ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަމީރު ޙާޒިރުކުރެއްވުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

"ކޯވިޑް-19ގެ ޙާލަތާއި ލޯންގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަން" އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާ ބަޖެޓްގައި ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރުކުޑަކޮށް ދަނޑުވެރިކަމާއި މަސްވެރިކަމަށް އިންވެސްޓްކުރުމަށް މުސްތަޤްބަލަށް ރާވާފައިވާ ކަންކަން ފެންނާކެމަަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެންމެ ފުރަތަމަ އަޅުގަނޑުމެން ސާމްޕަލް ނަގައިގެން ފޮނުވަންޖެހުނީ އިންޑިއާގެ ޕޫނޭއަށް ޓެސްޓްކުރަން. ރާއްޖޭގައި މިހާރު 5 ހާސް ޓޭސްޓްކުރެވޭނެ ކެޕޭސިޓީ އެބަހުރި. މާލެއާއި ރަށްރަށުގައި ފެސިލިޓީތައް އެބަހުރި. ސޯޝަލް ސެކްޓަރއަށްވެސް އިންވެސްޓްކުރަމުން އާސަންދަ ނުހުއްޓީ ބަރާބަރަށް އެބަދޭ".އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގެ އަންދާޒާތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ ހިލޭއެހީއާއި ލޯންގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރިން އަންދާޒާކުރިކަމަށާއި، ނަމަވެސް މިހާރު ލިބޭނެކަމަށް އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާކަމަށެވެ. އެއީ 15 ބިލިއަން ރުފިޔާގެ ދަށްވުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ އާމްދަނީ ދަށްވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަކަމަށާއި، ތަރައްޤީގެ އެއްވެސް މަޝްރޫޢެެއްވެސް ނުހުއްޓޭކަމަށެވެ. އެމަޝްރޫޢުތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާތައް ދައްކަވަމުން ގެންދަވާކަމަށާއި، އާމްދަނީއަށް އަސަރުކުރި މީހުންނަށް އެލަވަންސްތައް ދެމުން އަންނަމަށްވެސް މިނިސްޓަރ އަމީރް ވިދާޅުވިއެވެ.