އަޅުގަނޑުމެން އާންމު ގޮތެއްގައި ހިކަނދިފަތް ބޭނުން ކުރަނީ ކެއްކުމަށާއި، ތަފާތު ހެދިކާއާއި އަދިވެސް އެފަދަ އެހެން އެއްޗެހި ހެދުމަށެވެ. ހިނކަނދިފަތް ބޭނުން ކުރަނީ ކާއެއްޗެހީގެ ރަހަ މީރުކޮށްލުމަށް ކަމަށްވިޔަސް އެއިން ލިބޭ ފައިދާ އިންތިހާއަށް ބޮޑެވެ. އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ކަމަށްވާނަމަ ހިނކަނދިފަތް ނުކައި އަޅުގަނޑުމެން ނުތިބޭނެއެވެ.

މިފަތުގެ ތާރީޚަށް ބަލާއިރު މިއީ ފުރަތަމަ އިންޑިއާގެ ޖަންގަލިތަކުގައި ހެދުނު އެއްޗެއް ކަމަށް ވެއެވެ. އެންމެފަހުން އެ ޖަންގަލިތަކުގައި އެ ގަސް ހެދެމުން ގޮސް އެންމެފަހުން ޕާކިސްތާނާ ހިސާބަށް ފޯރީއެވެ. އެންމެ ބަންގްލަދޭޝާ ހަމައަށް ވެސް ފޯރީއެވެ. އެއަށްފަހު އަވަށްޓެރި ސްރީލަންކާ، އޮސްޓްރޭލިއާ އަދި އެފްރިކާގައިވެސް މި ގަސް ހައްދަން ފެށިއެވެ. ރާއްޖެއާ ހަމައަށް މި ގަސް އައިސްފައި ވަނީ އިންޑިއާ ނުވަތަ ސްރީލަންކާއިން ކަމަށް ވެދާނެއެވެ.

ހިކަނދިފަތަކީ ދިގުތާރީޚެއް އޮތް އެއްޗެކެވެ. މިއީ ފުރަތަމަ ގަރުނުގައިވެސް ބޭނުން ކުރަމުން އައި އެޗެއް ކަމަށް ވެއެވެ. މިއީ ވަރަށް ގަދައަށް ހެދޭ ގަހެކެވެ. މިގަސް އާންމު ގޮތެއްގައި 4-6 މީޓަރަށް ހެދެއެވެ. މި ގަހުގެ ފަތަކީ ނިކަން މީރުވަސްދުވާ އެއްޗެކެވެ. ފަތުގެ ދިގުމިނުގައި ގާތްގަޑަކަށް 2-4 ސެންޓި މީޓަރ ހުރެއެވެ. ފުޅާމިނުގައި 1-2 ސެންޓި މީޓަރ ހުރެއެވެ. ކޮންމެ ފަތް ކޯޅިއެއްގައި ގާތްގަނޑަކަށް 11-21 ފަތް ހުރެއެވެ. މިގަހަކީ ވަރަށްރީތި މަލެއް ނުކުންނަ ގަހެކެވެ. މިގަހުގެ އޮށަކީ ވިހައެއް ކަމުގައި ވެއެވެ.

ކާނާގެ ބައިތައް އެކުލެވިގެންވާ މިންވަރު (100ގްރާމްގައި)

ގާތްގަނޑަކަށް 66.3 ޕަސެންޓް ތެތްކަން،6.1ޕަސެންޓް ޕްރޮޓީންސް، ކާބޯހައިޑްރޭޓްސް18.7ަސެންޓް،6.4ޕަސެންޓް ފައިބަރ،އަދި 4.2ޕަސެންޓް މިނަރެލްސް ހުރެއެވެ. މިއީ ވިޓަމިންއާއި މިނެރަލްސް(މައުދަން) ފޮސްފަރަސް، ދަގަނޑުގެ ބައި، ނިކޮޓިނިކް އެސިޑް އަދި ވިޓަމިން ސީ މުއްސަދި އެއްޗެކެވެ.

ޕޭސްޓް

މާބަނޑު އަންހެނުން ހޮޑުލުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް އެމައިމީހާއަށް އިންތިހާއަށް އުނދަގޫވާ ކަމެކެވެ. ވަރުބަލިވާ ކަމެކެވެ. އެހެން ކަމުން ހިކަނދިފަތް ބޭނުން ކޮށްގެން އެކަން ހުޓުވިދާނެ ކަމަށް ވެއެވެ.

ހިކަނދިފަތް އޮލަވާވަރަށްފުޑާފައި (ޕޭސްޓް) ހަދާށެވެ. ޕޭސްޓު ހަދާއިރު ރަހަ މީރުވަރަކަށް ލުބޯހުތް ފޮދަކާއި މާމުއި އަދި ހަކުރު ކޮޅެއް އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެ ގޮތަށް ޕޭސްޓް ހަދައިގެން ބޭނުން ކުރުމަކީ އޭގެ ފައިދާ ޓެސްޓް ކުރެވިފައިވާ ކަންތައްތައްކަމުގައިވެއެވެ. އަދި މި ކެއުމުން ހޮޑުލަވާގޮތް ކަނޑުވައިދީ މީހާއަށް ލުއި ލިބެއެވެ.

އިސްތަށިގަނޑަށް އެއްވަނަ

ހިކަނދިފަތަކީ ބޮލުގެ އިސްތައްޓަށް ވެސް ފައިދާ ހުރި އެއްޗެކެވެ. އިސްތަށި ބުޑަށް އާރޯކަން ގެނެސްދެއެވެ. އިސްތަށިގަނޑަށް އާ ދިރުމެއް ގެނެސްދެއެވެ. ތަޖުރިބާ ކޮށްލަން މިގޮތަށް އަމަލު ކުރާށެވެ. ވިއްސަކަށް ހިކަނދިފަތް ހޯދާށެވެ. އަދި އެފަތްތައް ޖޯޑެއްގެ ކާށިތެލަށް އަޅައިގެން ފަތުގެ ކުލަ ކަޅުވަންދެން މަޑުގިނީގައި ކައްކާށެވެ. ތައްޔާރު ކުރެވުނު ތެޔޮ ހަފްތާޔަކު 2 ނުވަތަ 3 ފަހަރު ބޮލުގައިލާށެވެ. މި ބޮލުގައި ލާން ފެށުމުން އިސްތަށި ފެޅުމަށާއި ކުލަމަރުވާގޮތްވުމުން ހުއްޓުވައިދޭނެއެވެ.

ހަކުރު ބަލި

ހިކަނދިފަތުގައި ސްޓާޗް، ގުލުކޯޒަށް ބަދަލުވުން ލަސްކޮށްދޭ ބާރެއްވާކަމުގައި ސައިންސްގެ ހޯދުންތަކުން ވަނީ އެނގިފައެވެ. ލޭހިނގާ ނިޒާމަށް ގުލުކޯޒް ދާވަރު ހިކަނދިފަތުން ކޮންޓްރޯލްކޮށްދެއެވެ. މިއާ ބެހޭ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ބޮޑު 8 ނުވަތަ 10 ތާޒާ ހިކަނދި ފަތުން ޕޭސްޓު ހެދުމަށްފަހު 3 މަސް ވަންދެން ހެނދުނު ހުސްބަޑާ ބޭނުންކުރުމުން ހަކުރުބަލި (އިންސިއުލިން ނުޖަހާ ވައްތަރު) ކޮންޓްރޯލްކޮށްދެއެވެ. ބޭނުންނަމަ ޕޭސްޓްގޮތަށް ނަހަދާވެސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ބަރުދަން ލުއިކޮށްދޭ މާއްދާއެއްވެސް ހިކަނދިފަތުގައި ވެއެވެ.

އަނގަ ދޮވުމަށް

އަނގައިގެ ސިއްޙަތު ރަނގަޅު ކުރަން ބޭނުން ހެއްޔެވެ؟ ހިކަނދިފަތަކީ މިކަމަށް އޮތް ވަރަށްބޮޑު ޙައްލެކެވެ. އަނގައިގެ ޞިއްޙަތު ރަނގަޅުގޮތުގައި ދަމަހައްޓާދޭ ގިނަމާއްދާތަކެއް އެފަތުގައި ހިމެނެއެވެ. 2 ނުވަތަ 4 ފަތް އަނގަޔަށްލައިގެ ހަފާށެވެ. އެއަށްފަހު 10 އާއި 15 މިލިލީޓަރ ފެނުން 5މިނެޓާއި 7މިނެޓާ ދެމެދުގެ ވަގުތެއް ވަންދެން އަނގަ ދޮންނާށެވެ. ފައިދާ ފެންނާއެވެ. އަދިއަނގައިން ނުބައިވަސް ދުވުމުން ރައްކާތެރިވުމަށް ވެސް އެހީތެރިވާނެއެވެ.

ސަރުބީ ދަށްކުރުން

ހަށިގަނޑުން ސަރުބީ ބޭރުކޮށްލުމަށް ހިކަނދިފަތް ހަމަ ސަތޭކައެވެ. ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ކޮލެސްޓްރޯލް މީގެއެހީގައި މަދުކޮށްދެއެވެ. މާފަލަކޮށް ތިބޭ މީހުންނަށް މިއީ ރަނގަޅު އެއްޗެކެވެ. ކެއުމުގައި ޞިއްޙީގޮތުން ރަނގަޅު އާދަކާދަތައް ގެންގުޅުމާއި ކަސްރަތުން ހަށިގަނޑު ލުއިކޮށްލެވިދާނެއެވެ. ބަރުދަން ލުއި ކުރަން ބޭނުން ނަމަ އެންމެ ބޮޑި 10 ހިކަނދިފަތް ނުވަތަ 12 ފަތް ކޮންމެދުވަހަކު ހެނދުނު ކާށެވެ. މިގޮތަށް ތިނެއް ނުވަތަ ހަތަރު މަސް ވަންދެން މެދުނުކެނޑި ހިކަނދިފަތް ކެއުމުން ބަރުދަން ލުއިވުމަށްއެހީތެރިވެދެއެވެ.

ސޫފާސޫފި ހެފުމާއި ފާރުގަނޑު

ފާރުވެފައިވާ ތަންތަނުގައި ހިކަނދިފަތް ޗަސްކޮށްފައި އެޅުމުން ފާރުކޮޅު ރަނގަޅުވެއެވެ. އޭގެ އިތުރުން ގިރައިގެން ދިއުމުން ވެސް ރައްކާތެރިކޮށްދެއެވެ. އަދި ހިކަނދިގަހުގެ މޭވާ ކުޑަލުނބޯހުތް ފޮދަކާ އެއްކުރުމަށްފަހު ވިހަވާ ތަންތަނުގައި އަދި ސޫފާސޫފި ހަފާތަންތަނުގައި ހާކާލާށެވެ. ރަނގަޅުވާނެއެވެ.

ބޭރަށް ހިންގުން

ބޭރަށް ހިންގާނަމަ ހިކަނދިފަތް ބޭނުން ކުރާށެވެ. އަދި އެފަތުން ފަރުވާ ހޯދާށެވެ. ހިކަނދިފަތް ރޮލާ ނުވަތަ ޖޫސް ގިރައިގެން ބޭނުން ކުރާށެވެ. ﷲގެ އިރާދަފުޅުން ނަތީޖާ ރަނގަޅަށް ފެންނާނެއެވެ.

ކެންސަރުން ރައްކާތެރިވުމަށް

ހިކަނދިފަތުގައި ކެންސަރާ ދެކޮޅު މާއްދާއެއް ހިމެނެއެވެ. އެހެން ކަމުން އެފަތް ބޭނުން ކުރުމުން ކެންސަރ ސެލް މަރާލާ ކެންސަރުން ރައްކާތެރިވުމަށް މަގުފަހުވާކަމަށް ވެއެވެ. މިގޮތުން ލޭގެ ކެންސަރ (ލިއުކީމިއާ)، ޕްރޮސްޓޭޓް ކެންސަރ،ހަޖަމްކުރުމުގެ ނިޒާމްގެ ކެންސަރ، އުރަމަތީ ކެންސަރ، ގޮހޮރުގެ ކެންސަރ ފަދަ ކެންސަރަށް ފަރުވާ ހޯދޭނެކަން ގިނަ ހޯދުންތަކުން ހޯދިފައިވެއެވެ.

ހަޖަމްކުރުމުގެ ނިޒާމުގެ ބަލިތައް

ހަޖަމް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހިކަނދިފަތުގެ ބޭނުން ހިފިދާނެއެވެ. މިގޮތުން ހިކަނދިފަތުން ޖޫހެއް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ. މި ޖޫސް ތައްޔާރުކުރާއިރު ރަހަމީރުކޮށްލުމަށްޓަކައި ލުބޯހުތް ފިތާލާށެވެ. މީގެ އިތުރުން ހިކަނދިފަތް ޕޭސްޓް ތައްޔާރުކޮށް ބަޓަރާއި ކިރު އެއްކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ ބޭނުންކޮށްލާށެވެ.