ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ދެ ރަށެއްގެ ވޯޓުފޮށީގައި މައްސަލަތަކެއް ދިމާވެގެން އެ ދެ ރަށުގައި އަލުން ވޯޓުނެގުމަށް އީސީން ވަނީ ނިންމާފަ އެވެ. އެއީ ލ. މާވަށާއި ތ. ގާދިއްފުއްޓެވެ.

މި ދެރަށުގައި އަލުން ވޯޓުލާން ނިންމާފައިވަނީ އެ ވޯޓު ފޮށިތަކަށް ދާއިރާ ނޫން ބަޔަކު، އޮޅިގެން ވޯޓުލާފައިވާކަން ސާބިތު ވުމާ ގުޅިގެންނެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާންކޮށް ނިމުނު އިރު އަލުން އިންތިހާބު ބާއްވަން ޖެހޭ އިތުރު ދާއިރާތަކެއްވެސް ފާހަގަވެފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ދެވަނަ ބުރު އަދި އަލުން ވޯޓުލުމަށް ނިންމާފައިވަނީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫގެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރިނަމަވެސް، އެމްޑީޕީއަށް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވަނީ މާލެއިންނެވެ. އެމްޑީޕީއަށް އިންތިހާބުގައި މާލޭގެ މޭޔަރުކަމާއި މެޖޯރިޓީވެސް ވަނީ ގެއްލިފައެވެ.