ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭންގެ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި ދުންޔާ މައުމޫނުގެ ފިރިކަލުން އަލްއުސްތާޛް ޝުޢައިބް ޝާހް ހިމެނިވަޑައިގެންފިއެވެ.
އަލްއުސްތާޛް ޝުއައިބް ޝާހް ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަތް އިރު، ކުރިން އެކުންފުނީގެ ބޯޑްގައި ހިމެނިވަޑައިގަތް ދިވެހި ބޭފުޅެއްކަމަށްވާ ޙުސައިން ޢަފީފް މިހާރު އެ މަގާމަކު ނެތެވެ.
ޓީއެމްއޭ އަކީ، އެމެރިކާގެ ކުރީގެ ރިއާސީ ކެންޑިޑޭޓް މިޓް ރޮމްނީ އުފެއްދެވި ބިއާން ކުންފުންޏާއި ޗައިނާގެ ޓެމްޕަސް ކުންފުނީން ހިއްސާވާ ކުންފުންޏެކެވެ.
ބިއާންއަކީ، ރައީސް މުޙައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ޖަރޑް ޖެސްނަރވެސް ގާނޫނީ މަޝްވަރާ ދެއްވި ކުންފުންޏެއް ކަމަށް ވެއެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރި ސީޕްލޭންގެ ދެ ކުންފުނި މޯލްޑިވިއަން އެއަރ ޓެކްސީއާއި ޓީއެމްއޭ އެއްކޮށްލާފައި މި ދެ ކުންފުނި ގަތީ، އެމެރިކާގެ ބްލެކްސްޓޯން ކުންފުނިންނެވެ.
ބްލެކްސްޓޯންއިން ޓީއެމްއޭއާއި މޯލްޑިވިއަން އެއަރޓެކްސީ 98 މިލިއަން ޑޮލަރަށެވެ.
ބްލެކްސްޓޯންއަކީ، އިރާގްގައި އިންސާނީ ހައްގަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވުނު، އެމެރިކާގެ ސަލާމަތީ ކަންކަން ބަލަހައްޓަން އިރާގްގައި ހަރަކާތްތެރިވި ކުންފުންޏެކެވެ. އެމެރިކާގެ ކުރީގެ ނާއިބް ރައީސް ޑިކް ޗޭނީ ކުރިން ހުންނެވީ ބްލެކްސްޓޯގެ ސީއީއޯގެ މަގާމުގައެވެ.
އަހަރެއްގެ މައްޗަށް ހަތަރު ލައްކައަށް ވުރެން ގިނަ މީހުން އުފުލާ، 46 ބޯޓް ގެންގުޅޭ ޓީއެމްއޭ ޚަބަރަށް އަރާފައިވަނީ، މިކުންފުންޏަށް ދިމާވި މާލީ ދަތި ތަކާ ހެދި، އިންވެސްޓަރުންގެ އަތުން ނަގާފައިވާ ފައިސާ ނުދެއްކިގެންނެވެ.
ބްލެކްސްޓޯން އަތުން ބިއާން ކުންފުނިން ޓީއެމްއޭ ގަނެފައިވަނީ، 500 އެމެރިކާ ޑޮލަރަށެވެ.
ބިއާންއަށް އިންވެސްޓަރުންނަށް ދޭން ޖެހޭކަމަށް ވަނީ 300 މިލިއަން ޑޮލަރެވެ.
އަހަރެއްގެ މައްޗަށް 45 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ މިކުންފުނިން 900 އެއްހާ މީހުން ވަޒީފާގައި ގެންގުޅއެވެ.