ދިވެހިސަރުކާރާއި އިންޑީއާ ސަރުކާރާ ދެމެދުވެފައިވާ ކަމަށް ބުނާ އުތުރު ތިލަފަޅު އެގްރީމެންޓް ޑްރާފްޓް ގެ ދިވެހި ތަރުޖަމާ، ފޮތެއްގެ ސިފައިގައި ނެރުމުގެ މަސައްކަތް ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) އިން ފަށައިފިއެވެ.

ޑީއެންއޭގެ އިސްބޭފުޅެއް ކަމަށްވާ ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ މި އެއްބަސްވުން ދިވެހިބަހަށް ތަރުޖަމާކޮށް ފޮތެއްގެ ސިފައިގައި ނެރެން ނިންމީ އޭގައިވާ އެއްޗެއް ގިނަމީހުންނަށް ސާފުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ވަރަށްގިނަ މީހުން އެބަ އެދޭ އެ އެގްރީމެންޓް ދިވެހިބަހަށް ތަރުޖަމާކޮށްގެން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް. އިނގިރޭސި ބަހުން އޮތް އެގްރީމެންޓެއްވީމައި ބައެއް މީހުންނަށް އޭގައި ބުނާ އެއްޗެއް އެންމެ ރަނގަޅަށް ފަހުމް ނުވެދާނެތީ ދިވެހި ބަހުން ނެރެން މިނިންމީ،" ޢުމަރު ވިދާޅުވިއެވެ.

އޭނާވިދާޅުވީ އެގްރީމެންޓު ތަރުޖަމާކޮށް ކުރަންޖެހޭ އެހެން މަސައްކަތްތައް ނިންމައި އަންނަ ހަފްތާގައި ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޢުމަރު ވިދާޅުވީ ފުރަތަމަ ނެރޭނީ ޔޫޓީއެފްގެ ދިވެހިތަރުޖަމާގެ އެއް ހާސް ކޮޕީ ކަމަށެވެ. ޖުމްލަ ދިހަ ހާސް ނުވަތަ އެއަށްވުރެ ގިނައިން ވެސް ނެރޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

މިއެއްބަސްވުމާ ބެހޭ ގޮތުން މޯލްޑިވްސް ޑިފެންސް ފޯސްއާއި ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ އަސްލެއްނެތް އެއްބަސްވުމެއް ކަމަށެވެ. ސޮއިކޮށްފައިވާ އެއްބަސްވުމުގައި ދިވެހި ރާއްޖެއަށް ދެރަގޮތެއް ވެދާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށް އެމްއެންޑީއެފުން ތަކުރާރުކޮށް ވިދާޅުވެފައިއެވެ.

މިކަމާ ބެހޭ ގޮތުން ޢުމަރު ވިދާޅުވީ ދިފާޢުވާން ވާހަކަ ދެއްކެވުމުގެ ފުރުސަތު ކޮންމެ ބަޔަކަށް ވެސް އޮންނާނެ ކަމަށެވެ. "މި ޑްރާފްޓް އެއްބަސްވުކީ ހަގީގީ އެއްޗަކަށް ނުވާ ކަމަށްވާނަމަ އަސްލު އެއްބަސްވުން ސަރުކާރުން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ނަޖިލީހާ ޙިއްސާ ކޮށްދެއްވައި އާންމުންގެ ކަންބޮޑުވުންތައް ނިމުމަކަށް ގެނެސްދެއްވާ،" ޢުމަރު ވިދާޅުވިއެވެ.