އެމެރިކާއާއި ރަޝިއާގެ ގުޅުން ފިނި ހަނގުރާމައިގެ ޒަމާނަށް ވުރެން ގޯސްވެފައިވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލާވްރޯވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ފިނި ހަނގުރާމައި ގެ ދުވަސްވަރު ދޭތެރެ ދޭތެރޭން ދެބަސްވުންތައް އުފެދި ހިނދޭ ކަމަށެވެ. އަދި އެއިރު ދެފަރާތް ދެމެދު އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމް ކުރުން އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ކަމެއް ނެތް ކަމަށެވެ.

އެމެރިކާއާއި ރަޝިޔާއާ ދެމެދު ވަޅޯ ވަމުންދާ ގުޅުމާއެކު އެމެރިކާއިން ބުނެފައި ވަނީ މޮސްކޯގައި ހުންނަ އެގައުމުގެ އެމްބަސީގެ ކޮންސިއުލާ ޚިދުމަތުގައި ތިބޭ މުވައްޒަފުން މަދުވުމާއެކު، މިހާރު އެ ޚިދުމަތް 75 އިންސައްތައަށް ކުޑަވެގެން ގޮސްފައިވާ ކަމަށެވެ.

ރަޝިޔާއިން އަންގާފައި ވަނީ ކޮންސިއުލާ ޚިދުމަތް ދިނުމަށް ބޭރު ގައުމުތަކުގެ މުވައްޒަފުން ތިބެގެން ނުވާނެ ކަމަށެވެ.

އެމެރިކާގެ އިންތިޚާބުގައި ރަޝިޔާއިން ނުފޫޒު ފޯރުގައި އަދި އެމެރިކާގެ ސަރުކާރުގެ އިދާރާތަކަށް ރަޝިޔާއިން ޖާސޫސްކޮށް ސައިބާ އެޓޭކްތައް ދީފައިވާ ކަމަށް ބުނެ އެމެރިކާއިން ވަނީ ރަޝިޔާގެ އެމްބަސީން ދިހަ ސްޓާފުން ގައުމުން ބޭރުވުމަށް އަންގާފައެވެ. ހަމަ އެއާއެކު ރަޝިޔާއިން ވެސް ބުނެފައި ވަނީ މޮސްކޯގައި ހުންނަ އެމެރިކާ އެމްބަސީން ދިހަ ސްޓާފުން ބޭރު ވުމަށެވެ.

އެމެރިކާއިން ވަނީ ރަޝިޔާއަށް އެމެރިކާއިން ފައިސާ ދަރަންޏަށް ނުގެންދެވޭ ގޮތް ހަދައި ރަޝިޔާގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ބަޔަކު ބްލެކް ލިސްޓްކޮށްފައެވެ. މިއާއެކު ރަޝިޔާއިން ވަނީ އެމެރިކާގެ މަސްއޫލުވެރިންތަކެއްވެސް ބްލެކް ލިސްޓް ކޮށްފައެވެ.