ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށާއި، އެ އެއްބަސްވުން މިހާރު ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ނުލިބެނީ ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ސުވާލު ދަންނަވާފައެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވާނީ މިމަޖިލީހުން އިތުރު ގުޅޭ ޤާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް. އަދި މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މާބޮޑު ފައިދާއެއް ވާނެކަމަކަށް ނުބެލެވޭ".ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ އެއްބަސްވުމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ.

"މި އާރޓިކަލްގެ 65 ގައި މިބުނަނީ އެގްރީމަންޓް އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި މިދެފަރާތުން، ދިވެހިރާއްޖޭގެ ފަރާތުންވެސް ޗައިނާގެ ފަރާތުންވެސް އެތެރޭގައި ހުރި އެގްރިމަންޓްތައް ޤާނޫނުތައް ނިންމާފައި އެ ޤާނޫނުތަކުގެ މަޢުލޫމާތު ދެފަރާތުން ބަދަލުވީމައޭ އެގްރީމަންޓަކަށް ބަދަލުވެގެންދަނީ. އަމަލުކުރާ އެގްރީމަންޓަކަށް ބަދަލުވަމުންދަނީ. ދެފަރާތުން އެއްބަސްވެފައިވަނީ އެއަށްފަހު އަދި އެތައް މަސައްކަތެއްކުރާގޮތަށް. ރައީސް ޔާމީން އެއްގޮތަކަށްވެސް ކުޑަކޮށްވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނަވާތީވެ".މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު 2017ވަނަ އަހަރުގެ ޑިސެމްބަރު 7ވަނަ ދުވަހު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުން ހިމެނޭގޮތުން 12 އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޗައިނާއެކު އެކުލަވާލާފައިވެއެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ފެންނަން ނެތްކަމަށާއި، އޭގެ ތަފްސީލް ހޯއްދަވަމުން އަންނަކަމަށް އޭރު ރައީސް ޞޯލިހު ވިދާޅުވިއެވެ.