ނިޔަފަތި ކެއުމަކީ ބައެއް މީހުން ފޫހިވީމާ ނުވަތަ ކަމަކާ ކަންބޮޑުވާ ވަގުތުތަކުގައި އާންމުކޮށް ކުރާ ކަމެކެވެ. މިއީ، ވަކި ގައުމެއްގެ މީހުންގެ މެދުގައި އޮންނަ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ނިޔަފަތި ކެއުމުގެ ގޯސް އާދަ ހިފިފައިވާ އެތައްބަޔަކު އުޅެއެވެ.

ޚާއްސަކޮށް ގިނައިން ނިޔަފަތި ކާކަމަށް ރެކޯޑު ކުރެވިފައިވަނީ އުމުރުން 17 އަހަރައި 35 އަހަރާ ދެމެދުގެ މީހުންނެވެ. ނިޔަފަތިކާ މީހުންގެ ތެރެއިންވެސް ފިރިހެނުންނަށްވުރެ ގިނައިން މިކަން ކުރަނީ އަންހެނުން ކަމަށްވެއެވެ.

ނިޔަފަތިކާ ގިނަ މީހުން ތިމާމެންނަށް މިކުރެވެނީ ކޮން ކަމެއް ކަމާމެދު އެއްވެސް ވަރަކަށް ވިސްނާނުލާ ކަމަށް ވެއެވެ. ނުވަތަ މިއީ ތިމާގެ ކިބައިގައި ހިފިފައިވާ ގޯސް އާދައެއް ކަމަށްވެސް ނުވިސްނޭ ކަމަށް ވެއެވެ. އަދި އެ އާދަ ހިފިފައިވާ ގިނަމީހުންނަކަށް އެއީ، ގޯސްކަމެއްކަން އެނގުނު ނަމަވެސް އެކަން ހުއްޓާލަން، ތަޖުރިބާކާރެއްގެ ގާތަށްދާން ނުކެރޭ ކަމަށް ވެއެވެ. އެއީ، ލަދުވެތި ކަމަކަށް ވާތީއެވެ.

ހަފައި ކުނޑިކުނޑިކޮށްގެން ދިރުވާނުލި ކަމުގައިވިޔަސް، ގިނަ މީހުން ނިޔަފަތި ހަފަނީ ނުވަތަ އާންމު ބަހުރުވައިންނަމަ ނިޔަފަތި ކަނީ ކީއްވެގެން ހެއްޔެވެ. އިނގިލީގައި ނިޔަފަތި ދިގުވެފައި ނެތް ނަމަވެސް، ނިޔަރޮއްޖާއެކު ހަފައި ލޭ އަރާވަރު ކޮށްލަނީ ކީއްވެގެން ހެއްޔެވެ. މިއީ، ހަމަ ނިޔަފަތިކާ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކޮށްލަން އެންމެ ރަނގަޅު ސުވާލުތަކެވެ. ތިމާ ނިޔަފަތިކާން ދިމާވަނީ ކޮން ހާލަތްތަކެއް މެދުވެރިވެގެންތޯ ވިސްނާލުން ރަނގަޅެވެ.

ބައެއް މީހުން ނިޔަފަތިކަނީ ފޫހިފިލުވައި، ހިތްހަމަ ޖައްސާލުމަށެވެ. ތުއްތު ކުދިން އަނގަޔަށް އަތްލައިގެން އުޅޭ އުސޫލުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ނުވަތަ ލުއިތަކެއް ލިބިދޭތީ ކުރާ ކަމަކަށްވެސް ވެދާނެއެވެ.

ބައެއް އިންސާނުން އެގޮތަށް ހަގީގަތުގަވެސް ނިޔަފަތި ކަނީ ކީއްވެގެން ކަމެއް ނުވަތަ ސީދާ ކޮން ސަބަބާހެދި ކަމެއް ޑޮކްޓަރުންނަށްވެސް އަދި ހޯދިފައެއް ނުވެއެވެ. މިއީ، އެފަދަ މީހުންގެ ޖީންގައި ހިމެނޭ ކަމެއްގެ ސަބަބުން ކުރާ ކަމަކަށް ވެދާނެ ކަމަށް ބައެއް ޑޮކްޓަރުން ގަބޫލުކުރައްވައެވެ. ގިނަ ޑޮކްޓަރުން ބުރަވަނީ މިއީ ޖެނެޓިކް މައްސަލައެއްގެ ގޮތުގައެވެ.

ދުނިޔޭގައި ހެދިފައިވާ ބައެއް ދިރާސާތައް ދައްކާގޮތުން، ނިޔަފަތިކާ ކޮންމެ 10 މީހަކުން 4 މީހަކު އެކަން ކުރަނީ އާއިލީގޮތުން އެކަން ވާރުތަވެގެންނެވެ. ނުވަތަ ނިޔަފަތި ކެއުމުގެ އާދަ ހިފިފައިވާ މީހުން ހިމެނޭ އާއިލާތަކުގެ މީހުންނެވެ.

ނިޔަފަތި ކެއުމަކީ އެއްވެސް ގެއްލުމެއް ހުރި ކަމެއް ކަމަށް ގިނަމީހުންނަށް ގަބޫލު ނުކުރެވުނު ނަމަވެސް، އެއީ އެހެން މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށް މެޑިކަލް ފަރާތްތަކުން ބުނެއެވެ. އެއީ، ގޯސް އާދަތަކަށް ދެވިހިފުމާއި، ކަންބޮޑުވުމާއި، ފިކުރުބޮޑުވުން ގިނަ ވެއްޖެނަމަ ދިމާވެދާނެ ހާލަތްތަކެވެ.

ހަމަ އެއާއެކު، ނިޔަފަތި ކެއުމަކީ ސިއްހީ މައްސަލަތަކެއްވެސް ނުކުމެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ނުވިތާކަށް، ނިޔަފަތި ކާނަމަ އިނގިލީގެ ކުރީގެ ޝޭޕްތަކަށް ބަދަލު އަންނާނެއެވެ. އަދި އެގޮތަށް ނިޔަފަތި ކެއުމުގެ ސަބަބުން އިނގިލީގެ ކުރީގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ނިޔަފަތި ކެއުމަކީ ނިޔަފަތީގެ ދަށުގައި ނުވަތަ އިނގިލީގެ ކުރީގައި ހަރުލާފައި ހުންނަ ޖަރާސީމު އަނގައިގެ ޒަރިއާއިން ތިމާގެ ހަށިގަނޑަށް ވާސިލްވާނެ ކަމެކެވެ. އެގޮތަށް އެތެރެވާ ބައެއްކަހަލަ ބެކްޓީރިއާއަކީ އެންޓިބަޔޮޓިކަށްވެސް ނުގުޑާ ބެކްޓީރީއަށް ބައެއް ފަހަރު ވެދެއެވެ.

ނިޔަފަތިކާ މީހުންނާ ދިމާއަށް ހަޅޭއްލަވައި، ނުވަތަ ހުރަސްއަޅައި ނުވަތަ އިނގިލީގެ ކޮޅުގައި މިރުސް އުނގުޅައިގެންފަދަ ކަންކަން ކޮށްގެން އެކަން ހުއްޓުވަން މަސައްކަތް ކުރެވިދާނެއެވެ. އެހެން ނަމަވެސް، އެކަމުގައި އެންމެ ރަނގަޅު ގޮތަކީ، ނިޔަފަތިކާ މީހުން އެކަން ކުރަން ފެށުމުގެކުރިން މި ކުރެވޭ ކަމަކާމެދު ރަނގަޅަށް ފުންކޮށް ވިސްނާލުމެވެ.