ކ. ކުޑަވިލިގިލި ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ހާދިސާ ހިނގިއިރު އޭގައި ތިބީ 4 މީހުން ކަމަށެވެ. އެހެންނަމަވެސް އަނިޔާވި ދެ މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަނިޔާ ލިބިފައިވަނީ ދިވެއްސަކަށާއި ބިދޭސީއަކަށެވެ. އެ ދެ މީހުން މިހާރުވަނީ ލޯންޗެއްގައި ތުލުސްދުއަށް ގެންގޮސްފައެވެ. އެހެންނަމަވެސް ދެ މީހުންނަށް ވެސް އިތުރު ފަރުވާ ބޭނުންވާތީ އެމްއެންޑީއެފް ލޯންޗެއްގައި އެ ދެމީހުން މާލެ ގެނައުމަށް މިހާރު ދަނީ ދަތުރު ކުރަމުން ކަމަށް ޢާޒިމް ވިދާޅުވިއެވެ.

މިހާދިސާ ހިނގުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުޓީމުން އެ ތަނަށް ގޮސް ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ޢާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ މެންދަމު 3:23 އެހައިކަންހާއިރު ކަމަށެވެ. އަލިފާން ރޯވާން މެދުވެރިވީ ދޯނީގެ ބަދިގޭޣައި ކައްކަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދޅުވީ ރޯވި އަލިފާން މިހާރުވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. ހާދިސާއަށްފަހު ދޯނި މިހާރު އޮތީ ދެފެންދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.