ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ވެކްސިން ޖެއްސެވީ އޭޑީކޭ ހޮސްޕޮިޓަލްގައި ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ޖެއްސެވީ ފައިޒާ ވެކްސިނެވެ. މީގެކުރިން ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ. އެކަމަކު އެމަނިކުފާނުގެ ގާނޫނީ ޓީމުން އެކަން ދޮގު ކުރެ އެވެ.

ގާނޫނީ ޓީމުން ވިދާޅުވިގޮތުގައި ކޮވިޑް ވެކްސިން މީގެކުރިން ޖަހަން އުޅުނު ރޭ ނުޖެހުނީ ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަނުޖެއްސުމުންނެވެ.