ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ގެނެވުނު ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ގެނެވުނު ކުރިއެރުން ތަކެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ޚިޠާބުގައެވެ.

ޑިފެންސް މިނިސްޓަރގެ ޚިޠާބުގައި ދިވެހި އަސްކަރިއްޔާގެ ހުނަރުވެރިކަމާއި ޤާބިލްކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް، ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާގައި ޙަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއް ގިރާކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ބޭފުޅުން ޢައްޔަންކުރުމާ ގުޅިގެން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ފަޑީގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިއްބެވޭނެ މަގުފަހިކޮށް، ސިފައިންގެ ލީޑަރޝިޕުން ނިންމާ ނިންމުންތަކުގައި، ކަނބަލުންގެ އަޑު ހިމެނޭނެހެން ލަފާދޭ މަޖިލީހަށް ބަދަލުވަނީ ގެނެވިފައިވާކަމަށެވެ.

މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެކަމަށާއި، ދާދިފަހުން، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި ކޯހެއް ފުރިހަމަކުރުމަށް، ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު އެނބުރި ޤައުމަށް އައީ ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑްގެ މަތިވެރި ޝަރަފާއެކުގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރުގެ ޚިޠާބުގައި، 129 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއަށާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، އެކި އެކި ރޭންކުތަކުގައި ޙަރަކާތްތެރިވާ އެންމެހާ ސިފައިންނަށާއި، ސިފައިންގެ އާއިލާތަކަށް، ވަނީ ފޮނުއްވާފައެވެ. އަދި މިއަހަރުގެ ސިފައިންގެ ޝިޢާރުކަމަށްވާ "ސިފައިންގެ ޤާބިލްކަން - ޤައުމުގެ އަމާންކަން" އޭގެ އެންމެ ފުރިހަމަ، ޙަޤީޤީ މާނައިގައި ތަމްސީލުކޮށް، މިއަހަރަކީވެސް، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަމަށް އިތުރު ބާރެއް ލިބި، ސިފައިން ރައްޔިތުންނަށް ދޭ އެފަދަ ދެވަނައެއް ނެތް އޯގާތެރި ޚިދުމަތުން، ޤައުމުގެ އަމާންކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ އަހަރަކަށް ހަދަން ސިފައިން ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.