އައްޑޫ ސިޓީގައި ޢިމާރާތް ކުރަމުންދާ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމަށް އަދިވެސް މަސްތަކެެއް ހޭދަވާނޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެތަން ބައްލަވާލެއްވުމަށް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަށް އެތަނުގެ މަސައްކަތް ނިންމަން ކަމަށެވެ. ހުޅުވާނެ ތާރީޚެއްގެ ވާހަކަ ދައްކަވާނީ ތަން ނިމިގެން ކަމަށް ވެސް މިިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވަނި މިއަހަރު މާރިޗުމަހު އެތަން ހުޅުވޭނެ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުވެސް ވަނީ ފާއިތުވެގެން ގޮސްފައެވެ. މިނިސްޓަރ ޢިމްރާން މިއަދު ވިދާޅުވީ އެތަނުގެ މަސައްކަތް އަވަސް ކުރުމަށް އަދިވެސް އިތުރު ލޭބަރުން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރަކީ އިންޑިއާގައި އިންތިހާއަށް ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށްް ވުމުން އެގައުމުން މީހުން އެތެރެކުރުުމަކީ ފަސޭހާ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުވެސް 300 އަށްވުރެ ގިނަ ލޭބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން 100 އެއްހާ ލޭޭބާރުން ބޭނުންވެގެން މަސައްކަތް ކުރަމުންދާ ފަރާތުން އެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް އަވަސް ކުރުމަށް ލޯކަލް ލޭބަރުން ހޯދުމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގާ މިއަދު މަޝްވަރާ ކުރެއްވި ކަމަށެެވެ.

މިކަމާ ބެހޭ ގޮތުން މޭޔަރު ވިދާޅުވީ އެކަމަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ބައެއް ކުދިކުދި މައްސަލަތައް އެކަމުގައި އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.