އިންޑިއާގެ ކޯވިޑްގެ ކާރިސާގައި ރައްޔިތުން، އިންޓަރނެޓްގައި އުދާސްތައް ބޭރުކުރުމުން އެކަމަށް ފުލުހުން ނުވަތަ ސްޓޭޓްތަކުގެ ސަރުކާރުން ފިޔަވަޅު އަޅާނަމަ، އެބަޔަކާ ދެކޮޅަށް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު އިންޒާރު ކޮށްފިއެވެ.
ކޮވިޑްގެ ކާރިސާގައި އިންޑިއާ ސަރުކާރުން ކަންކޮށްފައިވާ ގޮތާ މެދު ނުރުހިގެން ޓުއިޓާގައި ވާހަކަ ދެއްކި ގިނަ ޕޯސްޓްތައް އިންޑިއާ ސަރުކާރުން އެދިގެން ޓުއިޓާއިން ވަނީ ނަގާފައެވެ. ނަމަވެސް ބައެއް މީޑިއާއިން ވަނީ މިޓުއީޓްތައް އާކާރއިވްކޮށްފައެވެ.
ފޭސްބުކްއިން ވެސް ވަނީ އިންޑިއާ ސަރުކާރަށް ފާޑުކީ ބައެއް ޕޯސްޓްތައް ހިނދުކޮޅަކަށް ހިފަހައްޓާފައެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އެއީ އެފްބީ ކޮމިއުނިޓީގެ މިންގަނޑުތަކާ ޚިލާފް ޕޯސްޓްތަކެއް ނޫން ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ ދާއިރާ ހަނިކުރެވެމުންދާ ދުވަސްވަރެއްގައި އައިސްފައިވާ، ސުޕްރީމް ކޯޓުގެ އިންޒާރުގައި ބުނެފައި ވަނީ، ސޮކްސިޖަން ސިލިންޑަރ ނުލިބިގެން ނުވަތަ ކޮވިޑް ބޭހެއް ނުލިބިގެން ނުވަތަ ހަސްފަތާލަކުން އެނދެއް ނުލިބިގެން ނުވަތަ އެނދުމަތި ނުކޮށްދީގެން މީހަކު އިންތަރނެޓްގައި ބުނާ އެއްޗަކުން އޭނާއާ މެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.
ކޯޓުން މިކަން އެނގި ޖަލްސާއަށް ހާޒިރުވެ އިންނެވި އިންޑިއާގެ ސޮލިސިޓަރ ޖެނެރަލް ވިދާޅުވީ "ޢިއްޒަތްތެރި ފަނޑިޔާރުން ވިދާޅުވާ ވާހަކަތަކަށް ފުރިހަމައަށް އިޙުތިރާމް ކުރާ ކަމަށެވެ."
އިންޑިއާގެ ޔޫޕީ ސްޓޭޓްގެ ހަރުކަށި ޗީފް މިނިސްޓަރ ވިދާޅުވެފައި ވަނީ އޮކްސިޖަން ނުލިބިގެން ވާހަކަ ދައްކާ މީހުން ހަދަނީ ދޮގު ކަމަށެވެ. އަދި އެފަދަ މީހުންގެ މުދާ ހިފެހެއްޓުމަށް އޭނާ ވަނީ ފުލުހުންނަށް އަންގާފައެވެ.
އިދިކޮޅު ކޮންގްރސްގެ އިސް ލީޑަރު ޕީ ޗިޑަމްބަރަމް ވަނީ މި ވާހަކައަށް މަލާމާތް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރައްޔިތުންނަށް ކާރިސާގައި ޚިޔާލު ފާޅުކުރަން ލިބުމުން ސިޔާސަތު އެކުލަވާލާ މީހުންނަށް ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. އެގޮތުން 1918ގައި އިންޑިއާއަށް ދިމާވި ކާރިސާއާ ޚިލާފަށް، އިންޑިއާއަށް 1970 ގައި ދިމާވި ބަނޑަށް ޖެހުމުގައި ސަލާމަތް ވީ ރައްޔިތުންގެ އުދާސްތައް އަޑު އަހައި ސިޔާސަތަށް ސަރުކާރުން ބަދަލު ގެނައުމުން ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިއީ ކާރިސާއެއް ކަމަށާއި މިވަގުތު ހަމްދަރްދީވެ ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި ފަނޑިޔާރުން ސޮލިސިޓަރ ޖެނެރަލްއާ ސުއާލު ކުރެއްވީ، އިންޑިއާގައި ވެކްސިން ޖެއްސުމަށް ކޯވިންއެޕް ގައި ރަޖިސްޓްރީ ވާން މަޖުބޫރު ވާއިރު، ލިޔަންކިޔަން ނުދަންނަ މީހުން މި އެޕްގައި ރަޖިސްޓްރީ ވާނީ ކިހިނެއް ހެއްޔެވެ؟
އިންޑިއާގައި ވެކްސިންގެ އަގު ބޮޑުކަންވެސް ސަމާލުކަމަށް ގެންނަވަމުން ފަނޑިޔާރުން ވިދާޅުވީ، އެމެރިކާއަށް ވުރެން އިންޑިއާގައި ވެކްސިން އަގު ބޮޑު ކަމަށެވެ. އަދި ސަރުކާރަށް ވެކްސިން އުފައްދާ ފަރާތުން މަރުކަޒީ ސަރުކާރަށް 150 ރުޕީސްއަށް ވެކްސިން ދޭއިރު ސްޓޭޓްތަކަށް 300 ރުޕީސްއަށް ވެކްސިން ދެވެނީ ކޮން ހަމައަކުން ހެއްޔެވެ؟ ގައުމެއްގެ ހައިއްޔަތުން އިންޑިއާއިން އެސްޓްރާޒެނެކާއަށް މިފައިސާ ދޭންވީ ކީވެގެން ހެއްޔެވެ؟ ސުއާލު ކުރެއްވި އެވެ. އަދި ޕޭޓެންޓް ގާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ކޮވިޑް ވެކްސިންގެ ލައިސަންސް ދިނުމަށް މަޖުބޫރު ނުކުރަނީ ކީއްވެގެން ތޯވެސް އެއްސެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ހައްގުގައި ވާހަކަ ދައްކަމުން ކޯޓުން ބުނެފައި ވަނީ އެމީހުންނަކީ "ކޮވިޑް ވޯރިއާސް" ކަމަށް ބުނެ ސިފަ ކުރުމަކުން ނުފުދޭނެ ކަމަށެވެ. އެމީހުންގެ ރައްކާތެރިކަމަށް ސަރުކާރުން އަޅާފައި ވަނީ ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟
މިއީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމިއްލަ އިޚްރތިޔާރުން ބަލާފައިވާ ސޫމޯޓޯ މައްސަލައެކެވެ. މީގެ ކުރިން ގިނަ މައްސަލަތަކެއްގައި ސުޕްރީމް ކޯޓުން ވަނީ ސަރުކާރަށް ފަހިވާ ޙުކުމްތަކެއްވެސް ދީފައެވެ.