ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ބޭނުންކުރާ ބޯއިންގ ޕީ8 އައި މަރުކާގެ މަތިން ދާބޯޓުގެ އައު ބެޗެއް އިންޑިއާއަށް ވިއްކުމަށް އެމެރިކާއިން ނިންމައިފިއެވެ.
މީގެ ކުރިންވެސް އެމެރިކާއިން ވަނީ މި މަރުކާގެ ހަ ބޯޓެއް އިންޑިއާއަށް ވިއްކާފައެވެ.
ކޮންގްރެސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ ބޯއިންގ ޕީ8 އައި ގެ ހަ ބޯޓް ވިއްކުމަށް ގަސްތު ކުރާ ކަމަށެވެ. މީގެ ޖުމުލަ އަގު 2.8 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.
ޕީ8 އައި މަރުކާގެ ބޯޓްތަކަކީ އެމެރިކާގެ އައްސޭރިފަށާއި ކަނޑުގެ ސަރަހައްދު މޮނީޓަރ ކުރުމަށް ބޯއިން ކުންފުނިން އެމެރިކާގެ ނޭވީއަށް އުފައްދާ ދީފައިވާ މަތިންދާބޯޓެކެވެ. އަދި މި ބޯޓްގެ އެންމެ ފުރަތަމަ ބިދޭސީ ކަސްޓަމަރަކީވެސް އިންޑިއާއެވެ.
އިންޑިއާއަށް އަލަށް ވިއްކާ ބޯޓްތަކަކީ، މިސައިލްއަށް އިންޒާރުދޭ ނިޒާމު ހަރުކޮށްފައިވާ، އަދި ޖީޕީއެސް ސިސްޓަމް ހިމެނޭ، ވައްތަރުގެ ބޯޓްތަކެކެވެ.
އިންޑިއާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް އިތުރު ވަމުން ދިއުމާ ގުޅިގެން އިންޑިއާއިން ދަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީ8 މަރުކާގެ ބޯޓްތަކަކީ، ދުރުރާސްތާއަށް ދަތުރުކުރާ، ސެބްމެރިންއާ ދެކޮޅަށްވެސް އަދި ކަނޑުގެ ސަތަހައިގެ ހަނގުރާމައަށް ވެސް ބޭނުން ކުރެވޭ މަލްޓި މިޝަން މޯޑްގެ ބޯޓެކެވެ.