ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަން ގެ ފަރާތުން 27 އޭޕްރީލް 2021 ދުވަހުގެ ރޭ ބާއްވަން މަސައްކަތްކުރި "ދޭތިން އެކައްޗަށް" އިހުތިޖާޖުގައި ބއިވެރިވި މީހުންނާއި ބައިވެރިވާން އުޅުނު މީހުންނާ ދެކޮޅަށް ފުލުހުންވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ކަމަށް އެކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ އެމީހުން އިހުތިޖާޖު ކުރަން އުޅުނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެކަމަށް ހުރަސް އަޅާފައި ކަމަށް ވެސް ބުނެފައިވެއެވެ. "މި އިޙުތިޖާޖުގެ ބައިވެރިންނާއި އިޙުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ކުރި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރުމަށް މަސައްކަތް ކުރިއިރު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާވެފައިވާކަން ވެސް ފާހަގަ ކުރަމެވެ." ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖުތަކާއި އެއްވުންތައް ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންނަށް ގަސްތުގައި އެކި ވަރުގެ އަނިޔާ ދެމުން ގެންދާކަމަށް ވެސް އެކޯލިޝަނުން ބުނެފައިވެއެވެ. "އަދި މިކަންކަން ތަޙުޤީޤުކޮށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަމެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގައި އިދިކޮޅުގައި އޮތް ހަމައެކަނި ސިޔާސީ 2 ޕާޓީ ކަމުގައިވާ ޕީ.ޕީ.އެމް. އާއި ޕީއެންސީ ގެ އިދާރީ އޮފީސް ހިންގާ އިމާރާތް ހުންނަ ސަރަޙައްދަށް ވަނުން މަނާކޮށް 2 ޕާޓީގެ ވެސް އިދާރީ ހިންގުމަށް ހުރަސް އެޅޭ ގޮތަށް ފުލުހުން މެދުވެރިކޮށް އެސަރަހައްދު ބަންދުކޮށް ޕާޓީގެ ވެރިންނާއި، ކައުންސިލް މެންބަރުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނަށްވެސް ވަނަ ނުދީ ހިންގަމުން ގެންދާ މުޑުދާރު ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ." އެބަޔާނުގައި ވެއެވެ. މިކަންކަން މިގޮތަށް ވިޔަނުދީ މިކަންކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

މި އިޙުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ކުރި ރައްޔިތުން ބާރުގެ ބޭނުންކޮށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވާއިރު، އޭގެތެރޭގައި 2 ޕާޓީގެ ކައުންސިލް މެންބަރުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ އިތުރުން 2 ލޯޔަރަކުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ.

ޑިމޮކްރަސީ ގެ އެއް އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ދިވެހި ސަރުކާރުން އަރައިގަނެ، ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުން ގެންގުޅޭ ހުދުމުޚުތާރު، ޑިމޮކްރަސީއާއި ބީރައްޓެހި ގޮތްގަނޑު ދޫކޮށް، މި އިޙުތިޖާޖުން ހައްޔަރުކޮށްފައިވާ އެންމެހާ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލައި، ޕާޓީގެ އިދާރި ހިންގުމަށް ހުރަސް އެޅޭ ގޮތަށް ޕާޓީ އޮފީސް ހިސޯރުކުރުން ހުއްޓުމަކަށް ގެނައުމަށް ވެސް ސަރުކާރަށް ގޮވާލާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.