ބަރަކާތްތެރި ރަމަޟާންމަސް ފެށިގެން ކުރިއަށްދާއިރު، ރޯދަ ވީއްލާ ވަގުތުގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ބާވަތަކަށް ކަދުރު ވާނެއެވެ. ކަދުރަކީ، ވަކި އުމުރެއްނެތި އެންމެނަށްވެސް މީރު އެއްޗެކެވެ. އެހެން ދުވަސްވަރުތަކާ ޚިލާފަށް ރާއްޖޭގެ ބާޒާރުން އެންމެ ގިނައިން ފެންނަން ފަށާ އެއް ބާވަތަކީވެސް ކަދުރެވެ. އޭގެ ސަބަބަކީވެސް، ހުރިހާ ގެއެއްގައި ކަހަލަ ގޮތަކަށް ބޭނުންކުުރާ އެއްޗަކަށް ކަދުރު ވާތީއެވެ. އެންމެންވެސް ގަންނާނެ އެއްޗަކަށްވާތީ، ރަމަޟާންމަހާ ދިމާކޮށް ވިޔަފާރިވެރިންވެސް ރާއްޖެއަށް ކަދުރު އެތެރެކުރަން އިސްކަންދެއެވެ.

ރޯދަ ވީއްލާ ގަޑީގައި ކަދުރު ކެއުމަށް ނުވަތަ ކަދުރުކޮޅަކުން ރޯދަ ވީއްލަން ދިވެހިންނާއި އަދި ހުރިހާ މުސްލިމުންވެސް އިސްކަންދޭ މުހިންމު ސަބަބެއް ވެއެވެ. އެއީ، ކަދުރު އޮށަކުން ރޯދަ ވީއްލުމަކީ ދީނީގޮތުން ސުންނަތެއް ކަމަށްވާތީއެވެ.

އެކަމަކު، ގިނަ މީހުންނަށް އެނގެނީ ކަދުރަކީ ފޮނި ކާއެއްޗެއް ކަމެކެވެ. އޭގައި ލަނީ ފޮނިރަހަ ކަމެވެ. އަނގަޔަށް މީރުކަމެވެ.

ހަގީގަތަކީ ކަދުރަކީ ސިއްހީގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް އެކުލެވޭ އެއްޗެއް ކަމެވެ. ދުނިޔޭގައި ހެދިފައިވާ ދިރާސާތަކުން ދައްކާފައިވަނީ ކަދުރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭ ކާނާއެއް ކަމެވެ.

ކަދުރުއޮށަކުން ރޯދަ ވީއްލުމުން ކަދުރުގައި ހިމެނޭ އެތައް ގިނަގުނަ ފައިދާތައް ހަށިގަނޑުގެ ތެރެއަށް ނަގަންފަށައެވެ. އޭގެ އެއް ނަތީޖާއެއްގެގޮތުން ތިމާ މުޅިދުވަހު ރޯދައަށް ހުރުމުގެ ސަބަބުން ވެފައިހުންނަ ހައިހޫނުކަން ކެނޑިގެންދެއެވެ. އޭގެ އަނެއް ފައިދާއަކީ ރޯދަ ވީއްލާވަގުތު ހަށިގަނޑަށް ކެތްނުވާވަރަށް ގިނައިން ކެއުމުން ދުރުހެލިކޮށްދޭ ކަމެވެ.

ކަދުރަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ކާނާއެކެވެ. އޭގެ ސަބަބުން ސިކުނޑިއާއި ނާރުތަކުގެ ނިޒާމު ވަރުގަދަކޮށް ދެއެވެ. އަދި އެންމެ ޚާއްސަ ކަމަކީ ކޮންމެ ދުވަހަކު އެންމެ ކަދުރެއް ކާލައިގެން ލޮލުގެ ސިއްހަތު މުޅި އުމުރަށް ދެމެހެއްޓިދާނެ ކަމެވެ.

ޕޮޓޭސިއަމްގެ އިތުރުން، ކަދުރުގައި ކެލްސިއަމް، އަޔަން، ފޮސްފަރަސް، ސޯޑިއަމް، މެގްނީޒިއަމް އަދި ޒިންކް ހިމެނެއެވެ. އަދި ތަޔަމިން، ފޮލޭޓް، ރައިބޯފްލަވިން، ވިޓަމިން އޭ އަދި ކޭ ފަދަ ވިޓަމިންތައްވެސް ކަދުރުގައި އެކުލެވިގެން ވެއެވެ.

މި މާއްދާތަކުން އިންސާނާގެ ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާއިރު، ބަނޑު ހަރުވުމާއިި، ގޮހޮރުގެ ބަލިތަކާއި، ހިތުގެ މައްސަލަތަކާއި، ލޭ މަދުވުމާއި، ބޭރަށް ހިންގުމުން ސަލާމަތް ކޮށްދިނުން ހިމެނެއެވެ. ކަދުރުގެ ސަބަބުން ކަށިތައް ބާރުގަދަވެ، އެލާޖީތަކުން ދުރުކުރުވައި، ހަށިގަނޑު މާބޮޑަށް ބަރުވުމުންވެސް ސަލާމަތް ކޮށްދެއެވެ.

އެއް ހަފްތާވަންދެން ކޮންމެ ދުހަކު 3 ކަދުރު ކައިފިނަމަ ހަށިގަނޑުގެ ހަޖަމުގެ ނިޒާމު ރަނަގަޅުވެ، ހަކަތަ ވަރުގަދަވެ، ސިކުނޑީގެ ސިއްހަތު ދުޅަހެޔޮވެއެވެ.

ކަދުރުން ލިއްބައިދޭ ސިއްހީ މި ފައިދާތަކަށް ބަލާއިރު، ކަދުރު ކާންވީ ނުވަތަ ކަދުރު ކެއުން ގިނަ ކުރާންވީ ހަމައެކަނި ރޯދަމަހަކު އެކަންޏެއް ނޫނެވެ. އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކަދުރު ކާންވީއެވެ. ކަދުރު ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާތައްވެސް ކާންވީއެވެ.