އިނގިރޭސިވިލާތުގެ މަތިންދާ ބޯޓް އުފުލާ މަނަވަރު ކުއީން އެލިޒަބަތު ގްރޫޕްގެ މަނަވަރުތަކުގެ އެންމެ ފުރަތަމަ ދަތުރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އިންޑިއާއަށެވެ. އެއަށްފަހު މި މަނަވަރާއި އެއާއެކު ހިމެނޭ އެހެން މަނަވަރުތައް ބަލަހައްޓާނީ އިންޑޯ ޕެސިފިކް ސަރަހައްދެވެ. އިންޑިއާއަށް ފަހު ދެން ދާނީ ޖަޕާން ދެކުނު ކޮރެއާ އަދި ސިންގަޕޯރއަށެވެ.
ކުއީން އެލިޒަބަރު މަނަވަރު އިންޑިއާއަށް ކުރާ ދަތުރުގައި އިންޑިއާ ސިފައިންނާއެކު ގުޅިގެން ތަމްރީންތައް ބާއްވާނެއެވެ. މީގެ މަގްސަދަކީ ދެ ގައުމުގެ އަސްކަރީ ސިޔާސީ އަދި ވިޔަފާރގެ ގުޅުން ބަދަހި ކުރުން ކަމަށް ދިއްލީގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ބުނެފައި ވެއެވެ.
އިންޑޯ ޕެސިފިކްގައި ކުއީން އެލިޒަބަތު ހަރަކާތްތެރިވާއިރު، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި މިނިވަންކަމާއެކު ދަތުރުފަތުކުރުމަށް ފަހިކުރުމަށް ބާރުއަޅާނެއެވެ. އަދި އިނގިރޭސިވިލާތާއި އިންޑިއާގެ ކަނޑުގެ ސަލާމަތީ ގުޅުން ބަދަހިކޮށް ދެފަރާތް ބައިވެރިވެގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ހައިކޮމިޝަނުން ބުނެފައި ވެއެވެ.
މިދިޔަ މަހު އިނގިރޭސިވިލާތުން ފާސްކޮށްފައިވާ ޚާރިޖީ، ދިފާއީ އަދި ސަލާމަތާ ބެހޭ ސިޔާސަތުގައި ބުނެފައި ވަނީ އެންމެ ފުޅާދާއިރާއެއްގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ވިޔަފާރިއަށް ބާރުއަޅައި ސަލާމަތަށް މަސައްކަތް ކުރާ ގައުމަކަށް އިނގިރޭސިވިލާތު ކަމުގައި ހަދާނެ ކަމަށެވެ.