އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން ބަލިވުމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާގެ ނުރުހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޮކްސްގައި ތިބި އޮފިޝަލުންނަށް އަމާޒުކޮށްފިއެވެ.

މެޗުގެ 76 ވަނަ މިނެޓުގައި އާސެނަލްގެ ކީޕަރު ބާންޑް ލެނޯ އަތުން ބައިކޮޅަށް ލަނޑު ވަނުމުގެ ކުރިން ދެވަނަ ހާފުގެ ކުރީކޮޅު ޑެނީ ކެބަލޮސްއަށް އެވަޓަންގެ އޭރިޔާގެ ތެރެއިން ކުރި ފައުލަކަށް އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުން ޕެނަލްޓީއެއް ހޯދުމަށް ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. އެކަމަކު ރެފްރީގެ ނިންމުން ދިޔައީ އާސެނަލްއާ ދެކޮޅަށެވެ.

މެޗަށްފަހު އާޓެޓާ ބުނީ މިވަރުން ފުދިއްޖެ ކަމަށާއި ވީއޭއާރުގެ މިފަދަ ގޯސް ނިންމުންތަކުގެ ސަބަބުން ގިނަ ބަޔަކަށް ގޯސް އަސަރުތަކެއް ކުރާނެ ކަމަށެވެ. އާޓެޓާ ތުހުމަތު ކުރީ ވީއޭއާރުން ނުބަލައި ގިނަ ފައުލްތަކެއް ދޫކޮށްލި ކަމަށެވެ.

"އަހަރެމެންނަށް ހައްގު ޕެނަލްޓީއެއް ރެފްރީ ނުދީ ދޫކޮށްލީ. އަހަންނަކަށް ނޭނގޭ ޕެނަލްޓީ ނުދީ ދޫކޮށްލީ ކީއްވެކަމެއް. އަދި ކިހިނެއް ކަމެއް. އެމީހުން (ވީއޭއާރު އޮފިޝަލުން) ގެ މޫނުތަކެއް އަހަރެމެންނަކަށް ނުފޭ މިކަން ސާފުކޮށްދޭކަށް. ޖެހިޖެހިގެން ދެހަފްތާގައި މިގޮތަށް ކަންތައް ވެގެން މިދިޔައީ" އާޓެޓާ ބުންޏެވެ.

"ގިނަބަޔަކަށް މީގެ ސަބަބުން އަސަރުތަކެއް ކުރާނެ. އަހަރެންގެ ވަޒީފާއަށް، ވަކިން ހާއްސަކޮށް މިކްލަބަށް" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ އާޓެޓާ ބުންޏެވެ.

"ދަނޑު މަތީގައި ދެޓީމުން ދެއްކި ކުޅުމަށް ބަލާއިރު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެވަޓަންއަށް ވުރެ މޮޅަށް ކުޅުނީ އަހަރެމެން. ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރިން. އަދި ރެފްރީ ނުދިން ނަމަވެސް ސީދާ ކްލިއަރ ޕެނަލްޓީއެއްވެސް އަހަރެމެންނަށް ލިބިގެންދިޔަ. ބައިކޮޅަށް ލަނޑު ވަނީ އޭގެފަހުން" އާޓެޓާ ބުންޏެވެ.

އެވަޓަންގެ ފޯވަޑް ރިޗަލްސަން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އާސެނަލް ގޯލަށް ބޯޅަ ވަންނން މަންޒަރު.

މިއީ 1986 ގެ ފަހުން އެއްސީޒަނެއްގައި އާސެނަލްގެ މައްޗަށް ދެފަހަރަށް އެވަޓަންއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ. އެވަޓަންއިން މިސީޒަނުގައި ނެރެމުންދާ ނަތީޖާތަކުގެ މޭސްތެރިޔަކީ މިސީޒަނުގައި އެޓީމުގެ ކޯޗްކަމާ ހަވާލުވި އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ކުރިން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް އިޓަލީގެ ކާލޯ އެންޗަލޮއްޓީއެވެ.

ލީގުގައި އެވަޓަންއަށް ބާކީ 7 މެޗް އޮތްއިރު 52 ޕޮއިންޓާއެކު އެޓީމު އޮތީ 8 ވަނައިގައެވެ. ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެގެން ޗެމްޕިއަންސް ލީގުން ނުވަތަ ޔުރޮޕާ ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް އޮތީ ވަރަށް ބޮޑަށް ހުޅުވިފައެވެ. އާސެނަލް 9 ވަނަގައި އޮތީ 46 ޕޮއިންޓާއެކުއެވެ. ތާވަލުގެ ކުރީގައި 77 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ދެވަނައިގައި 66 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.