މީގެ ހަތްދިހަ އެތައް އަހަރެއްކުރިން އެމެރިކާގެ ކޮލޮރާޑޯގެ މީހަކު އޭނާ ގެންގުޅުނު ކުކުޅުތަކުގެ ތެރެއިން ކުކުޅެއްގެ ބޯ ބުރިކޮށްލިއެވެ. ނަމަވެސް، އޭގެފަހުން 18 މަސްދުވަސް ހޭދަވެގެން ދިޔައިރުވެސް އެ ކުކުޅު މަރެއް ނުވެއެވެ. އޭގެ ސަބަބުން އެ ކުކުޅު މުޅި އެމެރިކާގައި މަޝްހޫރުވެގެން ދިޔައެވެ.

އެހެން ނަމަވެސް، ބޮލާއި ނުލައި އެ ކުކުޅު އެހާ ގިނަދުވަހު ދުނިޔޭގައި ހުރީ ކީއްވެގެން ހެއްޔެވެ.

މިކަން ހިނގާފައިވަނީ 1945 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 10 ދުވަހުއެވެ.

ކޮލޮރާޑޯގެ ފުރުޓާ ނަމަކަށްކިޔާ އަވަށުގައި ކުކުޅު ގެންގުޅޭ ލޮއިޑް އޮލްސެންއާއި، އޭނާގެ އަންހެނުން ކްލާރާ ކުކުޅު ކަތިލީ ދުވަހެކެވެ. އޮލްސެން ގެންދިޔައީ ކުކުޅު ކަތިލަމުންނެވެ. އޭނާގެ އަންހެނުން ކުރާކަމަކީ ކަތިލާ ކުކުޅުތަކުގެ ފަތްތައް ނޮޅައި ސާފުކުރުމެވެ. އެއީ، މާރުކޭޓަށް ގެންގޮސް ވިއްކުމަށްޓަކައެވެ.

އެދުވަހު ލޮއިޑް އޮލްސެން 40 ނުވަތަ 50 ކުކުޅު ކަތިލިއެވެ. ނަމަވެސް، އޭނާ ކަތިލި ނުވަތަ ބޯބުރި ކޮށްލި ކުކުޅުތަކުގެ ތެރެއިން އެއް ކުކުޅުގެ ކިބައިން އާދަޔާ ޚިލާފްކަމެއް އޭނާއަށް ފާހަގަ ކުރެވުނެވެ. އެ ކުކުޅުގެ ކިބައިން ފެނުނީ، ބޯ ބުރިކޮށްލި އެހެން ކުކުޅުތަކުގެ ކިބައިން ފެނުނު މަންޒަރެއް ނޫނެވެ.

ލޮއިޑް އޮލްސެންއާއި، ކްލާރާގެ މުނިކާފަ ދަރިއެއް ކަމަށްވާ ޓްރޯއި ވޯޓަރސް ބުނެފައިވަނީ، އެ ކުކުޅުގެ ބޯ ބުރިކޮށްލާފައި ދޫކޮށްލުމުންވެސް ހުރީ ހިނގަހިނގާ ކަމަށެވެ. އޭގެފަހުން މުޅި ހިސާބުގައި ދުވުނީ ކަމަށެވެ. މަރެއްނުވެއެވެ.

އެހެންވެ، އެ އޮލްސެންގެ ދެމަފިރިން ކުރިކަމަކީ، އިރު އޮއްސުމުން އާފަލު ބަންދުކުރާ ކުޑަ ލަކުޑި ފޮށްޓަކަށް ކުކުޅު ލާފައި ބޭންދީއެވެ. އެއީ، އޭތި މަރުނުވާތީއެވެ.

އަނެއްދުވަހު ހެނދުނު ހޭލައިގެން ލޮއިޑް އޮލްސެން އެންމެ ފުރަތަމަވެސް ބޭނުންވީ ކުކުޅަށް ވެފައިއޮތް ގޮތެއް ބަލާށެވެ. އޮލްސެންއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އޭނާ ގޮސް ބެލިއިރު، ބޯ ބުރިކޮށްލާފައި އިން ކުކުޅު މަރެއް ނުވެއެވެ.

މިކަމުގެ ހަބަރުތައް އިސާހިތަކު މުޅި ފުރުޓާ އަވަށަށް ފެތުރިގެންދިޔައެވެ. މިކަން އެންމެނަށްވެސް ފާހަގަ ކުރެވުނީ އަޖާއިބެއްގެ ގޮތުގައެވެ.

ރިޕޯޓަރެއް ފޮނުވައިގެން އޮލްސެންއާ އިންޓަރވިއު ކޮށްގެން މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރީ ފުރުޓާގެ ނޫހެއްގައެވެ. އޭގެފަހުން، ޔޫޓާހްގެ ސޯލްޓް ލޭކް ސިޓީގެ ޓީވީ ޝޯވއެއްގެ ޓީމު ފުރުޓާއަށް ދަތުރުކޮށް އޮލްސެންއާ ބައްދަލުކުރިއެވެ. އެ ޓީމުން އެދުނީ، ބޯ ބުރިކޮށްލާފައިވާ ކުކުޅު ހިފައިގެން އެމީހުންގެ ޝޯވއަށް ދިއުމަށެވެ. އެއީ، ވަރަށް ގިނަ ފައިސާ ލިބޭނޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ލޮއިޑް އޮލްސެންދެ ދެމަފިރިން ކުކުޅު ގެންގުޅެ އެއްގަމު މަސް ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔައީ ވަރަށް އާދައިގެ ގޮތެއްގައިކަމުން، ވިޔަފާރި އިތުރަށް ފުޅާކޮށްލަން އެ ފުރުސަތުގެ ބޭނުން އެ ދެމަފިރިން ހިފިއެވެ.

ބޯ ބުރިކޮށްލި ނަމަވެސް މަރުނުވާ ކުކުޅު ގޮވައިގެން އޮލްސެން، އޭނާ ދިރިއުޅޭ ކުޑަ އަވަށުން ސޯލްޓް ލޭކް ސިޓީއަށް ދަތުރުކުރިއެވެ. އަދި އެ ކުކުޅާގުޅޭ ދިރާސާތަކެއް ޔުނިވަރސިޓީ އޮފް ޔޫޓާހްއަށް ގެންގޮސް އެތައް ޓެސްޓްތަކެއްވެސް ހެދިއެވެ.

އެދުވަސްވަރު އެހެން އަޑުތަކެއްވެސް އަރައިގެންދިޔައެވެ. އެއީ، އޮލްސެންގެ ކުކުޅާ ގުޅޭ ޓެސްޓްތައް ހެދުމުގައި ޔުނިވަރސިޓީގެ ސައިންސްވެރިން އެހެން އިތުރު އެތައް ކުކުޅެއްގެ ބޯ ބުރިކޮށްލި ވާހަކައެވެ. އެއީ، ބޯ ބުރިކޮށްލުމުން އެ ކުކުޅުތައް މަރުވަނީ ކިހާ އިރަކުންތޯ ބެލުމަށްޓަކައެވެ.

ބޯ ބުރިކޮށްލާފައިވާ ކުކުޅު ފަހުން މަޗްހޫރު ވެގެންދިޔައީ "މައިކް" ގެ ނަމުންނެވެ. އެ ކުކުޅާހެދި ލޮއިޑް އޮލްސެންއާއި، އޭނާގެ އަންހެނުން ކްލާރާ މުޅި އެމެރިކާއަށް މަޝްހޫރުވެގެން ދިޔައެވެ. މައިކް ގޮވައިގެން އޮލްސެންގެ ދެމަފިރިހެން މުޅި އެމެރިކާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޝޯވ ދިނެވެ.

މައިކް މަރުވީވެސް އޮލްސެންގެ ދެމަފިރިން އޭތިގޮވައިގެން ދަތުރުމަތީގައި އެމެރިކާގެ އެރިޒޯނާގެ ފީނިކްސްގައި ޝޯވދޭން އުޅެނިކޮށެވެ. އެއީ، 1947 ވަނަ އަހަރުއެވެ.

ބޯ ބުރިކޮށްލާގައި ހުރި ނަމަވެސް ކުކުޅަށް ކާންދިނީ، ދިޔާ ކާ އެއްޗެއްސެވެ. ކާއެއްޗެހި ހަށިގަނޑަށް ފޮނުވަމުން ގެންދިޔައީ ކަރު ބުރިކޮށްލާފައިވާ ހިސާބުގައި ފެންނާހުރި ގޮހޮރުގެ ހޮޅިއަށް ދިޔާ ކާއެއްޗެހި ސިރިންޖް މެދުވެރިކޮށެވެ. ސީދާ ގޮހޮރަށްދާ ގޮތަށެވެ. 18 މަހެއްހާ ދުވަހު ކުކުޅު މަރުނުވެ ދުނިޔޭގައި ހުރީ އެގޮތަށްވެސް ކާއެއްޗެހި ދިނުމުގެ ސަބަބުންނެވެ. އަދި ކަރުތެރޭގައި ހެދޭ ދަވަ ނަގަނީވެސް ސިރިންޖު ބޭނުންކޮށްގެންނެވެ.

އެރިޒޯނާއަށް އޮލްސެންގެ ދެމަފިރިން ކުރި ދަތުރުގައި އެމީހުން ތިބި ހޮޓަލުގައި ރޭގަނޑު ނިދަންތިއްބާ ހޭލެވުނީ ކުކުޅު ކޮށިއަރައިގެން އުޅޭ ޒާތަކަށް އަޑު ލައްވާތީއެވެ. ކަރުތެރެ ސާފުކުރަން ބެލިއިރު ސިރިންޖެއް ނެތެވެ. އެމީހުން ދުވާލު ގަޑީގައި ޝޯވދޭން އުޅުނުތަނުގައި އައީ ސިރިންޖު ބާއްވާފައެވެ. އެހެންގޮތެއް ހޯދުމުގެ ކުރިން ކުކުޅުވަނީ ކޮށިއަރައިގެން މަރުވެފައެވެ.

އެކަމަކު، ހައިރާންވާ ކަމަކީ، އޭގެފަހުން އެތައް އަހަރެއް ފާއިތުވެގެންދިޔަ އިރުވެސް، އެ ކުކުޅަށް ވީގޮތެއް ލޮއިޑް އޮލްސެން އެއްވެސް މީހެއްގެ ގާތު ނުބުނި ކަމެވެ. އޭނާ ބުނަމުންދިޔައީ، އޭނާ އެ ކުކުޅު މީހަކަށް ވިއްކާލައިފި ކަމަށެވެ.

ބޯ ބުރިކޮށްލި ނަމަވެސް، މަރުނުވި ކުކުޅު މަރުވީ ޚުދު އޭނާގެ އަތްމައްޗަށްކަން އޮލެސެން ހާމަކޮށްފައިވަނީ އޭނާގެ މުނިކާފަދަރި ޓްރޯއި ވޯޓަރސް ގާތުގައެވެ. އެ ވާހަކަ ކިޔައިދިނީ ޓްރޯއިއަށެވެ. އެއީ، އޮލްސެން މަރުވުމުގެ އަހަރުތަކެއް ކުރިންނެވެ.

މުސްކުޅިވީ ދުވަހު އޮލްސެން ދިރިއުޅުނީ ޓްރޯއިއާއެކު އެއް ގެއެއްގައި ކަމުންނެވެ. އެކަމަކުވެސް، މަރުވި ކުކުޅަށް ހެދިގޮތެއް އޮލްސެން ކިޔައިދީފައެއް ނުވެއެވެ.