އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން 51 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ވިޔަފާރިތައް ބާތިލް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އުވާލި ވިޔަފާރިތަކަކީ އެ ފަރާތްތަކުން ވިޔަފާރި ކުރިއަށްގެންދަން ބޭނުން ނުވެގެން އުވާލަދިނުމަށް މިނިސްޓްރީގައި އެދިފައިވާ ވިޔަފާރިތައްކަމަށެވެ.

އަހަރީ ފީ ދައްކާފައިނުވާ 4924 ކުންފުންޏެއްވެސް އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ތެރޭގައި ވަނީ އުވާލާފައެވެ. ވިޔަފާރި އުވާލަން އަމިއްލައަށް އެދޭ ފަރާތްތަކަށް ޤާނޫނު ބުނާގޮތުން އެ ފަރާތައް ދައްކަންޖެހޭ ހުރިހާ ޓެކުހެއް ހަލާސްކުރުމުން އިކޮނޮމިކް މިނިސްޓްރީން އެ ވިޔަފާރިއެއް އުވާލަދެއެވެ.