ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްއެމްޕީިއާރުސީގެ މައްސަލަ ނުބެލުމާއި މަރުތަކަށް އިންސާފު ނުހޯދުމުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ ސިޓީގެ ރައީސްކަމަށް އެމްއެމްޕީއާރުސީގެ ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅަކު ވާދަކުރައްވާކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައިހުރި ފަރާތެއް މާލެ ސިޓީ ރައީސްކަމަށް ނުކުތުމަކީ ކަންބޮޑުވާކަމެއް. ލޯކަލް ކައުންސިން އިންތިޚާބުގައި މާލެ ސިޓީ އެމްޑީޕީއަށް ގެއްލުމުގެ އަސްލަކީ އެމްއެމްޕީއާރުސީ އާއި މަރުތަކަށް އިންސާފު ނުހޯދުން. އެމްޑީޕީ މެމްބަރުން ވިސްނާނެ ވޯޓު ދޭއިރު." ހަލީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ވަނީ މާލެސިޓީގެ މެޖޯރިޓީ ގެއްލިފައެވެ. އަދި މޭޔަރުގެ ގޮނޑިވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މިއީ މިފަހުން މާލެސިޓީން އެމްޑީޕީއަށް މިހާބޮޑު ބައްޔަކާ ކުރިމަތިލާންޖެހުނު ފަހަރެވެ.