ. ޤިޔާމަތް ދުވަހު، ޤުރްއާނުގެ އަހުލުވެރިންނަށް، ކިޔަވަމުން ސުވަރުގޭގެ މަތީ ދަރަޖަތަކަށް އަރަން އެންގޭނެއެވެ. އެ މީހެއްގެ ކިޔެވުން ހުއްޓާލާ ހިސާބަކީ، ސުވަރުގެއިން އެ މީހާގެ މަންޒިލެވެ.

ވީމާ، ޤުރްއާން ކިޔެވުމާއި ޤުރްއާން ދަސްކުރުމާއި މި ކަންކަމަކީ މަތިވެރި ޘަވާބާއި ދަރުމަ ހުރި ކަންކަމެވެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ޘަވާބާއި ދަރުމައިގެ މިންވަރު ވީހާވެސް ބޮޑުކުރުމަށްޓަކައި، އެ ބޭފުޅެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މިންވަރަކުން ކީރިތި ޤުރްއާނުގެ މާނަ އުނގެނި، އޭގެ އަލީގައި ތެދުމަގު ލިބިގަތުމަށެވެ. މިގޮތުގެ މަތީން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެނަމަ، ﷲ ތަޢާލާގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިދާކަށް، މާ ގިނަ ވަގުތެއް ނުނަގާނެއެވެ. އެހެނީ، ޤައުމުތަކުގެ ކުރިއެރުން ގުޅިފައި އޮންނަނީ އެ ޤައުމެއްގެ އަހުލުވެރިންގެ އިޞްލާޙާއެވެ. އަދި މި އިޞްލާޙަށްޓަކައި ބޭނުންވާ، އެންމެ މުހިއްމު އަސާސްތައް ވަނީ، ކީރިތި ޤުރްއާނުގައެވެ.

އަޅުގަނޑުގެ މި ބަސްކޮޅު ނިންމާލާނީ، މި ކަމާ ބެހޭ ގޮތުން، މާތް ނަބިއްޔާ ﷺ ގެ ޙަދީޘް އެއްގެ ތަރުޖަމާއިންނެވެ. އެއީ:

[ހަމަ ކަށަވަރުން، ﷲ ތަޢާލާ، މި ޤުރްއާނުގެ ޛަރީޢާއިން ޤައުމުތަކެއް މަތިވެރި ކުރައްވައެވެ. އަދިހަމަ އޭގެ ޛަރީޢާއިން ޤައުމުތަކެއް ދަށު ދަރަޖައަށް ގެންދަވައެވެ.] މި ޙަދީޘުގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ޤުރްއާނުގެ ޛަރީޢާއިން ކުރިއަރައިދާހުށީ، ޤުރްއާން އުނގެނި އެއާ އެއްގޮތަށް ޢަމަލުކުރާ އަހުލުވެރިން އުޅޭ ޤައުމުތަކެވެ. އަދި ދަށު ދަރަޖައަށް ވެއްޓިގެން ދާހުށީ، ޤުރްއާނާމެދު އިހުމާލުވެ، އެއާމެދު ޣާފިލުވެފައިވާ މީސްތަކުން އުޅޭ ޤައުމުތަކެވެ. (ނިމުނީ)

މި ލިންކް އިން އަބޫބަކުރު އިބްރާހީމްގެ ޤުރްއާން ދިވެހި ތަރުޖަމާ ޑައުންލޯޑް ކުރައްވާ:

https://archive.org/details/BakurubeTranslationDhivehi/1-15%20%2825%20April%202011%29