މަސްވެރިންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މަސްވެރިންނަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ އިތުރަށް ބޮޑު ކަންނެލީގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށްގޮސްފައިވުމުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށް މަސް ކުންފުނިތަކަށްވެސް އެހީތެރިވަމުންދާކަމަށެވެ.

"ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ބޮޑު ކަންނެލީގެ އަގު ދަށަށް ދިޔުމާއެކު، މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށަށް ނުދީ ހިފެހެއްޓުމުގެ ގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ބޮޑު ކަންނެލި ގަނެ އެކްސްޕޯޓު ކުރާ ފަރާތްތަކަށް 100 މިލިއަން ރުފިޔާގެ ކުރެޑިޓު ސްކީމެއް ވަނީ ހުޅުވާލެވިފައި،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ހާލަތުގައިވެސް މިފްކޯއިން ދަނީ މަސްވެރިންގެ އަތުން ހަމައަގުގައި ކަނޑުމަސް ގަންނަމުން ކަމަށެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަސްވެރިން އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން މިހާރު ވަގުތުން ފައިސާ ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ޓާގެޓަކީ ރާއްޖޭގައި ރޯމެޓީރިއަލް ރާއްޖޭގައި ކޭން ކޮށްގެން، ވެލިއު އެޑްކޮށްގެން، ބޭރަށް އެކްސްޕޯޓުކުރާގޮތަށް، ޕޮލިސީތަށް ފަރުމާ މިކުރަނީ، ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަމުން މިދަނީ، ފެލިވަރު އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އިންވެސްޓުކުރަމުން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ. އަދި މިފްކޯއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތްތަކާއެކު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު 6000 އަށް އިތުރުވެގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.