ފައިސާ ޗާޕުކޮށްގެން ވެރިކަން ކުރަން އުޅުމަކީ މާލީ ނިޒާމު ހަލާކުކޮށްލުމަށް ކުރަމުންދާ ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ކޯވިޑް-19 އާއި މަތިކޮށް ދެވަނަ ފަހަރަށް ފައިސާ ޗާޕް ކުރުމުގެ ހުއްދަ މަޖިލީހުން ދިނުމަށް ކުރަމުންދާ މަަސައްކަތަށް ތާއީދު ނުކުރާކަން ހާމަކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހުށައެޅުން މިފަހަރުވެސް މަޖިލީހަށް ހުށައަޅާފައިވަނީ ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށާއި، މިއީ ސަރުކާރުން ވަރަށް ޒިއްމާދާރުކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްވެސް އިޚްލާސްތެރި ކަމެއް ނެތްކަން މިކަމުންވެސް ހާމަވާކަމަށެވެ.
ފައިސާ ޗާޕުކޮށް ދަރަނި އިތުރަށް ނެގުމާ ގުޅޭގޮތުން ސަރުކާރުން މަރުކަޒީ ބޭންކާ މަޝްވަރާ ކޮށްފައި ނުވާކަމާއި، ކުރިންވެސް ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކޮށްފައިވަނީ އެ ބޭންކާ އެއްވެސް މަޝްވަރާއެއް ކުރުމެނެތިކަމަށް އެމްއެމްއޭގެ ގަވަރނަރު ވިދާޅުވެފައިވާކަމަށް އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފައިސާ ދައްކާނެ ގޮތުންގެ އެއްވެސް ޕްލޭނެއް މިހާތަނަށް ހުށައެޅިފައި ނުވާކަމާއި މުއްދަތު އިތުރު ކުރުމަށް ހުށައަޅާފައިވާއިރުވެސް ފައިސާ ދައްކާނެ ޕްލޭނެއް ނެތްކަމުގެ ކަންބޮޑުވުން ގަވަރނަރު ފާޅު ކުރައްވާފައިވާކަމަށެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތައް ކަމަށްވާ ވަރލްޑް ބޭންކާއި އައިއެމްއެފުންވެސް ވަނީ މިފަދަ ޕްލޭނެއް ނެތި ފައިސާ ނުނެގޭނެކަން ހާމަކޮށްފައިވާކަމަށް މިބަޔާނުގައި ވެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން މިމައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީގައި، މަރުކަޒީ ބޭންކުން އޯވަރޑްރޯ ކުރުމަށް މިދިޔައަހަރު ހުއްދަ ދީފައިވާ 4.4 ބިލިއަން ރުފިޔާގެ އިތުރަށް އެއްވެސް ފައިސާއެއް ޗާޕު ކޮށްގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ޢާންމު އިޤުތިޞާދީ ޙާލަތާމެދު ބޭރުގެ ރޭޓިންގދޭ ފަރާތްތަކުގެ އިތުބާރު ޤާއިމްކުރުމަށްޓަކައި، މިފައިސާ އަނބުރާ ދައްކާއިރު ފިސްކަލް ޑިސިޕްލިން ގެނައުމުގެގޮތުން ނޮމިނަލް ފައިނޭންސް ކޮސްޓެއް ކަނޑައެޅުމަށާއި، މިފައިސާ އަނބުރާ ދައްކާނެގޮތުގެ ޕްލޭނެއް ފިނޭންސް މިނިސްޓަރ އެކަށައަޅުއްވައި، ރައްޔިތުންގެ މަޖިލީހަށާއި ސެންޓްރަލް ބޭންކަށް ޙިއްޞާކުރައްވަން ޖެހޭނެ ކަމަށާއި، މިފައިސާ މެނޭޖްކުރަމުންދާގޮތް، ކުއަރޓަލީ ރިޕޯޓްގެ ގޮތުގައި ހުށައެޅުމަށާއި، މިފައިސާ ލޯނަކަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން ކަމުގައި ކޮމިޓީ ރިޕޯޓްގައި ހިމަނައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ހުށަހަޅާފައެވެ.
އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ސިޔާސީ މަޤާމްތައް ނުއުފެއްދެވުމަށާއި، ސިޔާސީ މަޤާމްތަކުގެ މުސާރަ ކުޑަ ކުރުމަށާއި، ސަރުކާރުގެ ޚަރަދުތަކުގެ ތެރެއިން ނުކޮށްވާން ހުންނަ ޚަރަދުތައް ނުކުރުމަށާއި، ސަރުކާރުގެ ދަތުރު ފަތުރަށް ކުރާ ޚަރަދުތައް ކުޑަ ކުރުމަށްވެސް އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ވާނީ އެދިފައެވެ.
"ނަމަވެސް ކޮމިޓީން މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި ފައިސާ ޗާޕުކުރުމުގެ ފުރުސަތު ފަހިވެގެންދާގޮތަށް މަޖިލީހުން މިފަދަ ނިންމުމެއް އިތުރަށް ނިންމުމަކީ މިކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް." އިދިކޮޅު ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާ ނާޒުކު ޙާލަތެއްގައި އޮތްއިރު، ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދީފައިވާ މިދަނޑިވަޅުގައި، މިފަދަ އިންޒާރުތަކަށް ބެލުމެއްނެތި، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ޖެހިފައިވާއިރު، ތަކެތީގެ އަގުބޮޑުވުމާއި ޑޮލަރުގެ އަގު އުފުލުންފަދަ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ނުރަނގަޅު އަސަރުކުރާ އެތައްކަމެއް ކުރަމުންދާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ޤާނޫނުގެ އަކުރުތަކަށް ޢަމަލުކުރުން ފަސްކޮށްގެން ބޭރުގެ މާލީ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާ ޚިލާފަށް މުޅި ދައުރު ފައިސާ ޗާޕުކޮށްގެން ވެރިކަން ކުރަން އުޅުމަކީ މާލީ ނިޒާމު ހަލާކުކޮށްލުމަށް ކުރަމުންދާ ކަމެއްކަމަށާއި، އަދި ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އިދިކޮޅު ކޯލިޝަނުން މިކަމަށް ތާއީދު ނުކުރާކަމަށް މިބަޔާނުގައި ވެއެވެ.