އިންޑިއާގައި ކޮވިޑް-19 ގެ ބަލި ފެތުރެމުންދާތީ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބުން މި ވަގުތަށް މަނާކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމު ކުރި އުސޫލުގައި ބުނީ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން އަދި 24 ގަޑިއިރަށްވުރެ ގިނަ އިރު އެ ގައުމުގައި ޓްރާންސިޓުކޮށްފައިވާ މީހުން ހިމެނޭހެން ރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް ރިސޯޓުތަކާއި މީހުން ދިރިއުޅޭ ތަންތަނާ ވަކިން ހުންނަ ސިޓީހޮޓާތައް މީގެ ތެރޭ ނުހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ބުނީ މިގޮތަށް އެންގި ނަމަވެސް މިހާރު ގެސްޓްހައުސްތަކުގައި ތިބި އިންޑިއާގެ ޓޫރިސްޓުންނަށް ތިބެވޭނެ އެވެ.

މީގެ އިތުރުން އިންޑިއާއިން އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުން ވެސް ރާއްޖެ އެތެރެ ވެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގައި ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްޕީއޭގެ ހާއްސަ ފިޔަވަޅުގައި ވާގޮތުން ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުމާއި، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވުން ހިމެނެއެވެ. މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި މީގެތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރް ޓެސްޓެއްވެސް ހަދަންޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.