ސޫރަތުލް ފާތިޙާއަކީ، އަޅުގަނޑުމެން، ކޮންމެ ދުވަހަކު ނަމާދުގައި ތަކުރާރުކޮށް ކިޔަވާ ސޫރަތެކެވެ. މި ސޫރަތާއި ނުލައި އަޅުގަނޑުމެންގެ ނަމާދު ޞައްޙައެއް ނުވެއެވެ. މި ސޫރަތަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތެވެ. އަދި މިއީ ނަފްސާނީ ބަލިތަކާއި ޖިސްމާނީ ބަލިތަކަށް ރުޤްޔާ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އޮންނަ ވަރަށް ބަރަކާތްތެރި ސޫރަތެކެވެ.

ސޫރަތުލް ފާތިޙާއަކީ، އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ގުޅުވައިދޭ ވަސީލަތެކެވެ. ޤުދްސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ތިމަން ރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާ ދެމެދު، ސޫރަތުލް ފާތިޙާ ދެބަޔަށް ބެއްސެވީމެވެ. އޭގެ ދެބައިކުޅަ އެއްބައި ވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އޭގެ އަނެއްބައި ވަނީ ތިމަން ރަސްކަލާނގެ އަޅާއަށެވެ....]

ނަމާދަށް ހުއްޓިހުރެ{الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ}(ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ.)، މި އާޔަތް ކިޔެވުމާއެކު ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. [ތިމަން ރަސްކަލާނގެ އަޅާ، ތިމަން ރަސްކަލާނގެއަށް ޙަމްދު ކޮށްފިއެވެ.] އަދި {الرَّحْمَٰنِ الرَّحِيمِ} (އެކަލާނގެއީ ރަޙްމާން ވަންތަ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ.)، މި އާޔަތް ކިޔެވުމާއެކު ވަޙީކުރައްވާނެއެވެ. [ތިމަން ރަސްކަލާނގެ އަޅާ، ތިމަންރަސްކަލާނގެއަށް ޘަނާ ދަންނަވައިފިއެވެ.] އަދި { مَالِكِ يَوْمِ الدِّينِ} (ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.)، މި އާޔަތް ކިޔެވުމާއެކު ވަޙީކުރައްވާނެއެވެ. [ތިމަން ރަސްކަލާނގެ އަޅާ ތިމަން ތިމަންރަސްކަލާނގެ މަތިވެރިވަންތަކަން ބަޔާންކޮށްފިއެވެ.] އަދި {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} (މި އާޔަތް ކިޔެވުމާއެކު ވަޙީކުރައްވާނެއެވެ.) ފަހެ، މި އާޔަތް ވަނީ، ތިމަންރަސްކަލާނގެއާއި ތިމަން ރަސްކަލާނގެ އަޅާއާ ދެމެދު ދެ ބަޔަށް ބެހެވިގެންނެވެ. އަދި ތިމަން ރަސްކަލާނގެ އަޅާއަށްޓަކައި އޭނާ އެދި ދެންނެވި ކަންތައް ވެއެވެ. އަދި { اهْدِنَا الصِّرَاطَ الْمُسْتَقِيمَ} (އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!) {صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ‎}(އެއީ އެއުރެންނަށް އިބަރަސްކަލާނގެ ނިޢްމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. ) މި ދެ އާޔަތް ކިޔެވުމާއެކު ވަޙީކުރައްވާނެއެވެ. [ފަހެ، އެކަންކަން ވަނީ އެއަޅާއަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ އަޅާއަށްޓަކައި އޭނާ އެދި ދެންނެވި ކަންތައް ވެއެވެ.[

މި ސޫރަތުގެ އާޔަތްތަކުގެ މާނައަށް ފުންކޮށް ވިސްނާލުމުން، ވަރަށް މުހިއްމު ސިއްރުތަކެއް ވިސްނިވަޑައިގަންނަވާނެއެވެ. އެއީ، އިސްވެ ދިޔަ ޤުދްސިއްޔަ ޙަދީޘްގައި، ﷲ ތަޢާލާ އަންގަވާފައިވާފަދައިން، މި ސޫރަތް ދެ ބަޔަށް ބެހެވިގެންވާ ކަމެވެ. އަދި ފުރަތަމަ ބައިގައި ހިމެނެނީ، އަޅާ އޭނާގެ ވެރި ރަސްކަލާނގެއަށް ޙަމްދު ކުރުމާއި ޘަނާ ދެންނެވުމާއި މަތިވެރިވަންތަކަން ބަޔާންކުރުމާއި، ހަމަ އެކަނި އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމުގެ ވާހަކަ ކަމެވެ. ދެވަނަ ބައިގައި ވަނީ، އެހީއާއި ތެދުމަގު ދެއްކެވުން އެދި ﷲ އަށް ދުޢާކުރުން ކަމެވެ. އެހެންކަމުން، މި ސޫރަތަކީ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަންޖެހޭ ގުޅުން ދަސްކޮށްދެއްވާފައިވާ، ވަރަށް މަތިވެރި ފިލާވަޅެއްކަމެވެ. އެކަލާނގެ ޙަޟްރަތުގައި ކަމަކަށް އެދި ދަންނަވާއިރު، އެކަލާނގެއަށް ތަޢްރީފުކޮށް ޘަނާދަންނަވައި، އެކަލާނގެ މަތިވެރިވަންތަކަން ބަޔާންކުރުމަށް ދަސްކޮށްދެއްވާފައިވާ ފިލާވަޅެއްކަމެވެ.

އެހެންކަމުން، ސޫރަތުލްފާތިޙާއަކީ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާއި ގުޅުވައިދޭ އާދަޔާ ޚިލާފު ސޫރަތެކެވެ. ވީމާ، މި ސޫރަތުގެ މާނައިގެ އިތުރުން މި ދެންނެވި ކަންތައްތައް އެނގުމަކީ ނަމާދުގެ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.

(ނިމުނީ)