ބޯޓުގެ ދިރުނބާ ކޮޅުގައި ބައެއް ޒުވާނުންނާއެކު ހަރު މީހުން ތަފާތު ވާހަކަތައް ދައްކަން ތިއްބެވެ. އެމީހުންނަށް ދިމާވެފައިވާ މަޖާ ބައެއް ކަންކަން ވެސް ހިއްސާ ކުރަމުން ދިޔައެވެ. އެއީ އަޅުގަނޑުގެ އާ ދަތުރެވެ. އުމުރުން 11 ވަރަކަށް އަހަރެވެ. އެތާ ތިބި މީހުންގެ ތެރެއިން އެންމެ ކުޑައީވެސް އަޅުގަނޑެވެ. މިވާހަކަތަކުގެ ތެރެއިން އެކަކު ކިޔައިދިން ވާހަކައެއް މިތާގައި ހިއްސާކޮށްލަމެވެ.

ފުނޑާ ދައާއި ރަތްހާ

ކޮންމެ ވެސް ކަމަކާހެދި އޭނާ އުތުރުގެ ރަށަކަށް އަރުވައިލިއެވެ. އޭނާއަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ އަރުވައިލި ސަބަބާއި ރަށް ވެސް އޭނާ ބުނެދިނެވެ. ނަމަވެސް މިހާރު ހަނދާނެއް ނެތެވެ.

ރަށްރަށަށް އެގޮތަށް އަރުވާލާ މީހުންނާމެދު މީހުން އޭރު އަމަލުކުރަނީ ވަރަށް ނިކަމެތިކޮށެވެ. އެމީހަކާ މުޚާތަބު ކުރާނީ ވެސް "އަރުވާލި ސޮރު" ގެ ނަމުންކަމަށް އޭނާ ބުންޏެވެ. އެރަށުގައި އޭނާ އުޅެމުން ގެންދިޔައީ ވަރަށް ނިކަމެތި ހާލުގައެވެ. އަރާނެ ފައިވާނެއް ވެސް ނެތިއެވެ.

އެރަށުގައި ހުކުމުގެ ދުވަސްތައް ގުނަމުން ދަނިކޮށް އެރަށު ގެއަކުން ފުނޑާދައެއް ވަގަށް ނަގައިފިއެވެ. އެޒަމާނުގައި އެއީ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެން ކަމުން އެ ވަނީ ވަރަށް މުހިންމު އެއްޗަކަށް ވެފައެވެ. އެ ނެތިއްޔާ ހަވާދެއް އަދި ފުނޑަންޖެހޭ އެހެން އެއްޗެއް ވެސް ފުނޑޭނެ ގޮތެއް ނޯވެއެވެ.

ދައި ގެއްލިގެން އޭގެ ވެރިމީހާ ވަރަށް ކަންބޮޑުވެއްޖެއެވެ. އަވަށްޓެރިންގެ ގާތުން އަހައިގެން ވެސް އެއަށްވީގޮތެއް ނޭނގުނެވެ. ރަށު އޮފީހަށް އަންގައިގެން ވެސް އެ ފެނޭގޮތެއް ނުވިއެވެ. އެންމެފަހުން އެރަށު މީހެއްގެ ލަފާގެ މަތިން އަރުވާލި ސޮރުގާތަށް އެމީހާ ހިނގައްޖެއެވެ. ދެކުނުގެ މީހަކަށްވާތީއެވެ. ފަންޑިތައަށް މޮޅުވާނެތީއެވެ. އެމީހާގެ މަގުސަދަކީ ފާލެއް ބަލައިގެން ނަމަވެސް ދައި ހޯދުމެވެ. ނުވަތަ ވީގޮތް ބެލުމެވެ.

ހަގީގަތަކީ އަރުވާލި ސޮރަށް އެބާވަތުގެ އެއްވެސް ކަމެއް ނޭނގެއެވެ. ފަންޑިތައޭ ވެސް ކިޔާކަށް ނޭނގެއެވެ. އެހެންނަމަވެސް ދެކުނު މީހަކަށްވާތީ އެނގޭނެ ކަމަށް ބަލާފައި އެމީހާ އައީއެވެ. އެމީހާއައިސް ވެގެން އުޅޭގޮތް ކިޔައިދީފިއެވެ. އަރުވާލި ސޮރު ހިތަށް އެރިއެވެ. ﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އޭނާގެ ނަސީބު އަތުގައި ހިފީކަމަށް ބަލައިފިއެވެ. ހިތްވަރު ކޮށްލާފައި ކަންކުރަންވީ ގޮތް އެމިހާއަށް ކިޔައިދިނެވެ.

މަސްފަލަ ބޮޑު ރަތް ހާލެއް ހޯދާށެވެ. މިއަދަކީ ބުދަ ދުވަހެވެ. ހުކުރު ދުވަހު އެންމެން ހުކުރަށް ތިބޭ ގަޑީގައި ހާލުގެ ފައިގައި ކުޑަކުޑަ ތަވީދެއް އަޅުވާފައި ދޫކޮށްލާނަމެވެ. ދޫކޮށްލުމުން އޭތި އެދިޔަގޮތަށް ގޮސް މިސްކިތަށް އަރާނެއެވެ. ހުކުރަށް ތިބޭ މީހުންގެ ތެރެއިން އެ ދައި ނެގި މީހާގެ ގަޔަށް ހައު އަރައިގަންނާނެއެވެ. އެހިސާބުން އެންމެނަށް އޭނާއަކީ ކާކުކަން އެނގޭނެއެވެ.

ހަމަ އެދުވަހުން އެދުވަހަށް ރަތްހާލެއް ހޯދައިގެން އައިސް އަރުވާލި ސޮރު ބުނިގޮތަށް ކަންތައް ކޮށްފިއެވެ.

މިވާހަކަ މާ ހަލުއިކޮށް މުޅިރަށަށް ފެތުރި މަޝްހޫރު ވެއްޖެއެވެ. އަރުވާލި ސޮރުގެ ކުޅަދާނަކަމާއި ފަންޑިތައަށްހުރި މޮޅުކަން ދެކެން އެރަށުގެ އެންމެން ބޭނުންވެގެން، ހުކުރު ދުވަހު ހުކުރުވަގުތަށް އެންމެން އިންތިޒާރު ކުރަން ފަށައިފިއެވެ. އެޒަމާނުގައި ހުކުރަށް ދިއުން މަޖުބޫރުވާނެއެވެ. ނުގޮސްފިއްޔާ ދުއްރައިން ތަޅާ ކަމަށް ވެއެވެ. އެހެން ކަމުން ކޮންމެ ގޮތެއް ހަދާފައި ވެސް މީހުން ހުކުރަށް ދާނެއެވެ.

ޖެހިގެން އައި ބުރާސްފަތި ދުވަހު އަރުވާލި ސޮރު ޢަސްރުނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ފަހަތުން މީހަކު އަންނަކަން އޭނާއަށް ފާހަގަވިއެވެ. އޭނާއަށް ގޯނާކުރަން އުޅޭމީހެއް ކަމަށް ހިތަށްއަރައި ޖެހިލުންވެހުރެ އޭނާ ގެއާދިމާއަށް ހިނގަމުންދިޔައެވެ. ގޭ ދޮރާށީން ވަނުމުގެ ކުރިން ފަހަތުން އައި މީހާ ސަލާމް ގޮވާލިއެވެ. ސަލާމަށް ޖަވާބު ދިނުމަށްފަހު، ކީއްކުރާ މީހެއްތޯ އަހާލިއެވެ. ޖަވާބުގައި ބުނީ ވާހަކައެއް ބުނަން އައީ ކަމަށެވެ. މިހެން ބުނުމުން އޭނާގެ މޫނަށް ބަލައިފައި އަރުވާލި ސޮރު ބުންޏެވެ. މިއަދު ކަލޭ އަންނާނެކަން އެނގޭތީ ތިމަންނަ މި ހުންނަނީ އިންތިޒާރުގައެވެ. ތިޔަ ބުނަންއުޅޭ ކަންތަކުގައި ސަލާމަތްއޮތީ ކަލޭ ތެދުވެރިވި މިންވަރެއްގެ މައްޗަށެވެ.

މިއަޑު އަހައިފައި އެމީހާ ބުންޏެވެ. ދައި ވަގަށްނެގީ އޭނާއެވެ. ދައި މިހާރު އޮތީ މިވެނި ތަނެއްގައޭ ވެސް ބުނެފިއެވެ. ހުކުރު ދުވަހު ތިޔަ ހަދަން އުޅޭ "ފަންޑިތަ" ހަދައިފިއްޔާ އޭނާ މުޅި ރަށަށް ބޭޒާރުވެ، ރަށުގައި ނޫޅެވޭވަރު ވާނެއެވެ. އެހެން ކަމުން އެކަން އެގޮތަށް ނުކޮށް ދައި އޭގެ ވެރިމީހާއަށް ރައްދުކުރެވޭނޭ ގޮތެއް ހަމަޖައްސައިދޭން އޭނާ އެދުނެވެ.

އަރުވާލި ސޮރު މިކަމާ އެއްބަސްވިއެވެ. ނަމަވެސް އޭނާގެ ބަހުގައި އެއްވެސް ދޮގުވެރިކަމެއް ހުރިކަން ސާބިތުވެއްޖެއްޔާ ޖެހިގެން އަންނަ ހުކުރުގައި ފަންޑިތަ ހަދާނެކަމަށް ބުންޏެވެ.

ހަމަ އެރޭ ދައިގެ ވެރިމީހާ އެގެއަށް އަތުވެއްޖެއެވެ. އަދި ހުކުރު ދުވަހަށް ތައްޔާރުތޯ އަހައި ކަންކަން އޮޅުންފިލުވައި، ރަނގަޅަށް ކަންކަން ހިނގާނެތޯ ކަށަވަރު ކުރުމަށެވެ.

އަރުވައިލި ސޮރު ބުންޏެވެ. މިސްކިތަށް ހާލެއް ވެއްދުމަކީ މިސްކިތުގެ ހުރުމަތް ކެނޑޭނޭ ކަމެކެވެ. އެކަމާ ވިސްނައިފައި އަހަރެން ފާލެއް ބަލައިފީމެވެ. ދައި އޮތީ ވަޅުލައިފައެވެ. އެތަން ވެސް އެނގެއެވެ. އެތަން ބުނާނީ މާދަމާ ހުކުރުން ފައިބާ ގަޑީގައެވެ. ދައި އޮތްތަނަށް ދާންވާނީ ކޮންމެވެސް ބަޔަކު ވެސް ގޮވައިގެންނެވެ. އެހެން ނޫނީ ފަންޑިތަ ބާތިލް ވެސް ވެދާނެއެވެ.

ޖެހިގެން އައީ ހުކުރު ދުވަހެވެ. އެދުވަހު ހުކުރުން ފައިބައިގެން ރަށުވެރިން ވެސް ގޮވައިގެން ވަގުކަލޭގެ ބުނި ސަރަހައްދަށް މީހުން ގޮސް ކޮނެގެން ބަލަން ފަށައިފިއެވެ. ދައެއް ނުއެއް ފެނުނެވެ. އެންމެފަހުން އަރުވާލި ސޮރު އެއްގަމަށް ގޮސް ވަގުކަލޭގެ ގޮވައިގެން އަތުވެއްޖެއެވެ. އޭނާގެ "ވަރަށް މަސައްކަތުން" އެ ދައި ފެނިއްޖެއެވެ.

އެހިސާބުން އަރުވާލި ސޮރުގެ މޮޅުކަމާމެދު އެންމެން އަޖައިބުވެ އޭނާއަށް ތައުރީފް ކުރަންފެށިއެވެ. ދައި ފެނުމުން އޭގެ ވެރިމީހާ އިނާމެއް ގޮތުގައި ކޮންމެވެސް ވަރަކަށް ފައިސާ ވެސް ދިނެވެ. އެ ހިސާބުން އަރުވާލި ސޮރު މުޅިރަށަށް މަޝްހޫރުވީ ދެކުނުގެ ފަންޑިތަވެރިޔާގެ ނަމުންނެވެ.

ކުކުޅު ނަޖިހާއި މާބަނޑުމީހާ

ފުނޑާދައިގެ ހާދިސާގެ މަޝްހޫރު ކަމަށްފަހު އޭނާދެކެ އެރަށު މީހުން ޖެހިލުންވިއެވެ. އޭނާއަށް ގަދަރަކާއި އިހްތިރާމް ކުރަން ފެށިއެވެ. މިހާރު އޭނާއަކީ ދެނު ފަންޑިތަވެރިޔާއެވެ.

މިހެން އުޅެނިކޮށް މާބަނޑު އަންހެނަކު ވިހެއުމުގެ ވަގުތުޖެހި ބަނޑުގައި ރިއްސަން ފަށައިފިއެވެ. ތިންރޭ ތިންދުވާ ވެގެންދިޔައިރު ވެސް ރިއްސަނީއެވެ. ވިހާ ގޮތެއް ނުވިއެވެ. ފޫޅުމައިންނާއި ފަންޑިތަވެރިން އައިސްކުރި އެއްވެސް ކަމަކުން އަލިމަގެއް ނުފެނުނެވެ. އެންމެފަހުން ދެކުނުގެ ފަންޑިތަވެރިޔާއަށް ގޮވަން ޖެހިއްޖެއެވެ. އަނެއްކާވެސް ކަމެއް ލައްވައިލީއެވެ. "ފަންޑިތަވެރިޔާ" ﷲ އާ ވަކީލުކޮށްފައި ގެއިން ނުކުމެގެން ހިނގައިގެންފިއެވެ. އޭރު އޭނާ ބަލައި ދިޔަމީހުން ވެސް އޭނާއާއެކު އާދެއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ހިނގާފައި ގޮސް ގެއަށް ވަންނަން ކައިރިވެފައި ހުއްޓައި ކުކުޅު ނަޖިހަކަށް އެރިއްޖެއެވެ. އެޒަމާނަކީ އާންމުކޮށް ފައިވާނަށް އަރާ ޒަމާނެއް ނޫނެވެ. އެހެންކަމުން އޭނާ ވެސް ހުރީ ހުސް ފަޔާއެވެ. އެގެއަށް ވަންނަމުން ފައިގައިހުރި ނަޖިސް ފިލުވައިލުމަށްޓަކައި އެގޭ އޮޅިގަނޑުގައި އޭނާ ފައިން ޖަހައިލިއެވެ. މިގޮތަށް ތިންވަނަ ފަހަރު ޖެހިތަނާ ﷲ އިރާދަފުޅާއެކު ކުއްޖާ ވިފައިފިއެވެ. އެގޭ މީހުން ހީކުރީ ފައިން އެޖެހި ޖެހުމަކީ ފަންޑިތަ ހަދައިފައި ޖެހިޖެހުމެއްކަމަށެވެ.

ކުއްޖާ ވިހެއުމާއެކު އެގޭ މީހުން އުފަލުން ފޮޅުނެވެ. އަދި މުޅިއާއިލާއަށް ލިބިފައިވާ ހާސްކަން ފިލިއެވެ. އެ އަންހެންމީހާއަށް އަޅަމުންދިޔަ ވޭނުން ނަޖާވީއެވެ. މިކަމުގެ އުފަލުގައި އެ އަންހެން މީހާގެ ފިރިމީހާ ދުއިސައްތަ ރުފިޔާ ހިފައިގެން އައިސް ފަންޑިތަވެރިޔާއަށް ހަދިޔާގެ ޖީބަށްލިއެވެ. އެފަހުން އޭނާ އެރަށުގައި އިތުރަށް މަޝްހޫރުވެ މިނިވަންވަންދެން އުޅުނީ ވަރަށް އުފަލުގައެވެ. އެރުށުގެ ގަދަރުވެރިއެއްގެ ގޮތުގައެވެ. ﷲ އޭނާ އަށް ކަންކަން ފަސޭހަކޮށްދެއްވައި މިންވަރުކުރެއްވި ގޮތްތާއެވެ!