ކުވެއިތުގެ އައު އަމީރު، ޝެއިޚް ނަވާފް އޭނާގެ ވަލީ ޢަހްދުގެ މަގާމަށް، ޝެއިޚް މިޝްޢަލް އަލް އަހްމަދު އަލްޖާބިރު އައްސަބާހް ހަމަޖައްސަވައިފިއެވެ.

އުމުރުފުޅުން 80 އަހަރުގެ ޝެއިޚް މިޝްޢަލް ހުންނެވީ 2004ން ފެށިގެން، ކުވެއިތުގެ ނޭޝަނަލް ގަރޑްގެ ވެރިޔާގެ މަގާމުގައެވެ. އޭނާ ވަނީ ސިޔާސީ މައިދާނާ ދުރުގައި އަދި ޝާހީ އާއިލާގެ ދެބަސްވުންތަކާ ދުރުގައި އުޅުއްވާފައެވެ.

ކުވެއިތުގެ ވެރިކަން ކުރާ އާލްޞަބާޙް އާއިލާއިން ވަނީ ޝެއިޚް މިޝްޢަލްއަށް މަރުޙަބާ ދަންނަވާފައެވެ.

ކުވެއިތުގެ ޝާހީ ބޭފުޅުން މިފަހަކަށް އައިސް އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކޮރަޕްޝާނާއި ސިޔާސީ ރޭވުންތައް ރާވާކަމުގެ ތުހުމަތު ކޮށްހައްދަވައެވެ.

ގަލްފްގެ އެހެން ގައުމުތަކާ ޚިލާފަށް ކުވެއިތަކީ ޑިމޮކްރެޓިކް މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، ޕާލަމންޓްގައި ހޫނު ބަހުސްތައް ބާއްވައި ހަދާ ގައުމެކެވެ.

ޝެއިޚް މިޝްޢަލްއަކީ، ކުވެއިތުގެ 10 ވަނަ އަމީރު، ޝެއިޚް އަހްމަދު އަލްޖާބިރް އައްޞަބާޙްގެ ހަތްވަނަ ދަރިކަލުންނެވެ.

އޭނާ އަކީ ނޭޝަނަލް ގާޑްގައި އިޙުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކުވެއިތުގެ މިހާރުގެ އަމީރު ނަވާފް، މަގާމަށް އިސްވެ ވަޑައިގަތީ އުމުރުފުޅުން 91 އަހަރުގައި ޝެއިޚް ޞަބާޙުލް އަހްމަދު އައްޞޮބާޙް އަވަހާރަ ވުމާ ގުޅިގެންނެވެ.

ކުރީގެ އަމީރާއި މިހާރުގެ އަމީރަކީ އެއްބަފާ ދެ ބޭފުޅުންނެވެ. ހަމަ އެފަދައިން މިހާރުގެ އަމީރާއި ވަލީޢަހްދަކީވެސް އެއްބަފާ ދެބޭފުޅުންނެވެ.

ޝެއިޚް މިޝްޢަލް ވަނީ ދާޚިލީ ވުޒާރާގައިވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.