އޯލާ އިލެކްޓްރިކް އިން ވަނީ ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގަ އިންޑިއާގެ ހަތަރު ސަތޭކަ ސިޓީއެއްގައި ފަސްހާސް ޗާޖިންގ ސްޓޭޝަން ގާއިމް ކުރުމަށް ނިންމާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ބެޓެރިން ދުއްވާ ސައިކަލް އުފައްދާ ފެކްޓްރީއެވެ.

އިންޑިއާގެ ސިޓީތަކުގައި ކުލީ ކާރު ދުއްވާ ކުންފުންޏެއް ކަމަށްވާ އޯލާއިން ވަނީ ނެދަރލެންޑްގެ ކުންފުންޏެއް ގަނެގެން ޓެމިލްނާޑުގައި ބެޓެރި ކާރު އުފައްދާ ފެކްޓްރީއެއް ބިނާކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ފެކްޓްރީގެ އަމާޒަކީ، ކޮންމެ ދެ ސިކުންތަކުން ސައިކަލެއް އުފެއްދުމެވެ. އަދި އަހަރަކު ދިހަ މިލިއަން ސައިކަލް އުފެއްދުމެވެ. މި ފެކްޓްރީން އުފައްދަނީ މިހާރު ބާޒާރުގައި ލިބެން ހުރި ބެޓެރި ސައިކަލަށް ވުރެން ދިގު ރާސްތާ ކަޑައްތު ކުރާނެ ބެޓެރި ސައިކަލްތަކެވެ. މި ފެކްޓްރީގައި ދިހަ ހާސް މީހުންނަށް ވަޒީފާ އޮންނާނެއެވެ.

500 އޭކަރުގެ ބިމެއްގައި ހަދާ މި ފެކްޓްރީއަކީ، އުމުރުން 35 އަހަރުގެ ބަހަވީޝް އަގަރްވާލްގެ ހުވަފެނެކެވެ. އޭނާއަކީ މި މައިދާނުގައި އައު ނަމެއް ނޫނެވެ.

އިންޑިއާގައި ފުޅާދާއިރާއެއްގައި ހިންގާ ޓެކްސީ ޚިދުމަތް “އޯލާ” އަކީ އޭނާގެ އީޖާދެކެވެ.

އަގަރްވާލް ވަނީ ބެޓެރި ސައިކަލް އުފައްދާ ނެދަރލެންޑްގެ ކުންފުންޏެއް ކަމަށްވާ އީޓާގޯ މިދިޔަ އަހަރުގެ މޭމަހު ގަނެފައެވެ.

އީޓާގޯއަކީ ދިގު ރާސްތާއަށް ދަތުރުކުރެވޭ ގޮތަށް ބޭނުންކުރެވޭ ވައްތަރުގެ ބެޓެރިއަކާ އެކު ދުއްވާ ސައިކަލް އުފައްދާ ކުންފުންޏެކެވެ.

އިންޑިއާގައި އުފައްދާ އޯލާގެ ބެޓެރި ސައިކަލްގެ 50 އިންސައްތަ އެންމެ 18 މިނެޓުން ޗާޖް ކުރެވޭނެއެވެ. އަދި މިއިން 75 ކިލޯމީޓަރަށް ދަތުރު ކުރެވޭނެއެވެ.

އޯލާއިން ދަނީ އޯލާ ހައިޕާޗާރޖަރ ނެޓްވަރކްގެ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް މި އޮތް ދުވަސްތަކުގައި އޯލާއިން ބެޓެރިން ދުއްވާ ދެ ފުރޮޅުލީ ސައިކަލް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވެއެވެ.

އޯލާ ހައިޕާޗަރގަރ ނެޓްވަރކް ވެގެންދާނީ ފުޅާދާއިރާއެއްގައި ދެ ފުރޮޅުލީ އުޅަނދު ޗާޖް ކުރުމަށް ދުނިޔޭގައި ގާއިމް ކުރާ މިފަދަ ފުރަތަމަ ނެޓްވަރކެވެ.

އަގަރްވާލް ކިޔައި ދިން ގޮތުގައި ވިއެޓްނާމް ފަދަ ގައުމެއްގައި ކޮންމެ އެއްހާސް މީހަކަށް 500 އާއި 600 ސައިކަލް ޖެހޭއިރު އިންޑިއާގައި މިއަދަދު އުޅެނީ، 160 ގައެވެ.

އޭނާގެ ސައިކަލްތަކުގައި މަޑި ދަށުގައި ދެ ހެލްމެޓް ބޭއްވޭ ވަރުގެ ޖާގައެއް އޮންނާނެއެވެ. އަދި ކޮންމެ ސައިކަލަކާއެކު ދެ މެޓެރި ލިބޭނެއެވެ. ކޮންމެ ބެޓެރިއެއްވެސް ޗާޖް ކުރުމަށް ގަޑިއެއް ހޭދަވާއިރު އޭގެ ބަރު ދަނުގައި ދިހަ ކިލޯ ހުންނާނެއެވެ. މި ބެޓެރިއަކީ މިހާރު ހުންނަ ސައިކަލް ބެޓެރިއަށް ވުރެން މާގިނަ ވަގުތު ބޭނުން ކުރެވޭނެ ބެޓެރިއެކެވެ.