އަވަށްޓެރި އިންޑިއާއަށް އައިސްފައިވާ ކޮވިޑްގެ ދެވަނަ ބޮޑު ރާޅާއެކު އެ ގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. މިހާލަތުގައި ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ވަނީ އެ ހާލަތުން އަރައިގަތުމަށް އެމީހަކަށް ވެވެން އޮތް އެހީތެރި ކަމެއް ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ.

އިންސްޓަގްރާމް ގައި އޭނާ ހިއްސާ ކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ އޭނާއާއި ފިރިމީހާ ނިކް ޖޮނަސް އާ ދެމީހުންވެސް ވަނީ އެހީ ފޯރުކޮށްދީފައި ކަމަށް އޭނާ ބުނެފައިވެއެވެ. ކުރިއަށްއޮތްތާގައި ވެސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޕްރިޔަންކާ ބުނެފައިވެއެވެ.

އިންޑިއާގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ބަލިމީހުން ބައިތިއްބައިގެން ފަރުވާ ދެވެންނެތް ހިސާބަށްވަނީ ގޮސްފައެވެ. އަދި މުހިއްމު ބޭސްތަކެއްގެ އިތުރުން އޮކްސިޖަން ސަޕްލައި ކުރުމަށް ވެސް ވަނީ ދަތިވެފައެވެ.

ޕްރިޔަންކާ ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ލަންޑަންގައި ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ހާލަތު އެގައުމުގައިތިބި ރައްޓެހިންނާއި އާއިލާ މީހުންގެ ފަރާތުން އެނގެމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ޕްރިޔަންކާ ބުނެފައިވަނީ އެންމެން އެއްދުނިޔެއެއްގައި މިހާލަތުގައި އުޅެމުންދާއިރު އެންމެންގެ ސަލާމަތަށް ވެސް ވިސްނަން ޖެހޭކަމަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އެހީވާންޖެހޭ ކަމަށެވެ. މި ހާލަތުގައި އެންމެން ތިބެންވީ ކީއްވެގެންތޯއާއި މިކަންތައް މިހެން ވާންޖެހުނީ ކީއްވެގެންތޯ ހިތަށް އަރާނެކަން ވިސްނޭ ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައިއެވެ. މިފަދަ ސުވާލުތައް އުފެދޭ މީހުންނަށް ޖަވާބު ދޭނެ ކަމަށާއި ނަމަވެސް އެއީ މި ހާލަތު ކޮންޓްރޯލް ކުރެވުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ ބުނެފައިވަނީ "އަހަރެން ވަނީ ގިވް އިންޑިއާ އާއި ގުޅިގެން ފަންޑަރައިޒާއެއް ހަދާފައި ކިތަންމެ ކުޑަ އެއްޗެއް ދެވުނު ނަމަވެސް އެއިން ބޮޑު ތަފާތެއް ގެނެވިދާނެ. ގާތްގަނޑަކަށް 63 މިލިއަން މީހުން އަހަރެން ފޮލޯކުރޭ އޭގެތެރެއިން 100,000 މީހުން ވިޔަސް 10$ ޑޮނޭޓް ކޮށްފިނަމަ އެއީ 1$ މިލިއަން ޑޮލަރު، އެއީ ބޮޑު އަދަދެއް. ތިޔަބޭފުޅުން ދޭ ޑޮނޭޝަން ސީދާ ދާނީ ހެލްތު ކެއާ ފިޒިކަލް އިންފްރާސްޓްރަކްޗަރ (ކޮވިޑް ސެންޓަރސް އައިސޮލޭޝަން ސެންޓަރސް އޮކްސިޖަން ޖެނެރޭޝަން ޕްލާންޓްސް ހިމެނޭ) ފަރުވާދޭން ބޭނުންކުރާ އާލަތްތަކުގެ އިތުރުން ވެކްސިން އަދި ކޮވިޑުން އަރައިގަންނަށް ކުރާ އެހެނިހެން ކަންކަމަށް،" ކަމަށެވެ. މިހާރު ވެސް އެކި މީހުން މިކަމަށް އެހީވަމުންދާ ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިކަމާއެކު އުފާ ކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް ޕްރިޔަންކާ ވަނީ އިންޑިއާއަށް ވެކްސިން ހޯދައިދޭން މަސައްކަތް ކޮށްފައެވެ. އަދި ޔޫއެސްއިން ބޭނުންވާ ވަރަށްވުރެން އިތުރަށް ވެކްސިން އޯޑަރުކޮށްފައިވާތީ އެކަމާ ބެހޭގޮތުން ޓުވީޓު ކޮށްފައިއެވެ. ޕްރިޔަންކާގެ އެ ޓުވީޓަށް ޖަވާބު ދެމުން މީހަކު ބުނެފައިވަނީ އިންޑިއާގައި ވެކްސިން އުފެއްދިދާނެ ކަމަށާއި އަދި މިވަގުތު އިންޑިއާއަށް ވެކްސިންއަށް ވުރެން މުހިއްމީ އޮކްސިޖަންއާއި، އެނދާއި، ވެންޓިލޭޓާރުތައް ކަމަށެވެ.

މިކަމާ ގުޅިގެން ޕްރިޔަންކާ ބުނެފައިވަނި އެ ހުރިހާ އެއްޗަކީ ވެސް މީހާގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާނެ ތަކެތި ކަމަށެވެ. އަދި އިންޑިއާގައި ވައިރަސް ފެތުރުން ހުއްޓުވޭނީ އެންމެން ވެސް ވެކްސިން ޖަހައިގެން ދިފާއީ ނީޒާމު ވަރުގަދަ ކުރުމުން ކަމަށް ބުނެފައިވެއެވެ.