ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ރައީސް ޔާމީންގެ އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށްފައެވެ.
މި މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުޤީޤު ކުރަމުންދޭތޯ ސުވާލު ކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅުވެފައި ނުވެއެވެ.
ފުލުހުންގެ މިވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކާއި ގުޅޭ ތަހުގީގެއް ނުކުރައްވާކަމަށާ ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށެވެ.
އެދުވަހުގެ އަޑު އެހުމުގައި ފުލުހުން ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ އިތުރު ދެ މައްސަލައެއް މިހާރުވެސް ތަހުޤީޤު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.