ބޭނުންވާ ތަކެތި

1 ޕެކެޓް ލަޒާނިޔާ ޝީޓް

ކުކުޅު ސޯސް ތައްޔާރުކުރުން

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

6 ލޮނުމެދު ( ޗަސްކޮށްފައި)

1 ބޮޑު ފިޔާ

6 އިންޗި ސެލެރީ ސްޓިކް (ގާނާފައި)

2 ކެރެޓް ( ގާނާފައި )

80 ގްރާމް ޓޮމާޓޯ ޕޫރީ

50 ގްރާމު ޓޮމާޓޯ ޕޭސްޓް

500 ގުރާމު ބޯންލެސް ޗިކަން

3 ސައި ސަމުސާ ހަކުރު

1 ސައިސަމުސާ އޮރިގާނާ

2 ސައި ސަމުސާ މުގުރި އަސޭމިރުސް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ބޮޑު ތަވައެއްގައި އޮލިވް އޮއިލް އަޅައިގެން ހޫނު ކޮށްލާށެވެ. އެއަށްފަހު ލޮނުމެދު ސެލެރީ ކެރެޓް އަޅައި މަޑުގިނިމަތީގައި ކަށްކާލާށެވެ. އެއަށްފަހު ކުކުޅުމަސްތައް މުގުރުމަށްފަހު އަޅާލާށެވެ. ދެން ގަނޑު ނުވާނެހެން އުލަކުން ނޫނީ ދޭފަތަކުން ހަލަން ވާނެއެވެ. ދެން ލޮނު ހެޔޮވަރު ކުރުމަށްފަހު ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ޕޫރީ، އޮރިގާނާ، އަސޭމިރުސް ހަކުރު އެޅުމަށްފަހު ރަނަގަޅަށް ކައްކާލާށެވެ. މި ގޮތަށް ކައްކާއިރު ވަރަށް މަޑުގިނީގައި ބަހައްޓާށެވެ. މި ކުކުޅު ސޯސް އެއްދުވަސް ކުރިން ހަދާފައިވެސް ބެހެއްޓި ދާނެއެވެ. ފުރިޖަށްލާފައި ބެހެއްޓުމަށްފަހު ލަޒާނިޔާ އެއްކުރަންވުމުން ނަގައި ހޫނު ކޮށްލާނީއެވެ.

ވައިޓް ސޯސް ތައްޔާރުކުރުން

2/1 ޖޯޑު ބަޓަރ

2/1 ޖޯޑު ގޮދަން ފުށް

4 ޖޯޑު ފުލްކްރީމް މިލްކް

1 ފިޔާ

6 ކަރަންފޫ

ކުޑަ ލޮނުކޮޅެއް

1 ސަމުސާ މުގުރި އަސޭމިރުސް

2 ޖޯޑު މޮޒެރެއްލާ ޗީޒް ( މައްޗަށް އެޅުމަށް)

ތެއްޔެއްގައި ބަޓަރ ދިޔާ ކުރުމަށްފަހު އެއަށް ފުށް އަޅާށެވެ. ދެން ފުށް އެއްކޮށް ގަނޑު ފިލަން ދެން ދޭފަތަކުން ހަލާށެވެ. އެއަށްފަހު އެއަށް މިލްކު އަޅައި އަސޭމިރުސް އަޅައި ރަނަގަޅަށް ކައްކާ ލާށެވެ. އުނދުން ވަރަށް މަޑުކޮށެވެ. ނޫނީ (ޑަބަލްބޮއިލިން) އެވެ. މިގޮތަށް ސޯސް ކައްކާއިރު ފިޔާ ނޮޅާލުމަށް ފަހު އެއަށް ކަރަންފޫތައް ހަރާލާފައި ސޯސް އާއި އެއްކުރުމުން ފަހުން ނަގަން ފަސޭހަވާނެއެވެ. މި ގޮތަށް އޮލަ ސޯސް ގަނަޑަކަށް ވައްދެން ކައްކަންވާނެއެވެ. ތެލީގެ ފުލުގައި ޖެހުނަ ނުދީ އަދި ގަނޑުވިޔަނުދީ ދޭފަތަކުން ހަލަން ވާނެއެވެ.

އެއްކުރުން

ލަޒާނިޔާ ތައްޔާރުކުރަން ބޭނުންވާ ތަވާގައި ފުރަތަމަ ކުކުޅު ސޯސް އަޅައި ފަތުރާލާށެވެ. އެއަށް ފަހު ވައިޓް ސޯސް އަޅާށެވެ. ދެން ލަޒާނިޔާ ޝީޓް ތައް ހޫނު ފެނަށް ލުމަށް ފަހު ނަގާ އަތުރާލާށެވެ. މި ގޮތަށް ފަހަރަކު ލެޔާ އެއް އަޅަމުން ގެންދާށެވެ. އެންމެ މައްޗަށް ވައިޓް ސޯސް އެޅުމަށްފަހު ޗީޒް އަޅާށެވެ. އެއަށްފަހު އަވަން 180 ޑިގިރީގައި ހޫނު ކުރުމަށް ޖެއްސުމަށްފަހު އަވަނަށް ލައި ޗީޒްތައް އެއްކޮށް ވިރެންދެން ބަހައްޓާލާށެވެ. ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ރަނގަޅުވާނެއެވެ.