އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި 18 ކުލާސް ރޫމް ހިމެނޭ އިމާރާތެއް ކުރުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ. ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މި މަސައްކަތަށް އެކުންފުނީން ހުށަހަޅުއްވާ އަގަކީ އެގާރަމިލިއަން ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ރުފިޔާ ހަތްދިހަ ނުވަ ލާރި އެވެ. މި މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 365 ދުވަހުގެ ތެރޭގައެވެ. އެހެންކަމުން މި މަސައްކަތް 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މުޅިން ނިމޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮކިޔުމަންޓް މެނޭޖަރ މުހައްމަދު ހަމްދޫނެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ކޮންސަލްޓެންޓުން ވަނީ ޢަރަބިއްޔާ ސްކޫލްގެ ވެސް ފުލް އިންސްޕެކްޝަނެއް ވެސް ހަދައިފައެވެ. އެގޮތުން އެސްކޫލުގައި ވެސް މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް ވަނީ ފާހަގަވެފައެވެ. އެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މި އަންނަ ހަފްތާގެ ހޯމަ ދުވަހު އިޢުލާނު ކުރެވިގެންދާނެ ކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.