އެންމެ ކަމުދާ ފޮތަކީ ކޮބައިތޯ ބަލައިލުމުގެގޮތުން މަޢްލޫމާތު ހޯދައިލިންހެއްޔެވެ؟ އަޅުގަނޑު ހޯދި ހޯދުމުން، އެއްވަނައިގައި އުޅެނީ، Anne Frank ނަމަކަށް ކިޔާ އިނގިރޭސި ކާތިބާއެއްގެ ފޮތެއްކަމުގައިވާ، The Diary of young girl އެވެ. މި ވާހަކަ ބިނާވެގެންވަނީ، ނާޒީންގެ އަޅުވެތިކަމުގައި ހޮލެންޑް އޮތް ދުވަސްވަރު، އޭނާއާއި ޢާއިލާ އުޅެންޖެހުނު ގޮތުގެ ވާކައިގެ މައްޗަށެވެ. ބުނެވޭގޮތުގައި އޭނާ ވަނީ، މީގެ 27 މިލިޔަން ފޮތް ޗާޕުކޮށްފައެވެ.

އަދި ހަވަނައިގައި އުޅެނީ، Paulo Coelho ނަމަކަށް ކިޔާ ކާތިބަކު ލިޔެފައިވާ، The Alchemist އެވެ. މި ޢަޖާއިބުން ފުރިގެންވާ ވާހަކަ ބިނާވެފައި ވަނީ، ސްޕޭންގެ ބަކަރި ހުއިހައްޕާ މީހަކު، މިޞްރުގެ އަހްރާމުގައި ފޮރުވިފައި ހުރި ޚަޒާނާއެއް ހޯދަން ކުރާ ދަތުރުގެ މައްޗަށެވެ. މީގެ 65 މިލިޔަން ފޮތް ވިކިފައިވެއެވެ. އަދި 67 ބަހަށްވުރެ ގިނަ ބަހަށް މި ފޮތް ތަރުޖަމާ ކުރެވިފައިވެއެވެ.

މީގެ އިތުރުންވެސް 8 ފޮތެއް، އެންމެ ކަމުދާ ފޮތްތަކުގެތެރޭގައި ހިމެނިފައިވެއެވެ. އޭގެތެރޭގައި މަޝްހޫރު ހެރީ ޕޮޓަރ ވެސް ހިމެނެއެވެ.

ނަމަވެސް އަޅުގަނޑަށް އެންމެ ކަމުދާ ފޮތަކީ ކޮބައިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟

އެ ފޮތަކީ އޭގެ ބަލާޣަތާއި އަދަބިއްޔާތުގެގޮތުން، އެހާރާއި މިހާރުގެ އަދީބުންނަށް ގޮންޖަހައިލި ފޮތެކެވެ.

އެ ފޮތަކީ، އޭގައިވާ ކުރީގެ ވާހަކަތަކާއި، ފަހުގެ ވާހަކަތަކުގެ ތެދުކަމާއި ބަރާބަރުކަމުންވެސް މުޅި އިންސާނިއްޔަތަށް ގޮންޖަހައިލި ފޮތެކެވެ.

އަދި އެ ފޮތަކީ، އޭގައިވާ ޢިލްމީ ވާހަކަތަކުން، އެންމެ މިޒަމާނުގެ ސައިންސުވެރިން އަސޯޚު ކޮށްލި ފޮތެކެވެ.

އަދި އެ ފޮތަކީ ތެދުމަގު ލިބިގަނެ، ޙައްޤާއި ބާޠިލު ވަކިކުރަން ބޭނުން ކޮންމެ މީހަކަށް އޮތް އަތްމަތީ ފޮތެކެވެ.

އަދި އެ ފޮތަކީ، ހިތްތަކަށް ފިނިކަން ގެނެސްދީ، އިންސާނުންގެ ހާސްކަން ކަނޑުވައިލަދޭ، ރީތި، ޢިބްރަތްތެރި ވާހަކަތަކުން ފުރިފައިވާ ފޮތެކެވެ.

އަދި އެ ފޮތަކީ، އޭގެ ޖާދޫގައި ޖެހިދާނެކަމުގެ ބިރަށް، އޭގައިވާ ވާހަކަތައް އަޑު ނާހަންވެގެން ބަޔަކުމީހުން، ކަންފަތަށް ކަފަޖަހައި ބަންދުކޮށްގެން އުޅުނު ފޮތެވެ.

އަދި އެ ފޮތަކީ، އޭގެ ގަދަފަދަ އަސަރުން ގައިގެ ހަންތައް ތުރުތުރު އަޅައިގެންގޮސް، ހިތްތަކަށް ހަމަހިމޭންކަން ވެރިކުރުވާ ފޮތެކެވެ.

އަދި އެ ފޮތަކީ، އޭގެ ކޮންމެ އަކުރަކުން ދިހަގުނަ ފައިދާލިބޭ ވިޔަފާރިއެއް ކުރެވޭ ފޮތެކެވެ.

އިންސީންނާއި ޖިންނީން އެކުވެގެން ލިޔަން އުޅުނަސް އެފޮތުގައިވާފަދަ އެންމެ ޞަފްޙާއެއްވެސް ލިޔުމަކީ މުސްތަޙީލު ކަމަކެވެ.

އަދި ކޮބައިތޯއެވެ؟ އެފޮތްވަނީ އެތައް ލައްކަ ބައެއްގެ ހިތްތަކުގައި ރައްކާކުރެވިފައެވެ.......!

އެއީ އަޅުގަނޑުމެންފަދަ، ޢިލްމު މަދު އިންސާނުން ލިޔާ ފޮތްތައް ކަހަލަ، ބޭކާރު ފޮތެއް ނޫނެވެ. އަދި ކީތްތޯއެވެ؟ އެއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، ޚާލިޤުވަންތަ ﷲ ތަޢާލާގެ މަތިވެރި ކަލާމްފުޅެވެ. އެފޮތް މުސްލިމުންގެ މެދުގައި މަޝްހޫރުވެފައިވަނީ ކީރިތި ޤުރްއާނުގެ ނަމުންނެވެ. އެ ފޮތުން އެއްވެސް އިންސާނަކަށް އޭރަކުވެސް އަދި މިހާރަކުވެސް ބާޠިލެއް ނުދެއްކޭނެކަން ﷲ ތަޢާލާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ދުވަސް ވީވީހެން އޭގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި، ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ނިކަންހުރެ ފެންނަމުންދާނެއެވެ. އެކަން އަންގަވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ﴾‎٥٣سورة فصلت. މާނައީ: [އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟]

(ނިމުނީ)