ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދަޢުރު ފުޅާކުރުމަށް "ނެޝަނަލް ވިމެން ސައިންސް އެންޑް ޓެކްނޮލޮޖީ ވޯކިންގ ގްރޫޕް"ގެ ނަމުގައި ވޯކިންގ ގްރޫޕެއް އެކުލަވާލައިފިއެވެ.
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިނެމޭ "ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދަޢުރު ފުޅާކުރުމުގެ މަސައްކަތުގެދަށުން އެކުލަވާލި މި ގްރޫޕްގައި ތިބެނީ 7 މެންބަރުނެވެ.
ވޯކިންގ ގްރޫޕް އިފްތިތާހް ކުރުމަށް ބޭއްވި ވާޗުއަލް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވީ، މިއީ ޓެކްނޮލޮޖީގެ އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އަންހެން ބޭފުޅުންނަށް ލިބުނު އުންމީދެއްކަމަށެވެ.
"ޤައުމުގައި އަންހެނުންގެ އާބާދީ 50%އަށް އަރާ. ނަމަވެސް އަޅުގަނޑުމެން ބޭނުންވާ މިންވަރާއި ގާތަށްވެސް މި ދާއިރާއިން މީހުން ބިނާކުރެވިފައެއް ނުވޭ. ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން މި ފެށި މަސައްކަތަކީ ޤައުމީ މަސައްކަތެއް." މިނިސްޓަރ މަލީހު ވިދާޅުވިއެވެ.
އަލަށް އެކުލަވާލި މި ވޯކިންގް ގްރޫޕްގައި ހިމެނެނީ އާއްމުކޮށް ހުޅުވާލައިގެން ތިން ދާއިރާއަކުން ހޮވި 3 ބޭކަނބަލުންނާއި، 4 މުޢައްސަސާއެއްގެ 4 ބޭކަނބަލެކެވެ.
ވޯކިންގ ގްރޫޕްގެ މެންބަރުން:
- މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ.
- ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެސިސްޓަންޓް ޑިރެކްޓަރ މަހުފޫޒާ ވަހީދު.
- ޗީފް ޓެކްނޮލޮޖީ އޮފީސް(ސީޓީއޯ)ގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޮރ އައިޓީ ޝަޒްނާ އަލީ
- .ވިމެން އިން ޓެކްގެ ފަރާތުން އައިމިނަތު ފިރުޝާނާ.
.އާއްމުކޮށް ހުޅުވާލައިގެން މެންބަރުން ހޮވި 3ދާއިރާ:
- ސައިންސްގެ ދާއިރާއިން ފާތިމަތު ނިސްތަރަން/ މއ.ދަނަސް.
- އިންޖިނިއަރިންގެ ދާއިރާއިން އަސްރާރު/ ސ.ހިތަދޫ-ސޯމާ.
- ޓެކްނޮލޮޖީގެ ދާއިރާއިން ހަފްސަތު ޙަލީމް/ ގ.ދާސްތާން
ޤަވައިދުގައި ވާގޮތުން މި ވޯކިނގް ގްރޫޕްގެ 30 އިންސައްތަ މީހުން ވާންޖެހެނީ އަންހެނުން ނަމަވެސް ނެޝަނަލް ސައިންސް އެންޑް ޓެކްނޮލޮޖީ ވޯކިންގ ގްރޫޕް ސައްތައިން ސައްތަ އަންހެނުން ހިމެނޭ ގުރޫޕެއްގެ ގޮތުގައި އުފެދިގެން ދިއުމަކީ، އުފާކުރައްވާކެމެއްކަމަށް މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.