ރަމަޟާންމަހަކީ ﷲ އަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުސަތެއްގެއިތުރުން، ތަފާތު ރަހަމީރު ކާނާ ކެއުމަށްވެސް ފަހިވެގެންދާ ފުރުސަތެކެވެ. އެއީ، އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހަށްޓަކައި ޚާއްސަ ކެއުންތައް ތައްޔާރުކުރާތީއެވެ.

ރަމަޟާންމަހުގައި ކެއުމަށް ޚާއްސަ ސަމާލުކަމެއް ދެވޭއިރު، ސިއްހީގޮތުން ރަނގަޅު ކާނާ ކެއުމާއި، ޑައިޓްކުރުމަށް ލިބޭ ފުރުސަތަކަށްވެސް ރަމަޟާންމަސް ވެއެވެ.

ރަމަޟާންމަހަކީ ކެއުމުގެ އާދަތަކަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަ މަހަކަށް ވެދެއެވެ. ބައެއް މީހުން ކެއުންތައް ގިނަކުރި ނަމަވެސް، ބައެއް މީހުން ކެއުންތައް ކޮންޓްރޯލް ކުރާ މަހަކަށް ރަމަޟާން މަސް ވެދެއެވެ.

ބައެއްމީހުން ރަމަޟާންމަސް އަންނަން ވާއިރަށް ތިބެނީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ނުވަތަ ޑައިޓްކުރުމަށް ކުރާނޭ ކަންތައްތަކުގެ ލިސްޓެއްވެސް ހަދައިގެންނެވެ. ކެއުމުގައި ކޮންޓްރޯލް ކުރާނޭ ކެއުމުގެ ބާވަތްތައްވެސް ތިބެނީ ކަނޑައަޅައިގެންނެވެ.

· ކާބޯހައިޑްރޭޓްސް: މިއީ، ހަޖަމްކުރުމަށް ގިނަ ވަގުތު ނެގިނަމަވެސް، މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދޭ މާއްދާއެކެވެ. ދުވާލުގެ ހުރިހާ ވަގުތެއްގައި ތިމާ އެކްޓިވްކޮށް ހުރުމަށް އެހީތެރިވެދޭ ކަނާގެ ބާވަތްތަކެވެ. ކާބޯހައިޑްރޭޓްސް ލިބިދޭ ކާނާގެ ބައެއް ބާވަތްތަކުގެ ތެރޭގައި، އަލުވި، ހަނޑޫ، ގޮދަން، މޭވާ، ގިނަ ބާވަތްތަކުގެ ތަރުކާރީ ހިމެނެއެވެ.

· ޕްރޮޓީން: މިއީ، އިންސާނާގެ ހަށިގަނޑުގެ ހެދިބޮޑުވުމާއި، މަރާމާތުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ޕްރޮޓީންއަކީ ބަނޑުހައިހޫނުކަން ކުޑަކޮށްދޭ މާއްދާއެއް ކަމަށްވެސް ހޯދުންތަކުން ދައްކާފައި ވެއެވެ. ޕްރޮޓީން ލިބިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަހުގެ ބާވަތްތައް، ކަނޑުމަހުގެ ބާވަތްތައް، ކުކުޅުބިސް، ކިރުގެ ބާވަތްތަކާއި ބީންސްފަދަ ބާވަތްތައް ހިމެނެއެވެ.

· ފެޓްސް: މިއީ، އިންސާނާގެ ހަށިގަނޑުގެ ހުރިހާ ހަރަކާތްތަކަށް މަދު މިންވަރަކަށް ނަމަވެސް ބޭނުންވާ މާއްދާއެއް ލިބިދޭ ކާނާ ހިމެނޭ ގްރޫޕެކެވެ. އަދި މިއީ ހަކަތަ ލިއްބައިދޭ މުހިންމު ވަސީލަތެއްވެސް މެއެވެ. އެކަމަކު، ފެޓްސް ގިނައިން ހިމެނޭ ކާނާ ކެއުމަކީ ރައްކާތެރިކަމެއް ނޫނެވެ. އެއީ، ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ، ނަތީޖާއެއްގެގޮތުން ހިތުގެ މައްސަލަތައް ޖެހުމުގެ ރިސްކް ބޮޑުވެ، ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމަކަށްވާތީއެވެ. ފަލަވުމުގެ މައްސަލަ ދިމާވާއިރު، ފަލަވުމަކީ ކެންސަރު ޖެހުމާއި، ހަކުރުބަލި ޖެހުމާ ގުޅުންވާ ކަމެކެވެ.

މި ގްރޫޕްގައި ހިމެނޭ ނުވަތަ ފެޓްސް ލިބިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ޗީޒާއި، ބަޓަރާއި، ކްރީމާއި، ކޭކާއި، ފުލް ފެޓް ކިރާއި، ތެލާއި، ޖަނަވާރުންގެ ހަމެވެ. އެކަމަކު، މީގެތެރެއިން މަސްތެޔޮ، އޮލިވްއޮއިލް، ވެޖެޓަބަލް އޮއިލް، އެވޮކާޑޯ އަދި ޕީނަޓަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ ބާވަތްތަކެވެ.

· ފައިބަރ: ސިއްހަތު ރަނގަޅު ހަޖަމުގެ ނިޒާމަކަށް ފައިބަރަކީ ވަރަށް މުހިންމު ކަނާގެ ބާވަތްތައް ހިމެނޭ ގްރޫޕެކެވެ. ފައިބަރަކީ، ގިނައިރުވަންދެން ބަނޑުހައިހޫނުކަމުގެ އިހްސާސްތަކާ ދުރުކޮށްދޭ މާއްދާއެކެވެ. މިމާއްދާ ލިބިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ، މޭވާ، ގޮދަންފަދަ ކާނާގެ ބާވަތްތައް ހިމެނެއެވެ. ޑައިޓްކުރާ މީހެއްނަމަ، ކެވޭ ހާލަތުގައި ހުރި ނަމަ ރަނގަޅީ ތަރުކާރީއާއި މޭވާ އޭގެ ތޮށްޓާއެކު ކެއުމެވެ.

· ވިޓަމިން އަދި މިނެރަލްސް: ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި މިއީ މަދު މިންވަރަކަށް ހަށިގަނޑަށް ބޭނުންވާ މާއްދާތަކެވެ. މިއީ، އިންސާނާގެ ހެށިގަނޑުގެ އެތައް މަސައްކަތަކަށް ބޭނުންވާ މާއްދާއެކެވެ. މިއީ، މޭވާއާއި، ތަރުކާރީއާއި، އެއްގަމު މަހުގެ ބާވަތްތަކުން ފަސޭހައިން ހޯދިދާނެ މާއްދާއެކެވެ.

މަތީގައި ބަޔާންކޮށްފައި މިވަނީ، ޚާއްސަކޮށް ޑައިޓްކުރާ މީހެއްނަމަ ކެއުމުގައި ވިސްނާލެވިދާނެ ބާވަތްތަކެވެ. ތިމާއަށް ބޭނުންވަނީ ކޮންކޮން މާއްދާއެއް ކިހާ މިންވަރަކަށް ކަންވެސް ކަނޑައެޅިދާނެއެވެ.

ރަމަޟާންމަހު ރޯދައަށްތިބޭ މީހުންނަށް ބައެއް އިރުޝާދުތައް:

· ކަދުރަކުން ރޯދަ ވީއްލުމަށްފަހު، ދުވާލު ތިމާގެ ހަށިގަނޑުން މަދުވި ފެން ނުވަތަ ހަޑިގަނޑު ރީހައިޑްރޭޓް ކުރުމަށް ވީހާވެސް ގިނައިން ފެންބުއިން

· ގުދުރަތި މޭވާ ޖޫސް ބުއިން

· ރޯދަ ވީއްލައިގެން ގިނައިން ފެޓް ހިމެނޭ އަދި ގިނައިން ހަކުރު ހިމެނޭ ކާނާގެ ބާވަތްތައް ކެއުމާ ދުރުހެލިވުން

· ރޯދަ ވީއްލާ ވަގުތާއި، ހާރުކެއުމުގެ ވަގުތުގައި ލޮނު ގިނައިން ހިމެނޭ ކާބަތްތައް ކެއުން މަދުކުރުން (މިއީ ހަށިގަނޑު ޑީހައިޑްރޭޓްވެ ކަރުހިއްކުން އިތުރުކޮށްދޭ އެއްޗެއް)

· ރޯދަ ވީއްލައިގެން، މަޣުރިބް ނަމާދަށްފަހު މަތީގައި ހިމެނޭ ގްރޫޕްތައް ހިމެނޭ ގޮތަށް ލުއިގޮތަކަށް ކެއުން

· ރޯދަ ވީއްލުމަށްފަހު ކޮންމެ ބައިގަޑިއިރަކުން ފެން ކޯވަރެއް ބޯލުން، ނުވަތަ ގަޑިއަކު އެއްފަހަރު ފެންތަށްޓެއް ބުއިން

· ރޯދަ ވީއްލައިގެން މާ އަވަހަށް ކަސްރަތު ކުރުމަކީ ރަނގަޅުކަމެއްނޫން.

· ރޯދަ ވީއްލައިގެން ގިނައިން ހަކުރު އެކުވެލޭ އެނަޖީ ޑްރިންކްސް ނުބުއިން. ކަޅުސައި ތަށްޓެއް ނުވަތަ ކޮފީއެއް ބޯލުންވެސް މެދުމިންވަރެއްގައި ހިފެހެއްޓުން

· ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތް ކުރުން

· ރަނގަޅަށް ނިދުމާއި އަރާމުކުރުން

· ސިއްހީ މައްސަލައެއް އުޅޭމީހުން، ބައްޔަކާ ގުޅިގެން ބޭސްކާމީހުން، ގާތުންދޭ މީހުން، މާބަނޑުމީހުން ރޯދަ ހިފާނަމަ ޑޮކްޓަރުންނާ މަޝްވަރާ ކުރުން