ރޯދަމަހަށް ޚާއްޞަކޮށްގެން ލީޕް ރަންގެ ފަރާތުން "ރަމަޒާން ބޫސްޓަރ" މި ނަމުގައި ދުވުމުގެ ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.

ތިން ބަޔަކަށް ބަހާލެވިފައިވާ މި ޙަރަކާތުގައި 50 ކިލޯމީޓަރުގެ ދުވުން ޚާއްޞަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

ކެއާސޮސައިޓީއާއި ގުޅިގެން ބާއްވާ މި ދުވުމުގެ މަޤުޞަދަކީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދުޅަ ހެޔޮ ޞިއްޙަތެއް ހޯދައިދިނުން" މިޙަރަކާތަށް ސަޕޯޓް ކުރުމެވެ.

ލީޕް ރަން ގެ ފަރާތުން 1 ރަމަޟާން އިން ފެށިގެން 30 ރަމަޟާން ގެ ނިޔަލަށް ބާއްވާ މިޙަރަކާތުގެ 50 ކިލޯމީޓަރުގެ ދުވުމަކީ ހަމައެކަނި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްކަށް ހިލޭ ބައިވެރި ވުމުގެ ފުރުޞަތު ހޯދައިދެއްވާފައިވާ ޙަރަކާތެކެވެ.

މިގޮތުން މި "ރަމަޒާން ބޫސްޓަރ" ފަސްޓް ހާފުގައި ބޭނުން ކޮންމެ ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާކަމަށް ލީޕް ރަން ގެ އެމްޑީ ބިންތު ވިދާޅުވިއެވެ. މި ދުވުމުގައި 65 ކިލޯމީޓަރު ހަމަ ކުރަން ޖެހެއެވެ. މި ދުވުމަށް ދެއްވާފައިވާ މުއްދަތަކީ 1 ރަމަޟާން އިން 15 ރަމަޟާންއެވެ. މިއީ ވަކި ވަކި ފަރުދުންނަށް ބައިވެރި ވެވޭގޮތަށް ހުޅުވާލެވިފައިވާ ދުވުމެކެވެ.

"ސެކަންޑް ހާފް" މި ދުވުމަކީ ޓީމުތައް ވާދަ ކުރާދުވުމެކެވެ. މި ދުވުމުގައި ޓީމެއްގައި ހަތަރު ދުވުންތެރިން ބައިވެރިވެ 150 ކިލޯމީޓަރުގެ ދުވުން ނިންމާލުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 4 މެންބަރުން ބަހާލައިގެން ނިންމާ 150 ކިލޯމީޓަރުގެ މި ދުވުން މި ރަމަޟާން މަހުގެ 15 އިން 30 އަށް ކުރިއަށް ދާނެއެވެ. މިއީ ވާދަ ވެރި ޙަރަކާތެކެވެ.

މި 3 ދުވުން ނިންމާލާ ފަރާތް ތަކަށް ލީޕް ރަންގެ ފަރާތުން މެޑެލް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"ރަމްޒާން ބޫސްޓަރ" ފަސްޓް ހާލްފް އަދި ސެކަންޑް ހާލްފް ގެ ފީގެ 5 ޕަސެންޓް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ ކެއާސޮސައިޓީއަށް ކަމަށް ލީޕް ރަން އިން މައުލޫމާތު ދެއްވިއެވެ.

މި ރަންތަކުގައި ބައިވެރި ވުމަށް ލީޕް ރަންގެ ވެބް ސައިޓްގެ އިތުރުން ރަން މޯލްލްޑިވްސް ގެ ވެބްސައިޓުންވެސް ފުރުޞަތު ހުޅުވާލެވިފައި ވެއެވެ. މި އީ ލީޕް ރަންގެ ފަރާތުން މިގޮތަށް ބާއްވާ ދެވަނަ ޙަރަކާތެވެ. މީގެ ކުރިން ވަނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެނުންނަށް ޚާއްޞަކޮށް ކޮށްގެން " ރަން ފޯ ވިމެން" ގެ ނަމުގައި ޙަރަކާތެއް ބާއްވާފައެވެ.