ހަނގުރާމަމަތީ އުޅަނދުފަހަރު ދަތުރުފަތުރާ ބެހޭގޮތުން ލިޔާ ލިޔުމެއް ފުރިހަމަ ވާން އަންނަނީ އާންމުން ދަތުރުފަރުތު އޭގައި ނުކުރިކަމުގައި ވިނަމަވެސް، އަސްކަރީ އުޅަނދުފަހަރާ ބެހޭ ގޮތުން އެއްޗެއް ލިޔެގެންނެވެ. ހަގީގަތުގައި، މަދަނީ އުޅަނދުފަހަރުގެ ތަރައްގީ އަކީ، އޭގެ ކުރިން އަސްކަރީ އުޅަނދުފަހަރަށް ލިބިފައިވާ ތަރައްގީއެކެވެ. އެހެނީ، ގައުމުތަކުން، އެގައުމެއްގެ ބާރު ގަދަ ކުރުމަށް އަސްކަރީ ގޮތުން ކުރާ ހޭދައާއި ދޭ އަހަންމިއްޔަތަކީ، އެ ގައުމަށް ލިބޭ އެންމެހާ މުއްސަނދިކަމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، އަސްކަރީ ގޮތުން ދިރާސާކުރުމާއި، ތަރައްގީ ކުރުމަކީ، އެފަދަ މަދަނީ ކަންކަމަށްވުރެ މާ ކުރީގައިވާ ކަންކަމެވެ. މިއީ ހަމައެކަނި މިހާރުގެ ހަގީގަތެއް ނޫނެވެ. މިއީ ބާރުގެ ބޭނުންކުރަން އިންސާނުންނަށް ދަސްވީއްސުރެން ކަން ހިނގަމުން އައިސްފައިވާ ގޮތެވެ.

ހަނގުރާމަމަތީ އުޅަނދުފަހަރަކީ ހަމައެކަނި ހަމަލާ ދިނުމަށާއި ދިފާއީ ބޭނުންތަކަށް ގެންގުޅޭ އުޅަނދުފަހަރެއް ނޫނެވެ. ހަނގުރާމައިގެ "ޕްރަންޓްލައިން" އަށް، ނުވަތަ ކުރީ ސަފަށް، ބޭނުންވާ އެކިބާވަތްތަކުގެ އާލާތްތަކާއި، ހަތިޔާރު އަދި ހާއްސަކޮށް ކާބޯތަކެތި ފަދަ ތަކެތި ފޯރުކޮށް ދިނުމަކީ ކޮންމެ އަސްކަރީހަރަކާތެއްގައި އެންމެ ބޮޑަށް އަހައްމިއްޔަތު ދޭންޖެހޭ ކަމެކެވެ. އެހެންކަމުން، ތަކެއްޗާއި ސިފައިން އުފުލުމުގެ ހަރަކާތަކީ، އޭގެ މައްޗަށް ކޮންމެ އަސްކަރީ ހަރަކާތެއް މޮޅުވުމާއި ބަލިވުމާއި ސީދާ ގުޅިފައިވާ ކަމެކެވެ. އަދި އެފަދަ އަސްކަރީ ދަތުރުފަތުރުތަކަކީ މަދަނީ ދަތުރުފަތުރާ މާބޮޑު ފަރަގު އޮންނަ ކަމެއްނޫނެވެ. ނަމަވެސް ކުރީ ޒަމާނުގައި، ދަތުރުފަތުރު ކުރަންޖެހޭ ދިގު މުއްދަތަށް ބަލާފައި، ކޮންމެ އުޅަނދެއްގައިވެސް އެ ދަތުރަށް ބޭނުންވާ ހުރިހާ އެއްޗެއް ރައްކާކޮށްފައި ހުރެއެވެ. ނުވަތަ އެއްޗެއް ގުދަންކުރާ އުޅަނދެއް، ލަޝްކަރާ އެކުގައި ދަތުރުކުރެއެވެ.

އިހުގެ ހަނގުރާމަތީ އުޅަނދުފަހަރުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވެނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރެވެ. ގްރީކުންނާއި ރޯމަނުންނާއި ފީނީޝަނުން، މެޑިޓަރޭނިއަންކަނޑުގެ އައްސޭރީގަ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި އާބާދުވަމުން ދިޔަ ޒަމާނުވެސް، ކަނޑުމަތީގައި ހަނގުރާމަ ކުރުމަށް ބޭނުންވާ އުޅަނދުފަހަރު ބަނދެފައިވެއެވެ. ތާރީހުން ދަލީލު ފެންނަންހުރިގޮތުގައި މީގެ 2800 އަހަރު ކުރިން އެމީހުން ބޭނުންކުރި އެއް އުޅަނދަކީ، "ގެލީ" ގިންތީގެ "ޓްރައިރީމް" އޭ ކިޔާ މަނަވަރެކެވެ. އެ އޮޑީގައި ތިންބަރިޔަށް ފަލިސެޓު ހަރުކޮށްފައި ހުރެއެވެ. އަދި ދެ ރިޔާ ނަގާފައިވެއެވެ. އޮޑީގެ ބޮޑުމިނަކީ ދިގަށް 120 ފޫޓު އަދި ފުޅަލަށް 18 ފޫޓެވެ.

ޓްރައިރީމް

ވިލާތުގެ ގައުމުތަކުން ދުނިޔޭގެ އެކިއެކި ގައުމުތައް އިސްތިއުމާރު ކުރަމުން ދިޔައިރު، އެ ގައުމުތަކުގެ ދެމެދުގައި އޮތް ވާދަވެރިކަމާއި، ރުޅިވެރިކަމުގެ ސަބަބުން، އެ ގައުމުތައް ދިޔައީ ހަނގުރާމަ ކުރަމުންނެވެ. މައިގަނޑުގޮތެއްގައި އެ ހަނގުރާމަތައް ކުރެވުނީ އިސްތިއުމާރުކުރެވިފައިވާ ގައުމުގައި ނުވަތަ ކަނޑުމަތީގައެވެ. އެއީ މީގެ ހައެއްކަ ގަރުނު ކުރިން ފެށިގެންނެވެ.

އެޒަމާނުގައި ބަންނަމުން ދިޔަ އޮޑިތައް ބޮޑެތިވަމުން ދިޔައެވެ. ފާހަގަކޮށްލެވޭ ބޮޑު އެއް އުޅަނދަކީ ގެލިއަން އޭ ކިޔާ ބޮޑު އުޅަނދެވެ. ގެލިއަން އަކީ، ދިގު، ދުރު، ދަތުރުތައް ކުރުމަށް ލަކުޑިން ބަނދެފައިވާ އެންމެ ބޮޑެތި އޮޑިފަހަރެވެ. އޭގައި އެތައް ބައިވަރު ކުނބާއި އެއިން ކޮންމެ ކުނބެއްގައި އެތައް ރިޔާތަކެއް ނަގާފައިހުރެއެވެ. އަދި އޮޑި ބަނދެފައި ހުންނަނީ ވަރަށް ގިނަ ޑެގުލާފައެވެ. ސްޕޭނާއި ޕޯޗުގީޒުން މިފަދަ އަޅަނދުތައް ވަރަށް ގިނައިން ބޭނުންކުރިއެވެ.

ސްޕެއިންގެ ގެލިއަން މަނަވަރެއް

ހަނގުރާމައިގެ ވާދަވެރިކަން އިތުރުވެ، ލަކުޑިން ބަނދެފައިވާ އުޅަނދުފަހަރުގެ ބޭނުންތެރިކަން ކުޑަވާ މިންވަރަށް ހަނގުރާމައިގެ ހަތިޔާރުތައް ތަރައްގީ ވުމާއެކު، އެ އުޅަނދުތަކުގެ ބޭރުން ދަގަނޑު ފަށަލައެއް އަޅަންފެށުނެވެ. އަދި ދަނގަޑުން ބާޖު ބަނދެ އެބާޖުގައި ބޮޑުބަޑި ހަރުކުރެވެންފެށިއެވެ. އެގޮތުން، ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ، 19 ވަނަ ގަރުނުގައި ކުރެވުނު ކްރައިމީރިއާ ހަނގުރާމައިގާ، ފަރަންސޭސިންނާއި އިނގިރޭސިން ގުޅިގެން ރަޝިޔާއަށް ހަމަލާ ދިނީ ދަގަނޑު ބާޖުގައި ކެނަން ބަޑި ހަރުކޮށްފައިވާ އުޅަނދުތަކެއް ކަފުޖަހައިގެން ހަނގުރާމަ ސަރަހައްދަށް ގެންގޮސްގެން ކުރި ހަނގުރާމައެވެ.

އުޅަނދު ފަހަރު ބޮޑެތިވަމުން ގޮސް، ލަކުޑިން ބަނދެވޭ ވަރަށް ވުރެ ބޮޑެތި އުޅަނދުފަހަރު ބަންނަން ޖެހުމުން، ދަގަނޑުން އުޅަނދުފަހަރު ބަންނަން ފެށުނެވެ. އެންމެ ފުރަތަމަ ދަނގަޑު ފަށަލަލާފައިވާ މަނަވަރަކީ "ގްލުއާ" (ނުވަތަ "ގްލޯރީ") އެވެ. އެއީ ފަރަންސޭސިން 1859ގައި އުފެއްދި އުޅަނދެކެވެ. އޭގެ ޓަނޭޖުގައި 5600 ހުރިއިރު، 36 ބޮޑުބަޑި ހަރުކޮށްފައިވަނީ، ހަތަރު އިންޗީގެ ސްޓީލްދަގަނޑުގެ ބޯ ފަށަލައެއްގެ އެތެރޭގައި 26 އިންޗީގެ ބޯ ލަކުޑީގެ ބަނޑުފިލާއިން ބަނދެފައިވާ އޮޑިގަނޑެއްގައެވެ. ދަގަނޑުން ބަނދެފައި ހުއްޓަސް، އެ އުޅަނދުގައި ވަނީ ރިޔާ ނަގާފައެވެ. އެއީ ސްޓީމް އިންޖީނެއްގެ އިތުރުން، ދުވެލިހަލުވި ކުރުމަށެވެ. މި ފަދަ އުޅަނދުފަހަރު ގިންތި ކުރެވިފައިވަނީ "ފްރިގެޓް" ނުވަތަ "ސްޓީމް ފްރިގެޓް" ގެ ގޮތުގައެވެ. އެއީ "ބެޓްލްޝިޕް" މަނަވަރެއްކަމުގައި ގިންތި ކުރެވިފައިވަނީ އޭގެ އަހަރުތަކެއް ފަހުންނެވެ.

މުޅީން ދަނގަޑު ބޭނުންކޮށް އެންމެ ފުރަތަ ބަނދެފައިވަނީ 1869 ވަނަ އަހަރު އިނގިރޭސީންގެ "HMS މޮނާކް" އެވެ. އެ މަނަވަރުގައިވެސް ރިޔާ ނަގާފައި ހުއްޓެވެ. މަނަވަރުގައި ރިޔާ ނެގުން ހުއްޓުމަކަށް އައީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ. 1906 ވަނަ އަހަރު "HMS ޑްރެޑްނޯޓް" ބޭލުމާއެކު، މަނަވަރުބަނުމަށް އިންގިލާބެއް ގެނެވުނެވެ. އެއީ އެންމެ ފުރަތަމަ ސްޓީމް ޓަރބައިން އިންޖީނެއް ހަރުކުރި ބެޓްލަޝިޕް އެވެ. އަދި އޭގައިވާ ބަޑިތަކަކީ އެ ޒަމާނަށް މުޅިން އާ، އިންތިހާއަށް ބާރުގަދަ ބަޑިތަކެކެވެ. ސްޓީމް ޓަރބައިން އިންޖީނުގެ ސަބަބުން، އެ ބިޔަ މަނަވަރުތައް ގަޑިއަކު 20 މޭލަށްވުރެ ބާރު ސްޕީޑެއްގައި ދަތުރު ކުރެވެން ފެށިއެވެ. އޭގައި ހަރުކޮށްފައިހުރީ ދިގުހުރަހުގައި 12 އިންޗި ހުންނަވަރުގެ އުންޑަ ޖެހޭވަރުގެ ބޮޑެތި ބޮޑުބަޑިއެވެ. އަދި އެއަށް ފަހު މެދު ސައިޒުގެ ބޮޑުބަޑި، ބެޓްލްޝިޕް މަނަވަރުގައި ހަރުކުރުން ހުއްޓުމަކަށް އައެވެ. އަދި އެއަށްފަހު 20000 ޓަނާއި 40000 ޓަނާއި ދެމެދުގެ "ސުޕަރ ޑްރެޑްނޯޓް" ގިންތީގެ މަނަވަރުތައް ބަނދެވިގެން ދިޔައެވެ.

HMS ޑްރެޑްނޯޓް

ދުނިޔޭގެ ދެ ބޮޑު ހަނގުރާމަ ވެގެން ދިޔައީ މުޅި ދުނިޔެއަށް އީޖާދުކުރުމުގެ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ ދުވަސް ވަރަކަށެވެ. އެއްގަމާއި ވައިގާ ދުއްވާ އުޅަނދުފަހަރާ އެއްފަދައިން ކަނޑުދުއްވާ އުޅަނދުފަހަރަށް ވެސް ވަރަށް ގިނަ ގޮތްތޮތަށް ތަރައްގީ ލިބިގެންދިޔައެވެ. ހާއްސަކޮށް ހަނގުރާމަމަތީ އުޅަނދއެއްގަމާއި ވައިގާ ދުއްވާ އުޅަނދުފަހަރާ އެއްފަދައިން ކަނޑުދުއްވާ އުޅަނދުފަހަރަށް ވެސް ވަރަށް ގިނަ ގޮތްތޮތަށް ތަރައްގީ ލިބިގެންދިޔައެވެ. ހާއްސަކޮށް ހަނގުރާމަމަތީ އުޅަނދުފަހަރަށް ލިބުނު ކުރިއެރުން ތަކަކީ، އޭގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް ދެވަނަ ބޮޑު ހަނގުރާމަ ކާމިޔާބު ކުރެވުނު އެންމެ ބޮޑު ސަބަބެވެ.

ކަނޑުގައި ދުއްވާ އުޅަނދަކުން މަތިންދާ ބޯޓު އުދުއްސައިގެން ހަމަލާ ދިނުމަކީ، އެ މަތިންދާ ބޯޓުތައް އަމިއްލައަށް ދުއްވޭނެ އެންމެ ދުރުމިނުން ބޭރުގައިވާ ހިސާބުތަކަށް ހަމަލާ ދެވޭނެ ގޮތެކެވެ. އެކަން އެންމެ ފުރަތަމަ ކުރީ ޖަޕާނުންނެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގާ 1914 ވަނަ އަހަރުއެވެ. ނަމަވެސް އެ މަނަވަރުން މަތިންދާބޯޓު އުދުއްސާލުމުގެ އިތުރުން، އަނބުރާ ޖެއްސުމަށް ފަރުމާކޮށްފައިވާ އެއާކްރާފްޓް ކެރިއަރ އުފެއްދުމުގައި މިހާރު އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ.

އެ ގައުމުން މިހާރު ބަންނަމުންދާ އެއާކްރާފްޓް ކެރިއަރ އަކީ "ޖެރަލްޑް އާރު ފޯޑް ކްލާސް" ގެ ނަމުން ގިންތި ކުރެވިފައިވާ، ދިގުމިނުގައި 1092 ފޫޓު، ފުޅާމިނުގައި 134 ފޫޓު ހުންނަ، 100000 (އެއް ލައްކަ) ޓަނުގެ މަނަވަރު ތަކެކެވެ. އޭގެ އެންމެ ފުރަތަމަ އުޅަނދުވަނީ 2017ގައި ބާލާފައެވެ. އެ މަނަވަރުގައި 75 ޖެޓްފައިޓަރ މަތިންދާބޯޓު އެއްފަހަރާ އުފުލެއެވެ. އަދި ފަޅުވެރިންގެ ގޮތުގައި 4539 މީހުން އުޅެއެވެ. އެއީ މަނަވަރުގެ ފަޅުވެރިންގެ އިތުރުން މަތިންދާ ބޯޓުތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މީހުންނާއެކުއެވެ. އޭގައި A1B ގެ ދެ "ނިއުކްލިއަރ-ރިއެކްޓަރ" އަޅާފައިވެއެވެ. މިއީ އެންމެ ފަހުގެ އަދި އުޅަނދެއްގައި މިހާތަނަށް އަޅާފައިވާ އެންމެ ބާރުގަދަ އިންޖީނުތަކެވެ.

CVN-78 އެއާކްރާފްޓް ކެރިއަރ

އެއާކްރާފްޓް ކެރިއަރއަކީ މަނަވަރުތަކުގެ ރަސްގެފާނެވެ. އަދި އެފަދަ ކޮންމެ މަނަވަރަކާ އެކު އެތައް ބައިވަރު އެހެން މަނަވަރުތައް ދަތުރު ކުރެއެވެ. އެފަދަ "ކެރިއަރ ސްޓްރައިކް ގްރޫޕް" އެއްގެ ބޭނުމަކީ އެމެރިކާގެ ބާރު މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ގާއިމު ކުރުމެވެ. އެއިން ކޮންމެ ގުރޫޕެއްގެ ބާރު ފޯރާ ދުރުމިނަކީ 2000 ކިލޯމީޓަރަށްވުރެ ކުޑަނޫން ސަރަހައްދަކަށް ވާއިރު، ދުނިޔޭގައި މަދުވެގެން 11 ކެރިއަރ ގްރޫޕް ހަރަކާތްތެރި ވެއެވެ.

ލަކުޑިން ބަނދެގެން ހަނގުރާމައަށް ބޭނުންކުރަންފެށި އުޅަނދުފަހަރު، މިހާރު މިވަނީ ދަނގަޑާއި އެނޫންވެސް ގަދަފަދަ މައުދަނުން ބަންނަ އުޅަނދުފަހަރަށް ވެފައެވެ. މިއީ ވަރަށް ބޮޑު ތަރައްގީއެކެވެ. ނަމަވެސް، ކޮންމެ ގައުމަކުން ވެސް މަސައްކަތްކުރަނީ އެހެން ގައުމުތަކަށް ވުރެ ކުރީގައި އެ ގައުމެއްގެ ހަނގުރާމަމަތީ އުޅަނދުފަހަރު ބެހެއްޓުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި "ސްޓެލްތް" މަނަވަރުތައްވެސް ބަނދެވޭނެއެވެ. އެއީ ރާޑަރަށް ނާރާ ގޮތަށް ބަންނަ އުޅަނދުތަކެކެވެ. އޭގެ އިތުރުން، އެ އެއްޗެއްގެ ވާހަކަ އެއްވެސް ގޮތަކަށް އަޑުނީވޭ ކިތަންމެ ގިނަ ފަންނީ ސިފަތައް ހިމެނޭ އުޅަނދުފަހަރު ވަނީ ސިއްރިޔާތުގައި ފަރުމާކުރަން ފަށާފައި ނުވަތަ ތަހުލީލުކުރަން ފަށާފައިކަން ކަށަވަރެވެ.