އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެން މިސްކިތްތަކާއި ދީނީ މަދަރްސާތައް ކޮވިޑް19އަށް ފަރުވާދޭ މަރުކަޒު ތަކަށާއި، އައިސޮލޭޝަން ސެންޓަރުތަކަށް ހެދުމަށް އެތަންތަން ހިންގަން ތިބޭ ވެރިން ނިންމައިފިއެވެ.
ކޮވިޑް ސެންޓަރުތަކަށް މިސްކިތްތައް ބަދަލު ކުރުމާ ގުޅިގެން ގިނަ ބަޔަކު ސުއާލު ކޮށްފައި ވަނީ މިސްކިތްތެރޭގައި އަލްކޮހޮލް އަޅާފައި ހުންނަ ބޭހާއި ސެނިޓައިޒަރ ބޭނުން ކުރެވިދާނެ ތޯއެވެ.
އިންޑިއާގެ އެންމެ ބޮޑު ދީނީ މަރުކަޒު، ދާރުލް ޢުލޫމް ދެއޮބަންދުން ނެރެފައިވާ ފަތުވާގައި މުސްލިމުންނަށް އަންގާފައި ވަނީ އަލްކޮހޮލު އަޅާފައިވާ ސެނިޓައިޒަރ ބޭނުންކުރުމާއި މިސްކިތް ސާފުކުރުމަށް އެފަދަ ސެނިޓައިޒަރ ބޭނުން ކުރުން ހުއްދަ ކަމަށެވެ.
ދާރުލް ޢުލޫމް ދެއޮބަންދުން ވަނީ އެތާގެ އިމާރާތްތައް ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރަށް ދިނުމަށް އެދި ޔޫޕީގެ ޗީފް މިނިސްޓަރ ޔޯގީއަށް ސިޓީއަކުން އަންގާފައެވެ. ދެއޮބަންދުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ތިން ބުރީގެ ދާރުލް ޤުރުއާން އިމާރާތް ސަތޭކަ މީހުންނަށް ފަރުވާ ދިނުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ބަރޫޗްގެ ކަންތާރިއާގެ ދާރުލް އުލޫމްވެސް ވަނީ ސަތޭކަ އެނދުގެ ކޮވިޑް ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. އެ މަދަރްސާއިން މަޢްލޫމާތު ދީފައިވާ ގޮތުގައި ކޮވިޑް ފެސިލީއަކަށް ބަދަލު ކުރުމަށް ބޭނުންވާ އެހީ ލިބިފައި ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ހެޔޮ އެދޭ ފަރާތްތަކެއްގެ ކިބައިންނެވެ.
ގުޖުރާތުގެ އެހެން ސިޓީއެއް ކަމަށްވާ ވަޅޯދްރާގެ ޖަހާންގީރްޕޫރާ މިސްކިތަކާއި އެ ސިޓީގެ ދާރުލް އުލޫމް ދީނީ މަދަރުސާއެއް ވެސް ވަނީ ކޯވިޑް ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. މިހުރިހައި ތަނެއްގައިވެސް ފަރުވާ ދެވެނީ ހިލޭ އެވެ.
ޖަހާނގީރްޕޫރާ މިސްކިތަކީ 50 އެނދުގެ ފެސިލޓީއެކެވެ. މިހާރުވެސް އެތާގައި 18 ހިންދީންނާއި 25 މުސްލިމުންނަށް ފަރުވާ ދެވޭ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
މިކަމުގެ ޚަރަދަކީ މިތަންހިންގަން ތިބޭ ޓްރަސްޓްތަކުން އަމިއްލައަށް ހިއްސާކުރާ ހޭދައެކެވެ. އަދި މިތަންތާގައި މުސްލިމުންނާއި އެނޫން އެހެން ދީންތަކުގެ މީހުންނަށް ތަފާތު ކުރުމަކާއި ނުލައި ފަރުވާ ދެވެއެވެ.
ދިއްލީގައި ވަގްފް ބޯޑުން އިސްނަގައިގެން ހިންގި ހަރަކާތުގައި ޖާމިއާ ނަގަރުގެ ހުރިހައި މިސްކިތެއްވެސް ވަނީ ކޮވިޑް ފެސިލިޓީތަކަށް ބަދަލު ކޮށްފައެވެ. ދިއްލީގެ އޯކްލާ އޭރިއާގައިވެސް ވިއްސަކަށް މިސްކިތެއް ވަނީ ކޮވިޑް ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ.
އިންޑިއާގައި ކޮވިޑް ފެތުރި ކަމަށް މީޑިއާއާއި ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ތުހުމަތު ކުރި ނިޒާމުއްދީން އައުލިޔާ މިސްކިތް ހުޅުވުމަށް މިހާލަތުގައިވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. ރޯދަ މަހަށް މިސްކިތް ހުޅުވުމުގެ ހުއްދައަކަށް އެދި އަދި ކުމްބް މޭލާއަށް އިޝާރާތް ކޮށް ދިއްލީ ހައި ކޯޓަށް ހުށަހެޅުމުން ހުއްދަ ދިނުމަށް ކޯޓުން އެންގުމުން، ދިއްލީގެ ޑިޒާސްޓަރ މެނޭޖްމަންޓުން އެތަން ބަންދުކޮށްފައި ބެހެއްޓުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއާއެކު ހައި ކޯޓުން ވަނީ ސަރުކާރުން މިކަމާ ބެހޭ ލިޔުން ހުށަހެޅުމަށް ވަގުތު ދީފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޮދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު، މުސްލިމުންގެ ގިނަ ބަޔަކު ދިރިތިއްބައި އަންދާލި ހާދިސާ މެދުވެރިވި، ގޯދްރާގެ މިސްކިތް ވެސް ވަނީ ކޮވިޑް ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.