ޗައިނާއާ ދެކޮޅަށް ޖާސޫސް ކުރުމުގެ ހަރަކާތްތައް އަމާޒު ކުރެވޭނެ ތަންތަނުގެ ލިސްޓެއް ތައްޔާރުކުރުމަށް ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ. މި ލިސްޓް އެކުލަވާލުމާއެކު ޖާސޫސް ކުރުމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް މަސައްކަތް ކުރުމަށްވެސް ހޯމަ ދުވަހު އެ މިނިސްޓްރީން ހާމަ ކުރި ޑޮކިއުމެންޓްގައި ބުނެފައި ވެއެވެ.
ޗައިނާއަށް ބޭރުގެ ފަރާތްތަކުން ހިންގާ ޖާސޫސް ކުރުމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ލިސްޓް ކުރެވޭ ސަރުކާރުގެ މިނިސްޓްރީތަކާއި އިދަރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ތަމްރީން ޕްރޮގްރާމުތައް ހިންގުމާއި، ވަޒީފާއަށް ވެއްދުމުގެ ކުރިން މަޢްލޫމާތު ހާމަ ނުކުރާނެ ކަމުގެ އެއްބަސްވުމެއް ހެދުމާއި، އެތަންތާނގެ މުވައްޒަފުން ބޭރަށް ދަތުރުކޮށްފައި އައުމުން އެމީހުންނާ އިންޓަރވިއުކޮށް، މަޢްލޫމާތު ހޯދުން ފަދަ ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވެއެވެ.
މީގެ އިތުރުން މިތަންތާގައި ހުންނަ އާލާތްތަކާއި މެޝިނަރީތަކުގެ ތެރޭން ބޭރުގެ ބަޔަކަށް އެއިން ޖާސުސީ މަޢްލޫމާތު ނެގޭފަދަ އާލާތްތައް ނައްތާލުމާއި ނުވަތަ އެފަދަ މަޢްލޫމާތެއްގެ ބޭނުން ދައުލަތަށް ހިފެނީނަމަ، އެތަނެއްގައި އެފަދަ އާލާތެއް ބެހެއްޓުމުގެ ގާނޫނީ ބާރުވެސް ވަނީ ގައުމީ ސަލާމަތާ ބެހޭ މިސްޓްރީއަށް ދީފައެވެ.
ބޭރު ގައުމުތަކުގެ ޖާސޫސީ ހަރަކާތްތައް އަމާޒުކުރެވޭ ތަންތަނާ ބެހޭ ލިސްޓެއް ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީން އަދި އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ތަނުގައި ޗައިނާއިން ސަމާލުކަން ދީފައިވަނީ ސިނާއީ އުފެއްދުންތައް އުފައްދާ ތަންތަނާއި ހައސާސް ސައިންޓިފިކް މަރުކަޒުތަކާއި ދިރާސާ ކުރާ ތަންތަނަށެވެ.
މިއީ އެމެރިކާއާއި ޗައިނާއާ ދެމެދު ބައްޓަން ވަމުންދާ ފުރިހަމަ ފިނި ހަނގުރާމައިގައި ޖާސޫސް ކުރުމާ ދެކޮޅަށް ޗައިނާއިން އެޅި މައިގަނޑު ފިޔަވަޅެވެ.
މިއަހަރު ފާހަގަ ކުރި ޖާސޫސް ކުރުމާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުމުގެ ދުވަހުވެސް ފުޅާދާއިރާއެއްގައި މިކަމަށް އަލިއަޅުވާފައި ވެއެވެ.
ގުޅުހުން ހުރި މައުޟޫއު:
ޗަައިނާ ބިދޭސިންނަށް ފާރަވެރިވާ މުޖުތަމައަކަށް
ޗައިނާއާއި އެމެރިކާއާ ދެމެދު ސިޔާސީ ފިކުރުގެ ހަނގުރާމައެއް ދަނީ ކުރެވެމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާ އެފްބީއައިން ބުނާ ގޮތުން ކޮންމެ ދިހަ މިނެޓަކުން ޗައިނާއާ ގުޅުން ހުރި ޖާސޫސީ ތަހުގީގެއް މިފަހަކަށް އައިސް އެއިދާރާއިން ފަށައެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ ޗައިނާގެ ވެރިކަމުޖގެ ނިޒާމުގެ އަގު ވައްޓާލުމަށް ޗައިނާއަކީ ޚުދު މުޚުތާރު ވެރިކަމެއް ހިންގާ ގައުމެއްކަމަށް ލޭބަލްލ ކުރުން އެމެރިކާއިން ހުއްޓާލަން ވެއްޖެ ކަމަށެވެ.
އެމެރިކާގެ އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކަކީވެސް ޗައިނާއިން ޝައްކުގެ ނަޒަރަކުން ދެކޭ ފަރާތްތަކެކެވެ. އެފަދަ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި އެމީހުން ޗައިނާއަށް ވަނުންވެސް މަނާކޮށްފައި ވެއެވެ.