އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ ރޭ ފުލޫކުލިނިކަމަށް ދެއްކި ފިރިހެނެކެވެ. އޭނާއަކީ ފޭދޫ އަވަށަށް ނިސްބަތްވާ މީހެކެވެ.

"ރޯގާގެ އަލާމާތްތައް ހުރެގެން ހިތަދޫ ފުލޫކުލިނިކަށް ދައްކަން އައި މީހަކު މިވަނީ ކޮވިޑަށް ޝައްކު ކުރެވިގެން ޓެސްޓު ހެދިއިރު ޕޮޒިޓިވް ވެފައި،" ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިއީ ކޮމިޔުނިޓީ ތެރެއިން ފެނުނު ކޭސް އެއް ކަމުން މިއީ ބިރުވެރި ކަމުގެ ރަނގަބީލަކަށް ވެދާނެއެވެ. ހޮސްޕިޓަލުން ވިދާޅުވީ އެމީހާ އެކަހެރި ކުރުމަށްފަހު އޭނާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން ގެންދާ ކަމަށެވެ. މީގެ ކުރިން ވެސް އައްޑޫ ސިޓީން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.