ދުނިޔޭގެ ކޮންމެ ދިމާއަކަށް މިއަދު ބަލާލިނަމަވެސް، ސްޕަމާކެޓްތަކުން ފެށިގެންގޮސް، ޝޮޕިންގ ސެންޓަރުތަކާއި، ކަންމަތީ ފިހާރަތަކުން ފެށިގެން، ގޭގެގައިވެސް ހުންނަ ހަކުރަކީ ކެއިން ބުއިމުގެ އެންމެ އާންމު އެއް ބާވަތެވެ. ހަކުރާ ނުލާ އިންސާނުންނަށް މިއަދު ދުނިޔޭގައި އުޅުމަކީވެސް ދަތިކަމަކަށް ވާނޭކަމަށް ބުނުމަކީ ގޯސް ބަހަކަށް ނުވާނެއެވެ. އެހާވެސް، ހަކުރާއި އިންސާނުންނާއި ވަނީ ގުޅިލާމެހިފައެވެ.
އެކަމަކު ހަކުރަކީ އިންސާނުންނަށް އެހާ ރައްކާތެރި ރަހްމަތްތެރި ބާވަތަކަށްވެސް ނުވެއެވެ. ކެއިން ބުއިމުގައި އާންމުކޮށް ބޭނުންކުރުން އެހާ ރަނގަޅު ބާވަތަކަށްވެސް ނުވެއެވެ. ހަކުރު މިއަދު ވެފައިވަނީ އިންސާނުންނަށް އޭގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިކުރުވާ، އިންސާނުންނަށް ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ނުރައްކާތެރި ބާވަތަކަށެވެ.
މުޅި ދުނިޔޭގައި މިއަދު އާންމުވެފައިވާ އަދި އާންމުވަމުން އަންނަ ފަލަވުމުގެ ބަލީގެ އަސްލަކީވެސް ހަކުރުކަމަށް އެންމެން ގަބޫލުކުރެއެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ހަކުރު ކަމަށް ސިއްހީ މާހިރުންވެސް ވިދާޅުވެއެވެ.
ފަލަވުމުގެ ބަލިނޫނަސް، އިންސާނުންގެ މެދުގައި އާންމު ބައްޔެއް ކަމަށްވާ ހަކުރުބައްޔާއި، މުޅި ދުނިޔޭގައިވެސް އާންމުވަމުން އަންނަ ހިތުގެ ބަލިތަކުގެ އަސްލަކީވެސް ހަކުރު ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ސިއްހީ އެކިއެކި ހޯދުންތަކާއި، ދިރާސާތަކުންވެސް ވަނީ އެކަން ހާމަވެފައެވެ.
އިންސާނުންގެ މޫނުމަތީގެ ސިފައިގެ ރީތިކަން ހާމަވާ އެއްކަމަކީ ރީތި ދަތްޕިލައެއް ލިބިފައި ހުރުމެވެ. އެހެން ނަމަވެސް، ދަތްޕިލައަށް ތަފާތު މައްސަލަތައް ޖެހި "ރިޕެއަރ" ކުރަން ޖެހުމާއި، ދަތް ޖެހުމަކީ މިއަދު ދުނިޔޭގައި ވަރަށް ގިނައިން ކުރާންޖެހޭ ކަމެކެވެ. ދަތްތަކަށް ތަފާތު މައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީވެސް ހަކުރުކަމަށް ސިއްހީ ހޯދުންތަކުން ސާބިތުވެފައި ވެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، ހަކުރަކީ އިންސާނުންގެ އާންމު ސިއްހަތުގެ އެންމެބޮޑު "ދުޝްމަން" ކަމުގައި ގަބޫލުކުރެވިދާނެ ހެއްޔެވެ. ޖަވާބަކީ ގަބޫލުކުރެވިދާނެއެވެ. ސަބަބަކީ އިންސާނީ މުޅި ސިއްހީ ނިޒާމު ހަކުރުގެ ސަބަބުން ހަލާކުވެދާ ކަމަށްޓަކައެވެ.
ކޮލެސްޓްރޯލްއާއި، ލޮނުފަދަ ބާވަތްތަކުން ސިއްހަތަށް ގެއްލުންލިބޭތީ އެފަދަ ކާބޯތަކެއްޗާ ދެކޮޅަށް އިންސާނުން ހަނގުރާމަ ކުރަމުންދާ ނަމަވެސް، ހަކުރަކީ އެއަށްވުރެންވެސް ނުރައްކާތެރި ބާވަތެއް ކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ. ހަކުރާ ދެކޮޅަށް ކުރާންޖެހޭ ހަނގުރާމަ މާ ވަރުގަދަ ކަމަށްވެސް ވިދާޅުވެއެވެ.
ހަކުރާ ބެހޭގޮތުން މީގެ 40 އަހަރު ކުރިން މީހަކު ފޮތެއް ލިޔެ ޝާއިއު ކޮށްފައި ވެއެވެ. ޖޯން ޔޫކިން ނަމަކަށްކިޔާ މީހަކު ލިއުނު އެފޮތަށް ދީފައިވާ ނަމަކީ "ޕިޔޯރ، ވައިޓް އެންޑް ޑެޑްލީ" އެވެ. އެފޮތް ނެރުނު ދުވަސްވަރު ބައެއް މީހުން އޭގައިހުރި ވާހަކަތަކަށް ޖޯޖްޖަހައި ހެދިއެވެ. ނަމަވެސް، އެފޮތުގައި ހުރި ވާހަކަތަކުގެ ހިތި ހަގީގަތް މިއަދު މިވަނީ ހާމަވެފައެވެ.
މިފަހުން ދުނިޔޭގައި އާންމުކުރެވުނު ދިރާސާއެއްގެ ނަތީޖާގައި، ހިތުގެ ބަލިތައް ޖެހުމުގައި ހަކުރު އަދާކުރާ ދައުރުގެ ބޮޑުކަން ހާމަވެގެން ގޮސްފައި ވެއެވެ. އެގޮތުން، ދުވާލެއްގެ މައްޗަށް ހަކުރު ހިމެނޭ ފިޒީ ޑްރިންކްސް ދަޅެއް ނުވަތަ ދެދަޅު ބޮއިފިނަމަ ހާޓްއެޓޭކެއް ޖެހުމުގެ ފުރުސަތު %35 އަށް ބޮޑުވާކަމަށް ދިރާސާއިން ދައްކާފައި ވެއެވެ.
ހަމައެއާއެކު، އޭގެ ސަބަބުން ހަކުރުބަލި (ދެވަނަ ވައްތަރު) ޖެހުމުގެ ފުރުސަތު %26 އަށް ބޮޑުވެގެންދާ ކަމަށާއި، ސްޓްރޯކެއް ޖެހުމުގެ ފުރުސަތު %16 އަށް ބޮޑުވާ ކަމަށްވެސް ހަވަރޑްގެ ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި މި ދިރާސާއިން ހާމަވެފައި ވެއެވެ. މިއީ، ހަކުރާ ބެހޭގޮތުން ދުނިޔޭގައި މިހާތަނަށް ހާމަކުރެވުނު އެންމެ ހާމަކަންބޮޑު މައުލޫމާތެވެ.
މާ ގިނައިން ފިޒީ ޑްރިންކްސް ބުއިމުގެ ނަތީޖާގެ ނިމުން ބައެއް މީހުންނަށް ވަރަށް ހިއްޗެވެ. ދާދިފަހުން ޔޫކޭގައި ފިޒީ ޑްރިންކްސް ބުއިމަށް ދެވި ހިފާފައި ހުންނަ ކިޔަވާކުއްޖަކު ހާޓްއެޓޭކް ޖެހިގެން މަރުވިކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ފިޒީ ޑްރިންކްސް ބޮއިގެން އެފަދަ ހިތާމަވެރި ހާދިސާތައް ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ހިނގާފައި އެބަހުއްޓެވެ.
ހަކުރު ހިމެނޭ ބުއިންތައް އާންމުކޮށް ބުއިމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ބަރުދަން އެތައް ތަނަކުން ބަރުވެއެވެ. ދިރާސާހެދި ޓީމުގެ އިސްވެރިޔާ ފްރޭންކް ހޫ ވިދާޅުވީ، ހަކުރު ހިމެނޭ ބުއިންތައް މަދުކުރުން ވަރަށް މުހިންމު ކަމަށާއި، ސްކޫލްތަކުގެ ސިޔާސަތުތަކަށްވެސް ބަދަލުތައް ގެނަސްގެން، ޚާއްސަކޮށް ކިޔަވާކުދިން މި އާދައިން ވަރަށް އަވަސްގޮތެއްގައި ދުރުކުރަންޖެހޭ ކަމަށެވެ. ސަބަބަކީ ފިޒީ ޑްރިންކްސް ދަޅެއްގައި އާންމުކޮށް ހަތްސަމުސާ ހަކުރު އެކުލެވޭތީއެވެ.
މިކަމާހެދި ފިޒީ ޑްރިންކްސްއާ ދެކޮޅަށް މުޅި ދުނިޔެ ގުޅިގެން ހަނގުރާމަ ކުރަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަޖުރިބާކާރުންވެސް ވިދާޅުވެފައި ވެއެވެ.
ބަޔަކު ވިޔަފާރީގެ މަންފާއަށް ކުރާ ކަމެއް ނަމަވެސް، ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ޑްރިންކްސް ބުއިމުގެ ނޭދެވޭ އާދަޔާ ރައްޔިތުން ދުރުހެލިކުރަން ގައުމުތަކުގެ ސަރުކާރުތަކުން ސިޔާސަތުތަކަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.