އިރާގުން 1990 ވަނަ އަހަރު ކުވެއިތަށް އަރައިގަތް އުދުވާނީ ހަމަލާއާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް ދެމުންދާ ބަދަލުތަކުގެ ތެރޭން ހޯމަ ދުވަހާ ހަމައަށް 380 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް އދން ބުނެފިއެވެ. ކުވެއިތަށް ބަދަލު ދިނުމާ ބެހޭ އދގެ ކޮމިޓީން ބުނާ ގޮތުން މިހާތަނަށް ޖުމުލަ 50.7 ބިލިއަން އެމެރިކާ ޑޮލަރު ކުވެއިތަށް ބަދަލުގެ ގޮތުގައި ދެވިފައި ވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި އެކުލަވާލާފައިވާ މިކޮމިޓީން ހާމަ ކުރިގޮތުގައި ދެން ބާކީ ނުދެވި ވާނީ، ކުވެއިތުގެ ޕެޓްރޯލް ކުންފުންޏަށް ދޭން ޖެހޭ 1.7 ބިލިއަން އެމެރިކާ ޑޮލަރެވެ.

ކުވެއިތަށް ބަދަލު ދިނުމުގެ ކަންކަން ހިނގަމުން ދަނީ އިރާގް ޕެޓްރޯލް ވިއްކައިގެން ލިބޭ ފައިސާއިން ކޮންމެ ތިން މަހުން އެއްފަހަރު ކުވެއިތަށް ފައިސާ ދޭ ގޮތަށެވެ.