ޕާކިސްތާން ސިފައިންގެ މަރުކަޒީ އިދާރާގައި ޕާލަމެންޓްގެ މެންބަރުންގެ ބަޔަކާ އެކު ސިއްރު ބައްދަލުވުމެއް ބާއްވައިފިކަމަށް ވިދާޅުވެ އިދިކޮޅު ޕާކިސްތާން މުސްލިމް ލީގްގެ މަރްޔަމް ނަވާޒް ސިފައިންނަށް ފާޑު ވިދާޅުވެއްޖެއެވެ.
މަރްޔަމް ނަވާޒު ތުހުމަތު ކުރެއްވި ގޮތުގައި ސިފައިންގެ އިސްވެރިން، ޕާލަމެންޓްގެ ބައެއް މެންބަރުންނަށް ބާއްވާފައިވާ ރޭގަނޑުގެ މި ފަރިއްކޮޅަކީ، ޕާކިސްތާންގެ ފަސްވަނަ ޕްރޮވިންސްގެ ގޮތުގައި ގިލްގިޓް ބޯލްޓިސްތާން ހަމަޖެއްސުމަށް ތާއީދު ހޯދުމަށް ބާއްވާފައިވާ ބައްދަލުވުމެކެވެ.
މަރްޔަމް ނަވާޒް ތުހުމަތު ކުރެއްވި ގޮތުގައި ސިފައިން ގެންދަނީ ޕާކިސްތާންގެ ސިޔާސީ ހަޔާތުގައި އެމީހުންގެ ނުފޫޒު އިތުރަށް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކުރަމުންނެވެ.
އޭނާ ވިދާޅުވިގޮތުގައި ޕާކިސްތާންގެ ފަސްވަނަ ޕްރޮވިސް ހެދުމުގެ މަސައްކަތަކީ މިފަދަ ސިއްރު ބައްދަލުވުންތަކުގައި ތާއީދު ހޮދައި ނިންމަންވާނެ ކަންތައްތަކެއް ނޫން ކަމުގައެވެ. އަދި މިއީ ޕާލަމެންޓްގައި މަޗްވަރާ ކުރެވި ނިންމަންވީ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.
މަރްޔަމް ނަވާޒްގެ ބައްޕަ، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާއަށް ވެރުކަން ގެއްލި ވަޑައިގަތީ ސިފައިންގެ އިސްވެރިންނާއި ޖާސުސީ އިދާރާ އައިސްއައިއެސްގެ މަސައްކަތުންނެވެ.
ގިލްގިޓް ބޯލްޓިސްތާންއަކީ ކުރިން ކަޝްމީރުގެ ބައެކެވެ. 1970ގެ ތެރޭގައި ޕާކިސްތާންގެ ވެރިން ވަނީ މިތަން ވަކި ސަރަހައްދެއްކަމުގައި ހައްދަވައި މިތަނަށް އުތުރު ސަރަހައްދުގެ ނަމުން ނަން ދެއްވާފައެވެ.
މިހާތަނަށް އިސްލާމްއާބާދުން ސީދާ ވެރިކަން ކުރަމުން ގޮސް ހިސާބު ގަނޑުގެ މީހުން ވަނީ ސިޔާސީ މަސައްކަތުން އެކަހެރި ކޮށްފައެވެ.
މިހާރު މިތަނަށް ޒާތީ މިނިވަންކަމެއް ދޭން މަސައްކަތް ކުރަމުން ދިއުމުގެ ބޭނުމަކީ، މިސަރަހައްދުގެ ތެރޭން ލައިގެން ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ހުރަސްކުރާ އެމަސައްކަތަށް ފަހިކުރުމުގެ ގޮތުން ޗައިނާގެ އެދުމަށެވެ.
ޕާކިސްތާން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ޗައިނާގެ ރޭވުމެކެވެ. މިއިން އިންޑިއާއަށް ފާއިދާ ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.